Advertisement

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 59 މަރު

31 ޖަނަވަރީ 2023 - 08:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 59 މަރު

31 ޖަނަވަރީ 2023 - 08:32 0

ޕާކިސްތާނުގެ މިސްކިތަކަށް އަމާޒުކޮށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 59 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ހުޅަނގުއުތުރު ބިތުގައި އޮންނަ ޕެޝާވަރު ސިޓީގައި އިއްޔެ ދިން އެ ހަމަލާގައި 157 މީހުން ޒަހަމްވި އެވެ.

އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބޭރުގު ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޖާނުން ފިދާވެގެން ހަމަލާ ދީފައި ވަނީ ނަމާދު ކުރަން މިސްކިތަށް ދިޔަ މީހުންގެ ތެރޭގައި ހުރި މީހެކެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން 27 މީހުންނަކީ ފުލުހުންނެވެ.

މިސްކިތަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ނަމާދު ކުރަން ހަމަ ފެށުމާ އެކު ކަމަށް ހަމަލާގައި ސަލާމަތްވި ފުލުހުންގެ މީހަކު މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ. ހަމަލާ ދިން އިރު މިސްކިތުގައި ގާތްގަނޑަކަށް 300 މީހުން ތިބި ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ކަންފަތަށް އަދިވެސް އަޑު އިވެނީ މީހުން އެހީއަށް އެދި ރުއި އަޑު،" އޭނާ ބުނެފައިވެ އެވެ.

އެ ހަމަލާއަކީ ޕާކިސްތާނުގައި އޮންނަ ތާލިބާނުންގެ ގޮފިން ދިން ހަމަލާއެއް ކަމަށް ބުނެ ތެހްރީކީ ތާލިބާންގެ ކޮމާންޑަރެއް ކަމުގައިވާ، ސަރްބަކަފް މުހައްމަދު ވަނީ ސޯޝަލް މީޑިއާގައި ޒިންމާ ނަގައިފަ އެވެ. ނަމަވެސް ޓީޓީއެފްގެ ތަރުޖަމާނު ވަނީ ފަހުން އެކަން ދޮގުކޮށްފަ އެވެ.

ޓީޓީއެފްގެ ތަރުޖަމާނު، މުހައްމަދު ޚުރާސާނީ ބުނީ މިސްކިތްތަކާއި މީހުން އެއްވެ، ބާއްވާ ސެމިނާތަކާއި އަޅުކަން ކުރާ އެހެންވެސް ތަންތަނަށް ހަމަލާ ދިނުމަކީ ޓީޓީއެފްއިން ގަބޫލު ކުރާ އުސޫލާއި ހަމައެއް ނޫން ކަމަށެވެ.

އިއްޔެގެ ހަމަލާ އަމާޒު ކުރި މިސްކިތަކީ ވަރަށް ވަރުގަދައަށް ބަލަހައްޓަމުންދާ ކިއްލާއެއްގެ ތެރޭގައި ހުންނަ މިސްކިތެކެވެ. އެ ކިއްލާގެ ތެރޭގައި އެ ޕްރޮވިންސްގެ ފުލުހުންގެ ހެޑްކުއާޓަރާއި ކައުންޓާ ޓެރަރިޒަމް ޑިޕާޓުމަންޓެއް ހިމެނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފް ވަނީ އިއްޔެ ދިން ހަމަލާއަކީ ޕާކިސްތާނަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައި ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވާފަ އެވެ.

ސޯޝަލް މީޑީއާގައި ޝެހްބާޒް ލިޔުއްވި މެސެޖެއްގައި ވިދާޅުވީ ޓެރަރިޒަމަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

އިއްޔެގެ ހަމަލާ ކުށްވެރި ކުރައްވައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން ވެސް ވަނީ ސޯޝަލް މީޑިއާގައި ކުރު މެސެޖެއް ލިޔުއްވާފަ އެވެ.

އަފްގާނިސްތާނު ބޯޑަރު ކައިރީގައި އޮންނަ ޕެޝާވަރުގައި މީގެ ކުރިން ވެސް މިފަދަ ހަމަލާތައް ދީފައިވެ އެވެ.

މިދިޔަ އަހަރު، މާޗު މަހު ވެސް އެ ސަރަހައްދުގައި ހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 64 މީހުން މަރާލާފައިވެ އެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން ޕްރޮވިންސުންނެވެ.