Advertisement

ވިހިތޭވީހަށް ފެތޭ ބައިސްކޯފުގެއެއް؛ އޮލިމްޕަހަށް މިއައީ އުންމީދީ ބޮޑު ބަދަލެއް

5 ފެބުރުވަރީ 2023 - 07:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަރާމާތަށް ފަހު އޮލިމްޕަސް ހުޅުވުމަށް ބޭއްވި އިވެންޓުގައި ރާއްޖޭގެ ފަންނާނުންތަކެއް ހުށަހެޅުމެއް ހުށަހަޅަނީ --- ފޮޓޯ: ރައީސް އޮފީސް


ވިހިތޭވީހަށް ފެތޭ ބައިސްކޯފުގެއެއް؛ އޮލިމްޕަހަށް މިއައީ އުންމީދީ ބޮޑު ބަދަލެއް

5 ފެބުރުވަރީ 2023 - 07:30 0

ފިލްމާއި މިއުޒިކާއި ތަމްސީލުތައް ހުށަހަޅައިދިނުމަށް ރާއްޖޭގައި ގާއިމުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ މުހިންމު ބައިސްކޯފުގެ ކަމަށްވާ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފި އެވެ.

ރޭ އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން، ފިލްމާއި މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަންނާނުން ވެސް ބައިވެރިވި އެވެ .

އޮލިމްޕަހަކީ ފަންނުވެރިކަމާއި އުފާވެރިކަމާއި އެކުވެރިކަން އަަބަދުވެސް ރަމްޒުކޮށްދޭ ތަނެއް ކަމަށާއި އެއީ ދިވެހިންގެ ފަންނުވެރިކަމާއި ގުޅިލާމެހިފައިވާ ތަނެއް ކަމަށް ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވި އެވެ.

މި އިވެންޓުގައި ރައީސް ސޯލިހުގެ ދެ ކަނބަލުންނާއި އިންޑިއާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ. މި މަޝްރޫއު ކުރިއަށްދިޔައީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން --- ފޮޓޯ: ރައީސް އޮފީސް


"އޮލިމްޕަހަކީ ދުވަސްވީ އިމާރާތަކަމަށް ވުމާ އެކު މަސައްކަތް ކުރީ އިމާރާތަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނައުމަށް. އޮލިމްޕަސް ހުޅިވެގެން ދިޔުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއް. މިފަހަރު އޮލިމްޕަސް ހުޅިވިގެން ދަނީ ޒަމާނީ ވަސީލަތްތަކާ އެކު،" ޔުމްނާ ވިދާޅުވި އެވެ.

އޮލިމްޕަސް ޕްރޮޖެކްޓަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުން ދައްކުވައިދޭ ކަމެއް ކަމަށާއި އިތުރު މިފަދަ ޕްރޮޖެކްޓުތަކުގައި ވެސް ރާއްޖެއާ އެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓާ އެކު ރާއްޖޭގައި ފަންނާއި މިއުޒިކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަން.އޮލިމްޕަސް ހުޅުވިގެންދިޔުމާ އެކު ގިނަ ސްކްރީނިންތަކާއި މިއުޒިކް ޝޯތައް އިންތިޒާމް ކުރުމަށް ރާއްޖޭގެ ސަރުކާރާ އެކު މަސައްކަތް ކުރާނަން،" އިންޑިއާގެ ސަފީރު މިރޭ ވިދާޅުވި އެވެ.

ފިލްމް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަނިކު މި ރަސްމިއްޔާތުގައި ވިދާޅުވީ މިއީ ފަންނާނުންގެ ވަރަށް ގިނަ ދުވަސްވީ އުންމީދެއް ފުރިހަމަވެގެންދިޔުން ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއް މި ހާލަތުގައި ސަރުކާރުގެ ތެރެއިން ފިލްމު އުފެއްދުމަށް މާލީ އެހީތެރިކަން ލިބުން. މާލޭގައި އޮލިމްޕަހުގެ ސިނަމާގައި ފިލްމު ބަލާ ފަދައިން އަތޮޅު ތެރޭގައި ވެސް ވަރަށް ގިނަ ސަޕޯޓަރުން އެބަތިބި،" މަނިކު ވިދާޅުވި އެވެ.

ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ ހުށަހެޅުމެއްގެ ތެރެއިން. ދިވެހި ފަންނާނުން ވަނީ މޮޅު ހުށަހެޅުންތަކެއް ގެނެސްދީފައި --- ފޮޓޯ: ރައީސް އޮފީސް


އޮލިމްޕަސް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަސްއިން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގައި ޝީޓު ކަނޑައިގެންދިއުމާއި، ރެނދުލުމުގެ ސަބަބުން ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް މިހާރު ވަނީ މަރާމަތުކޮށްފަ އެވެ.

އޮލިމްޕަހުގައި ކުރިން ހުރި ކެފޭ، ފަންނީ އެކި ކަންކަމަށް ވެސް ބޭނުންކުރެވޭނެހެން މިހާރު ތަރައްގީކޮށްފައިވާއިރު އެތަނުގައި އަންހެނުންނާއި ފިރިހެނުންނަށް، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކިން ފާހާނާބަރިއެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

އޭގެ އިތުރުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުން ހިދުމަތް ހޯދުން ފަސޭހަކުރުމަށް އެތަނުގެ ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެ އުޅުމަށް ހާއްސަ ރޭމްޕް އެކްސެސް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ހަމައެހެންމެ ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރު ބަހައްޓައި، ސްޓޭޖްގައި މިއުޒިކް އަދި ސްޓޭޖް ޑްރާމާތައް ބޭނުންވާ ސްޓޭޖް ލައިޓްތަކާއި ސައުންޑް ވަނީ ބަހައްޓާފަ އެވެ. ފިލްމުތައް ބަލާއިރު އަޑުތަކަށް އިތުރު ފުރިހަމަ ކަމެއް އަލަށް އިންސްޓޯލުކޮށްފައިވާ ޑޮލްބީ 7.1 ސަރައުންޑް ސައުންޑް ސިސްޓަމުން ގެނެސްދޭނެ އެވެ.

އޮލިމްޕަހުގެ ތާރީހު

ގަލޮޅު ދަނޑު ކަންމަތީގައި ހުރި އޮލިމްޕަސް އިމާރާތުގެ މަސައްކަތް ނިންމައި ހުޅުވާފައި ވަނީ މީގެ 64 އަހަރު ކުރިން މެއި 21، 1959 ގަ އެވެ. އެ ތަން އިމާރާތްކުރީ އަވަށްޓެރި ސްރީ ލަންކާގެ ބައެކެވެ. އެކަމަކު އެތަން ބައިސްކޯފުގެއެއްގެ ގޮތުގައި އޮޕަރޭޓުކުރީ ސައްތައިން ސައްތަ ދިވެހިންނެވެ.

އެގޮތުން، ސިނަމާ ކުންފުނީގެ ސެކްރެޓަރީގެ ހައިސިއްޔަތުން އޮލިމްޕަސް ހިންގެވުމާ އެންމެ ފުރަތަމަ ހަވާލުވީ ފީބޯ އަލީ އުމަރު މަނިކެވެ. އަދި، ފަހުން އެ ޒިންމާތައް އައްބާސް އިބްރާހިމް ނެންގެވި އެވެ. އިދާރީ ކަންކަމާއި ޓިކެޓު ވިއްކުމުގެ ކަންކަން ބެލެހެއްޓީ އިލްޔާސް އިބްރާހިމް ފަދަ ބޭފުޅުންނެވެ. އެ ކުންފުނީގެ ހަޒާންދާރަކަށް ހުންނެވީ މީރުބަހުރުގޭ މުހައްމަދު އިސްމާއިލް ދީދީ އެވެ. އަދި ޕްރޮޖެކްޓަރުތައް އޮޕަރޭޓު ކުރެއްވީ ސައިކުރާ އަބްދުއް ރަޝީދާއި ސޭބޫ ތުއްތު މަނިކު ފަދަ ބޭފުޅުންނެވެ.

އޮލިމްޕަހުގެ އިމާރާތް 1970 ގެ އަހަރުތަކުގެ ތެރޭ. މި އިމާރާތް ބިނާކުރީ ލަންކާގެ ކުންފުންޏަކުން. --- ފޮޓޯ: ޓްވިޓާ


އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި ސިނަމާ ކުންފުނި 1967 ގައި އުވާލުމާ އެކު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު އެތަން ބައްލަވައިގަތެވެ. އަދި، އެތަނަށް ބައެއް ބަދަލުތައް ގެންނަވައި ބައިސްކޯފު ދެއްކުމުގެ އިތުރަށް މިއުޒިކް ޝޯ އާއި ތަމްސީލު ދެއްކުން ފަދަ ކަންކަން ފެއްޓެވި އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމް 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގެން އަނެއްކާ ވެސް ސަރުކާރުގެ ބެލުމުގެ ދަށަށް އޮލިމްޕަސް ގެންނެވި އެވެ. އެގޮތުން، 1980 ގެ އަހަރުތައް ފެށުނު އިރު ދިވެހި ފިލްމުގެ ފަންނަށް މީޒާންވާ އުފެއްދުންތައް ޓީވީ މޯލްޑިވްސް އާއި އަމިއްލަ ފަންނުވެރިން ތަޖުރިބާކުރަން ފެށި އެވެ.

އެ ދުވަސްވަރު އޮލިމްޕަސް ފާހަގަކުރެވުނު ޒަމާނާ ބަލާއިރު ރަނގަޅު ސްޓޭޖަކާއި ޗޭންޖިން ރޫމްތަކާ އެކު ތަމްސީލު ކުޅުމަށް އެކަށޭނެ ރާއްޖޭގައި ހުރި ހަމައެކަނި ތިއޭޓާ ހޯލަށެވެ.

އެއަށްފަހު 1990 ގެ އަހަރުތަކުގައި މަރުހޫމް ސަމަރު ބްލޫ އިބްރާހިމް މަނިކު އޮލިމްޕަހުގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އެވެ. އޭރު އޮލިމްޕަސް ބަލަހައްޓައި ހިންގަމުން ދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އެކަޑެމީ އޮފް ޕާފޯމިން އާޓްސް (މާޕާ) އިންނެވެ.

އޮލިމްޕަހުގެ ބެލެނިވެރިކަން އެއަށްފަހު ދެން ބަދަލުވީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަށެވެ. އެއީ، 2005 ގައި އެ އިދާރާ ވުޖޫދުވުމާ އެކު އެވެ. އޭރުގެ އާޓްސް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ބެއްލެެވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި އޮލިމްޕަސް ބެލެހެއްޓޭނެ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރެއްިވ އެވެ.

އަދި، 2012 ވަނަ އަހަރު ވެސް އޮލިމްޕަސް ތަރައްގީ ކުރުމުގެ މުހިންމު ޕްރޮޖެކްޓެއް ވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެެއަށްފަހު ކައިރި ކައިރީގައި އޮލިމްޕަހުގެ ބެލެނިވެރި ފަރާތް ބަދަލުވަމުން އައިސް އަނެއްކާ ވެސް އަލުން އަނބުރާ އެންސީއޭ އިން އޮލިމްޕަހާ ހަވާލުވީ 2019 ގަ އެވެ.

އެންމެ ފުރަތަމަ ފިލްމަކީ "ބީވީމާ"

ދިވެހި ފިލްމް އިންޑަސްޓްރީގެ ފޭނުންނަށް އޮތް އެންމެ އުފާވެރި ހަބަރަކީ މާ ގިނަ ދުވަސްތަކެއް ނުވެ އެންމެ ފުރަތަމަ ފިލްމު އޮލިމްޕަހަށް އަންނާނެ ކަމެވެ.

ލިމްޕަސް މަރާމާތުކުރުމަށް ފަހު އޮލިމްޕަހުގައި ދައްކާ ފުރަތަމަ ފިލްމު "ބީވީމާ"ގެ ޓިކެޓު މިހާރު އަންނަނީ ވިއްކަމުންނެވެ. މި ފިލްމު އަޅުވާނީ ފެބްރުއަރީ 6 ގަ އެވެ.

"ބީވީމާ" ގެ ޓްރެއިލަރު


މި ފިލްމު ލިއެ ޑައިރެކްޓުކޮށްފައި ވަނީ އަހުމަދު ޒަރީރް އެވެ. މި ފިލްމުން ދިވެހި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އަޝްފާ ފެނިގެން ދާއިރު، މިއީ ޒަރީރު ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އަޝްފާގެ އިތުރުން އިސްމާއިލް ރަޝީދު (ކޮޕީއިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ފަދަ މަގުބޫލު ތަރިންތަކެއް މި ފިލްމުން ފެނިގެން ދާނެ އެވެ.

އޮލިމްޕަސް ދޫކުރަމުން ދަނީ ކޮވިޑާއި ގުޅިގެން ބަންދުކުރި އިރު ބުކިން ހައްދާ އެޑްވާންސް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އިސްކަން ދީގެން ކަަމަށް އެންސީއޭއިން ވަނީ ބުނެފަ އެވެ.