2 ފެބުރުވަރީ 2023 - 10:48 0
ނިމާ ހަސަން
އާރްޓީއެލް ވިލިމާލެ ބަސް؛ މާދަމައިން ފެށިގެން ބަސް ދަތުރުތަކަށް އަގުނަގަން ފަށާނެ -- ފޮޮޓޯ: ޝާބިން/އަދަދު
2 ފެބުރުވަރީ 2023 - 10:48 0
މާދަމައިން ފެށިގެން ވިލިމާލޭގައި ދެމެންގެންދާ އީވީ ބަހުގެ ހިދުމަތުން އަގު ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އާރްޓީއެލްގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ ބަހުގެ ހިދުމަތަށް ނަގަން ނިންމާފައި ވަނީ ދަތުރަކަށް ފަސް ރުފިޔާ އެވެ. ބަހަށް ފައިސާ ދެއްކޭނެ ތިން ގޮތެއް އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ. އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް، ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް އަދި ކަރުދާސް ޓިކެޓު ގަނެގެންނެވެ.
މޯބައިލް އެޕް ނުވަތަ ވެބްސައިޓު މެދުވެރިކޮށް ނަގާ ކިޔު.އާރް ޓިކެޓު، ބަހުގައި ހުންނަ މެޝިނުން ސްކޭންކޮށްލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި ޓެޕް އެންޑް ޕޭ މެތަޑުން ދުނިޔޭގެ ކޮންމެ ބޭންކެއްގެ ވެސް ކޮންޓެކްޓްލެސް މާސްޓާކާޑު، ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ޖައްސާލައިގެން ވެސް ފައިސާ ދެއްކޭނެ އެވެ.
ބަހުން ދަތުރުކުރުމަށް ކަރުދާސް ޓިކެޓު ބަލައިގަންނަން ހަމަޖެހިފައި ވަނީ ބަހުގެ ތެރެއިންނެވެ. ޓާމިނަލްތަކުން ކަރުދާސް ޓިކެޓު ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައެއް ނުވެ އެެވެ. އަދި ކަރުދާސް ޓިކެޓަށްވާ ފައިސާ ލާން ބަހުގައި ހާއްސަ ފޮއްޓެއް ބަހައްޓާފައި ހުންނާނެ އެވެ.
ބަހަށް އަގު ނަގަން ފެށި ނަމަވެސް، އެމްޓީސީސީގެ ބަސްތަކުން ހިލޭ ދަތުރު ކުރެވޭ މީހުންނަށް ވިލިމާލެ ބަހުން ވެސް ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ 65 އަހަރުން މަތީގެ މީހުން، ތިން އަހަރުން ދަށުން ކުޑަކުދިން، ހާއްސަ އެހީއަށް ބޭނުންވާ މީހުން (އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން) އަދި ޔުނިފޯމުގައި ތިބޭ ސްކޫލު ކުދިންނެވެ.
Comment