31 ޖަނަވަރީ 2023 - 16:09 0
ނިމާ ހަސަން
ވައި ނުސާފުވެ، ފުސްވެފައި؛ ހަތަރު ކިލޯމީޓަރަށްވުރެ ދުރު ނުފެންނަ މިންވަރަށް މިހާރު ވައި ނުސާފުވޭ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
31 ޖަނަވަރީ 2023 - 16:09 0
އެވްރެޖްކޮށް ހަތަރު ކިލޯމީޓަރަށްވުރެ ދުރު ނުފެންނަ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އާންމުކޮށް އުތުރުން ވައިޖެހެމުންދާއިރު، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި އާންމުގޮތެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެންނާނެ އެވެ. ނަމަވެސް، މިއަދު ހެނދުނު 7:00 އިން ފެށިގެން މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ފުރު ފެންނަ މިންވަރު އެވްރެޖްކޮށް ހަތަރު ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ދުރުފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމުު ދައުރެއް އަދާ ކުރާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެގޮތުން ވާރޭ ނުވެހި ގިނަ ދުވަސްވާނަމަ ފުސްކަން އިތުރުވެ އެވެ. އޭގެ އިތުރުން ރާއްޖެއާ ކައިރި ހިސާބުތަކުގައި ދުމުގެ އަސަރު ބޮޑަށް ހުންނަ ނަމަ ރާއްޖެއަށް ފުސްކަން އިތުރުވުމުގެ ފުރުސަތު ބޮޑު ވެގެންދެ އެވެ.
ދުމާއި ހިރަފުހުގެ ސަބަބުން ޖައްވު ތެރެ ނުސާފްވުން މިއީ ކޮންމެ އަހަރަކުހެން ޑިސެމްބަރު އަދި މާޗް މަހާ ދެމެދުގެ ދުވަސްތަކުގައި ދިމާވާ ކަމެކެވެ. އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައިނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވަނީ އިރުވައި މޫސުމުގެ ދުވަސްތަކުގަ އެވެ.
މީގެ އިތުރުން އުތުރު އިންޑިއާގެ ޕޮލިއުޝަން ބޮޑުވުމާ އެކު އޭގެ އަސަރުވެސް ރާއްޖެއަށް ދަނީ ކުރަމުންނެވެ. އުތުރު އިންޑިއާގެ ދިއްލީގެ ވައިނުސާފުވާ މައްސަލަ ބޮޑުވެގެން އެ ސިޓީގެ ބައެއް ހިސާބުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ލޮކްޑައުން ވެސް ކުރި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އިންޑިއާއަކީ ދުނިޔޭގެ އެންމެ ވައިނުސާފު ގައުމެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އިންޑިއާގެ ވައި ރައްތާކެރި މިންގަނޑަށްވުރެ ހަތް ގުނަ ނުސާފެވެ.
ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
Comment