Advertisement

ދެ ފެކްޝަނާއެކު ކުރިއަށްދާނެ ގޮތެއް ހޯދުމަށް ނަޝީދު ފައްޔާޒަށް ގޮވާލައްވައިފި

31 ޖަނަވަރީ 2023 - 21:43 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ސޯލިހު (ކ)، ޗެއާޕާސަން ފައްޔާޒު (މ) އަދި ރައީސް ނަޝީދު (ވ)؛ އެމްޑީޕީގެ ދެ ފެކްޝަނާއެކު ވެސް ޕާޓީ ކުރިއަށްދާނެ ގޮތެއް ހޯދުމަށް ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދެ ފެކްޝަނާއެކު ކުރިއަށްދާނެ ގޮތެއް ހޯދުމަށް ނަޝީދު ފައްޔާޒަށް ގޮވާލައްވައިފި

31 ޖަނަވަރީ 2023 - 21:43 2

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އެބަ އޮތް ކަމަށާއި ޕާޓީ ބައިބައިވެދިޔަ ނުދިނުމަށް ޓަކައި ދެ ފެކްޝަނާ އެކު ކުރިއަށް ދެވޭނެ ގޮތެއް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހޯއްދަވަން ޖެހޭނެ ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހި، ޕާޓީގެ ބައެއް މެންބަރުން ތާއީދު ކުރަނީ ރައީސް ނަޝީދަށެވެ. އެހެން މެންބަރުންގެ ތާއީދު އޮތީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓުން ރައީސް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

ނަމަވެސް، ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އޮޅުންވާލުންތަކެއް ވޯޓުގައި ހިމެނުމަށް ފަހުގަ އެވެ. އަދި ޕްރައިމަރީގެ ކުރިއަށް 39،000 އެއްހާ މެންބަރުން ކަނޑާލީ ނަޝީދަށް ތާއީދުކޮށްފާނެ ކަމަށް ބެލެވޭ މެންބަރުން ހޯދުމަށް ފަހު ކަމަށް ވެސް ތުހުމަތު ކުރައްވަ އެވެ.

"ދިވެހި ޗެނަލް"އަށް މިރޭ ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ތަފާތު ދެ ހިޔާލެއްގެ މައްޗަށް ދެ ފެކްޝަން އުފެދުމަކީ އެއިން އެއް ފެކްޝަންގެ މެންބަރުން ޕާޓީ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި، ނަޝީދު ވެސް އެމްޑީޕީ ދޫކުރެއްވުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ކަމަކީ ފެކްޝަނަށް އިންކާރު ނުކުރުން، އެމްޑީޕީ ތެރޭގައި ގައިމު ވެސް ދެ ފެކްޝަން އެބަ އޮތް -- ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ސިޔާސީ މިފަދަ މަސައްކަތަކަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި، ދެ ފެކްޝަނާއެކު ޕާޓީ ކުރިއަށްދާނެ ގޮތެއް ހޯދައިގެން، ޕާޓީ ބައިބައިވިޔަ ނުދިނުމަށް ފައްޔާޒު މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފެއްދުމަށެވެ. އެ ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދު ކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު އެމްޑީޕީ ޕްރައިމަރީން ނަޝީދަށް ދީފައިވާ ރިޔާސީ ޓިކެޓު، ރައީސް ސޯލިހަށް ދިނުމަށް ވެސް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު މޮޅުވާނެ ހުރިހާ ގޮތެއް އެމްޑީޕީން ހޯދާނެ - ރައީސް ނަޝީދު

މިހާތަނަށް 2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.