Advertisement

ރާނީ އެލިޒަބަތު އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް މީހަކު އެއްބަސްވެއްޖެ

4 ފެބުރުވަރީ 2023 - 10:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާނީ އެލިޒަބަތު ދެވަނަ -


ރާނީ އެލިޒަބަތު އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް މީހަކު އެއްބަސްވެއްޖެ

4 ފެބުރުވަރީ 2023 - 10:46 0

ލަންޑަން (ފެބްރުއަރީ 04) - 2021 ވަނަ އަހަރުގެ ކްރިސްމަސް ދުވަހު އިނގިރޭސިވިލާތުގެ ކުރީގެ ރާނީ، ރާނީ އެލިޒަބަތު ދެވަނަ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް މީހަކު އެއްބަސްވެއްޖެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޖަސްވަން ސިންހް ޗެއިލް، 21، އިއްޔެ ލަންޑަންގެ އޯލްޑް ބެއިލީ ކޯޓުގައި ވަނީ ތިން ކުށަކަށް އިއުތިރާފުވެފަ އެވެ. އެގޮތުން، ގައުމަށް ހިޔާނާތްތެރިވުމާއި، ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމާއި، ރާނީ އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އޭނާ 2021 ގައި ހައްޔަރުކޮށްފައިވަނީ ކްރިސްމަސް ދުވަހުގެ ހެދުނު އޭރު ރާނީ ދިރިއުޅުއްވި ވިންޑްސާ ކާސަލްގެ ގޯތި ތެރެއިންނެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ ކަޅު ހެދުން އަޅާ ދަގަނޑު މާސްކެއް އަޅައިގެންނެވެ. އަދި، އޭނާ ހައްޔަރުކުރި ދެ އޮފިސަރުން ކައިރި އޭނާ ވަނީ އޭނާގެ މަގްސަދަކީ ރާނީ އަވަހާރަކޮށްލުން ކަމަށް ބުނެފަ އެވެ.

އިތުރަށް ބަލާ ފާސްކުރުމުން އޭނާގެ އަތުން ވަނީ ތީރު ޖަހާ ބަޑިއެއް ފެނިފަ އެވެ. އަދި، އެދުވަހު އޭނާގެ ގާތް ބައެއް މީހުންނަށް ރާނީ އަވަހާރަކޮށްލަން މަސައްކަތް ކުރާނެ ކަމަށް ބުނެ ވީޑިއޯއެއް ވެސް ފޮނުވާފައިވާ ކަމަށް ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްގެ ކައުންޓާ ޓެރަރިޒަމް ކޮމާންޑުން މި މަސައްލާގައި ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި, ޗެއިލް ރާނީ އަވަހާރަކޮށްލުމަށް މަސައްކަތް ކުރީ އިނގިރޭސިވިލާތުން މާޒީގައި އިންޑިއާ ދަރިކޮޅުގެ މީހުންނަށް ކޮށްފައިވާ އަނިޔާތަކަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަލި ހާލު ބޮޑުވެ ރާނީ އެލިޒަބަތު ދެވަނަ އަވާހަރަވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ އަށްވަނަ ދުވަހު އެވެ. މިއާއެކު އިނގިރޭސި ތަހުތުގައި މިހާރު އިންނެވީ އެކަމަނާގެ ދޮށީ ދަރިކަލުން ރަސްގެފާނު ޗާލްސް އެވެ.