Advertisement

ޑީއާރުޕީ އުވާލާތީ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

4 ފެބުރުވަރީ 2023 - 15:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު؛ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޑީއާރުޕީ އުވާލާތީ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

4 ފެބުރުވަރީ 2023 - 15:26 0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން، އެ ޕާޓީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފި އެވެ.

ޑީއާރްޕީ އުވާލަން އީސީން ނިންމީ މިދިޔަ މަހު އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ޑީއާރްޕީން ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އަދި، ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބެލޭ ބާވަތުގެ ދުސްތޫރީ އަދި ސިޔާސީ ޕާޓީތަކާ ގުޅޭ މައްސަލައެއް ނޫން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅޭނެ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ޕާޓީގެ ދަފްތަރަށް ގެނައުމަށް އެދޭ ބަދަލެއް އީސީން ގެނައުމަށް އިންކާރުކުރުން ފަދަ މައްސަލަތައް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ދެހާސްފަސް ވަނަ އަހަރު ވުޖޫދުކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދެވަނައަށް ރަޖިސްޓްރީ ކުރި ޕާޓީއަކީ ޑީއާރުޕީ އެވެ. އެއީ އޭރު ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ޝަހްސިޔައްތަކަށް ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ.

ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.

ނަމަވެސް ރައީސް މައުމޫނާއި، ފަހުން އެމަނިކުފާނުގެ ވެސް ތާއީދާއެކު ޕާޓީގެ ލީޑަރަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީ ދޫކުރެއްވުމުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން އެ ޕާޓީ ދޫކޮށްލި އެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ތަސްމީން ވެސް ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނެވެ. ދެން އެ ޕާޓީގެ ލީޑަރުކަމާ ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ ދޫކޮށް، ޕީޕީއެމާ ގުޅުނެވެ.

ޑީއާރުޕީގެ ލީޑަރަކަށް މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު އެ ޕާޓީގެ ހިންގުމާ ހަވާލުވިއިރު ވެސް އަދި އޭގެ ފަހުން އެކި ފަހަރު މަތިން 3،000 އަށް ވުރެ މެންބަރުން މަދުވެގެން މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ދީފައިވެ އެވެ.