Advertisement

ޒުވާނުން ތަމްރީނު ކުރަން ޔޫތު މިނިސްޓްރީން އެމްއޭސީއެލްއާއެކު ޕްރޮގްރާމެއް ހިންގަނީ

1 ފެބުރުވަރީ 2023 - 22:26 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ޒުވާނުން ތަމްރީނު ކުރަން ޔޫތު މިނިސްޓްރީން އެމްއޭސީއެލްއާއެކު ޕްރޮގްރާމެއް ހިންގަނީ

1 ފެބުރުވަރީ 2023 - 22:26 0

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީއާ އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއް ކަމަށާއި އަދި އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އެމްއޭސީއެލްގެ ޑީއެމްޑީ ތޯހާ ވިދާޅުވި އެވެ.

މިފަދަ ޕްރޮގްރާމްތަކާ އެކު އަލަށް އުފެދޭ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމާ އެކު ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވިދާޅުވި އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން އެމްއޭސީއެލް އިން ތަމްރީނު ކުރާނެ އެވެ. އެގޮތުން، ފުރަތަމަ ބުރުގައި ޖުމްލަ 75 ޒުވާނަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދޭނެ އެވެ. ހަ މަސް ދުވަހުގެ މިތަމްރީނު ޕްރޮގްރާމުގައި އެމްއޭސީއެލްގެ 50 މުވައްޒަފުންނާއި އަދި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ އެވެ.

މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް ތިނެއްގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔާ އެޑިއުކޭޝަން، ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެ އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށެވެ.