6 ފެބުރުވަރީ 2023 - 10:17 0
އައިޝަތު ނުޒުހާ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ޖޫން މަހު ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
6 ފެބުރުވަރީ 2023 - 10:17 0
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ނިންމައި އެ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް ސޯލިހު އިއުލާނު ކުރެއްވީ މިދިޔަ އަހަރު އިއްވި ރިޔާސީ ބަޔާނުގަ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި އެކުލަވާލާނެ ކަމަށް ވިދާޅުވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު މިހާރު އެކުލަވާލައި ނިމިފައިވާ ކަން ފާހަގަކުރައްވާފަ އެވެ.
"އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާތެރޭ ހުޅުމާލޭގާ ހުޅުވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ސަރުކާރުން އެކުލަވާލާފައިވާއިރު، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް މި ދަފްތަރުން ބަހާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މިއީ ގާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ލިބިގެންދާނެ ލުއިފަސޭހައެއްގެ ގޮތުގައި ރައީސް ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment