Advertisement

ޖަލުތަކުގެ އަނިޔާތަކާ ގުޅޭ ސިއްރު އަޑުއެހުންތަކެއް އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވަނީ

2 ފެބުރުވަރީ 2023 - 09:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބުޑްސްޕާސަން އަބްދުއްސަލާމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -އަދަދު ފައިލް ފޮޓޯ


ޖަލުތަކުގެ އަނިޔާތަކާ ގުޅޭ ސިއްރު އަޑުއެހުންތަކެއް އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވަނީ

2 ފެބުރުވަރީ 2023 - 09:14 0

ކުރީގެ ވެރިކަންތަކުގައި ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް އިންތިގާލީ އިންސާފުގެ އޮފީހުން ސިއްރު އަޑުއެހުންތަކެއް ކުރިއަށްގެންދަން ފަށައިފި އެވެ.

މި އަޑުއެހުންތައް ކުރިއަށްދާކަން އެ އޮފީހުން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. އެގޮތުން އެ އޮފީހުން ބުނީ މިއީ އާންމުކޮށް ހުޅުވާނުލާ އަނިޔާގެ މައްސަލަތަކެއްގެ އަޑުއެހުންތައް ކުރިއަށްދާ ކަމަށެވެ. އަދި ސިއްރު އަޑުއެހުންތައް ކުރިއަށް ގެންދަނީ އެކަމަށް އިއުތިރާޒު ނުކުރާ މީހުންނާ ގުޅޭ މައްސަލަތަކުގައި ކަމަށް ވެސް ބުންޏެވެ.

"މިއީ މިފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ތަކުރާރުވުން ހުއްޓުވުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް، މި އަޑުއެހުންތަކުން ލިބޭ މައުލޫމާތަށް ބަލާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފަޔާ އިރުޝާދު މި އޮފީހުން ދޭނެ," އެ އޮފީހުން މިއަދު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަޑުއެހުންތަކުގެ ތެރެއިން އޭރު އަނިޔާ ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ މެންބަރުންގެ ބަޔާންތައް ވެސް އިންތިގާލީ އިންސާފުގެ އޮފީހުން ދަނީ ނަގަމުންނެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެކުލަވާލި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

ގާނޫނުން އެ އޮފީހަށް ލިބިދިން ގާނޫނީ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ 17 އަށް ހަމަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް ނިންމަވާފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކުގެ އިތުރުން ގދ. ތިނަދޫ ފަޅުކޮށްލި މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ވެސް ހިމެނެ އެވެ.

މި މައްސަލަތައް ބެލުމުގައި މައުލޫމާތު ނުލިބުންފަދަ އެކި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެކި ފަހަރު މަތިން އެ އޮފީހުން ވަނީ ބުނެފަ އެވެ.