Advertisement

އީފާސް އަށް 10 އަހަރު؛ ހިދުމަތް ބޭނުންކުރާ އަދަދު 137،000 އަށް

7 ފެބުރުވަރީ 2023 - 07:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު


އީފާސް އަށް 10 އަހަރު؛ ހިދުމަތް ބޭނުންކުރާ އަދަދު 137،000 އަށް

7 ފެބުރުވަރީ 2023 - 07:25 0

ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް އަށް 10 އަހަރު ފުރުނު އިރު އެ ޕޯޓަލް މެދުވެރިކޮށް 137،000 ވުރެ ގިނަ މީހުން ހިދުމަތައް ހޯދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

އީފާސް އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން 137،000 މީހަކަށް 440 އަށްވުރެ ގިނަ ހިދުމަތް ވަނީ ދެވިފަ އެވެ. އެ ހިދުމަތްތައް ހޯދުމަށް އެ މުއްދަތުގެ ތެރޭގައި 5.98 މިލިއަން ލޮގިން ވެފައިވެ އެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފަރުމާކޮށް ބަލަހައްޓަމުންދާ މި ޕޯޓަލް ބޭނުންކުރާ މިންވަރަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު އެވެ. އެގޮތުން 2018 އިން މި އަހަރާ ހަމައަށް އެ ޕޯޓަލް ބޭނުންކުރާ މީހުންގެ އަދަދު ވަނީ 8،000 އިން 137،000 އަށް އުފުލިފަ އެވެ. އަދި ލޮގިންގެ އަދަދު 1.3 މިލިއަން އިން 4.6 މިލިއަނަށް ވަނީ އުފުލިފަ އެވެ.

ހަތަރު އަހަރުގެ ކާމިޔާބީއާ ގުޅުވާ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު "އަދަދު" އަށް ވިދާޅުވީ، މި ހަތަރު އަހަރު ތެރޭ ފެނިގެން މި ދިޔައީ ޑިޖިޓަލް ތަރައްގީއަށް ބޭނުންވާ ރޭވުންތެރިކަމާއި ލީޑަޝިޕް ލިބުމުން ޑިޖިޓަލް ހިދުމަތްތައް ކުރިއަރައިގެންދާ މިންވަރު ކަމަށެވެ.

"އީފާސް އަކީ ޑިޖިޓަލް ޖަޒީރާ ރާއްޖެއެއްގެ ތަޅުދަނޑި، ރައްކާތެރި ކަމާއެކު ކޮންމެ ރައްވެއްސެއްގެ އަތަށް މި ތަޅުދަނޑި ގެންގޮސް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އީފާސް މޯބައިލް އެޕުން ޑިޖިޓަލް އައިޑެންޓިޓީ ކާޑު ފޯރުކޮށްދެވި، އީފާސް އަކީ ގައުމީ އައިޑެންޓިޓީ ޕްލެޓްފޯމުގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ހިދުމަތްތައް އޮންލައިންކޮށް، އަންނަ މަހު ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.