Advertisement

ނަޝީދު ވިސްނަނީ ގޮފިތަކަށް 50،000 މީހުން ހަމަކޮށް ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން

31 ޖަނަވަރީ 2023 - 21:16 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ ގޮފިތަކަށް 50،000 މީހުން ހަމަކޮށް ކެންޑިޑޭޓް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަން އިޝާރާތް ކުރައްވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަޝީދު ވިސްނަނީ ގޮފިތަކަށް 50،000 މީހުން ހަމަކޮށް ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން

31 ޖަނަވަރީ 2023 - 21:16 2

"ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސަތުތަކަށް އެދޭ ގޮފިތަކެއް އުފައްދާފައި، އެ ގޮފިތަކަށް 50،000 މީހުން އެއްކުރުމަށް ކުރެވޭ މަސައްކަތުގެ ބޭނުމަކީ އެ ގޮފިތައް މެދުވެރިކޮށް އެމްޑީޕީން ތާއިދުކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހާމަކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ރައީސް ސޯލިހަށް ވޯޓުލީ މީހުންގެ 61 އިންސައްތަ ލިބިވަޑައިގަތް އިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

ނަމަވެސް، އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ. އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ މައްސަލަތައް ހުރި ކަމަށް އެމަނިކުފާނުގެ ކެމްޕޭނުން ވެސް ބުނެފައިވެ އެވެ. އަދި، ޕްރައިމަރީއާ ގުޅޭ 53 މައްސަލައެއް އެމްޑީޕީއަށް ހުށަހަޅާފައިވެ އެވެ.

"ދިވެހި ޗެނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ވޯޓު ލަމުން ދިޔައީ "އުފައްދާފައިވާ" ލިސްޓަކަށް ކަމަށެވެ. އެގޮތުން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ އިތުރަށް މީހުން ވޯޓުލާފައިވާ 40 އެއްހާ ވޯޓު ފޮށި އުޅޭނެ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

"ވޯޓު ދިނުމުގެ ހައްގު ލިބޭނެ ކަމަށް އޮތް މީހުންގެ އަދަދަށް ވުރެ އިތުރަށް ވޯޓުލާފައިވާ ހުރިހާ ފޮއްޓެއް ބާތިލްކުރަން ޖެހޭ. 40 އެއްހާ ވޯޓު ފޮށި އެބަ ބާތިލްކުރަން ޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 50 މީހުން ހަމަކޮށް އެމްޑީޕީގެ ގޮތްޕެއް އުފައްދަން އަސާސީ ގަވާއިދު ޖަގާދޭ އިރު، ޖުމުލަ 50،000 މީހުން ހިމެނޭ ގޮތަށް ގޮފިތަކެއް އުފައްދަން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މި ފަހުން އެ ޕާޓީން ކަނޑާލި 39،000 އެއްހާ މެންބަރުން އަލުން ޕާޓީއަށް ވައްދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަ ކުރިން 50،000 މީހުން ހިމެނޭ ގޮފިތަކެއް އުފައްދަން، މި ގޮތަށް މަސައްކަތް ކުރުމަށް ފަހު އެ މީހުން ނިންމަންވީ ކޮން ކެންޑިޑޭޓަކަށް ކަން ތާއީދު ކުރަންވީ،" މީގެ ކުރިން ވެސް ދެ ފަހަރު މަތިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި، ރިޔާސީ އިންތިހާބަށް ސިޔާސީ މަސްރަހު މުޅީން އެތުރި ނުނިމެ އެވެ. ހާއްސަކޮށް އެމްޑީޕީން ވަކިކުރި އެތައް ހާސް މެންބަރުންގެ ބަސް ނެތި އަމުދުން ސިޔާސީ މަސްރަހު އެތުރި ނުނިންމޭނެ ކަމަށް ނަޝީދު ތަކުރާރުކޮށް މިރޭ ވިދާޅުވި އެވެ.

މިހާތަނަށް 2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.