Advertisement

ތަހުގީގުގައި މުއިއްޒު ހަނުހުރުމުން، ދިފާއީ ހެކިތައް ބަލައިނުގަތުމަށް ޕީޖީން އެދިއްޖެ

2 ފެބުރުވަރީ 2023 - 11:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑރ. މުހައްމަދު މުއިއްޒު؛ ދޮގު ބަޔާން ދިނުމުގެ ދައުވާގެ މައްސަލާގައި ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް އެދިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ތަހުގީގުގައި މުއިއްޒު ހަނުހުރުމުން، ދިފާއީ ހެކިތައް ބަލައިނުގަތުމަށް ޕީޖީން އެދިއްޖެ

2 ފެބުރުވަރީ 2023 - 11:44 0

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއިން ދިވެހި ދައުލަތާ ދެކޮޅަށް، ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން މައްސަލައިގެ ތަހުގީގުގައި ހަނުހުރުމުން އޭނާގެ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދިއްޖެ އެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ދައުލަތުން ވަނީ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ކޮށްފަ އެވެ. އެ ދައުވާއަށް އިންކާރުކޮށް، އެއްވެސް ބަޔާނެެއް ދީފައިނުވާކަން ސާބިތުކުރަން މުއިއްޒު ވަނީ ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ހުށަހަޅައިފަ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި، ދައުލަތުގެ ވަކީލު މުހައްމަދު އަބްދުﷲ ވިދާޅުވީ ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، އަދި މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ކަމަށް ބުނާ "ވިޓްނަސް ސްޓޭޓްމަންޓް" އަށް ވެސް އިންކާރު ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ބަޔާނުގައި ފެންނަ މުއިއްޒުގެ ސޮއި ކަމަށް ބުނާ ސޮޔަކީ އޭނާގެ ސޮއި ނޫން ކަމަށް ސާބިތުކުރަން މުއިއްޒުގެ ސޮއި ދަންނަ އަދި ދެކެފަރިތަ ތިން މީހަކު ދިފާއީ ހެކިން ގޮތުގައި ހުށަހެޅިޔަސް އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރަަށް، އޭރު ހައުސިން މިނިސްޓްރީގައި މަސައްކަތްކޮށްފައިވާ އިތުރު ބަޔަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު އެއީ މައްސަލައިގެ ވާގިއާތަކާ ވެސް ގުޅުމެއް އޮތް ހެކިންނެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެއީ ދައުވާކުރީ، ނޫމަޑިއާ އެކު ހިނގި މުއާމަލާތަކާ ގުޅިގެނެއް ނޫނެވެ.

ރައްދުގައި މުއިއްޒުގެ ދިފާއީ ވަކީލު ހިޝާމް މަޖީދު ވިދާޅުވީ ހަނު ހުރުމަކީ އަސާސީ ހައްގަކަށް ވެފައި، ހަނު ހުރުން އޭނާއާ ދެކޮޅަށް ބޭނުން ކުރުމަށް ވަކި ހާލަތްތަކެއް އޮންނަ ކަމަށެވެ. އަދި، އެފަދަ އެއްވެސް ހާލަތެއް އެ މައްސަލައިގެ ތަހުގީގުގައި ކުރިމަތިވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާބިޓްރޭޝަނަށް މުއިއްޒު ދީފައިވާ ކަމަށް ބުނާ ބަޔާން ވެސް ތަހުގީގު މަރުހަލާގެ ތެރޭގައި މުއިއްޒާ ހިއްސާކޮށްފައި ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އެ ބަޔާން ހިއްސާކޮށްދިނުމަށް އެދި އެކި ފަހަރު މަތިން މުއިއްޒުގެ ފަރާތުން ފުލުހަށް ސިޓީ ފޮނުވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ބަޔާނާ ގުޅިގެން ތަހުގީގަށް ޖަވާބުދާރީވާނެ ކަމެއް އޮތް ކަން ވެސް އެނގޭނީ އެ ބަޔާނެއް ފެނިގެން ކަމަށާއި، ހަނު ހުރުމަކީ މައްސަލައިގެ ތަފުސީލެއް އެ މީހަކަށް ހިއްސާކުރުމަށް އޮތް ގާނޫނީ ހުރަހެއް ވެސް ނޫން ކަމަށް ދިފާއީ ވަކީލު ހިޝާމް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ އަންނަ ހަފުތާގައި އަޑުއެހުމެއް ތާވަލުކުރާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މުއިއްޒަށް ކުރާ ދައުވާ؛

މުއިއްޒަށް ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.