Advertisement

ގޮފިތަކުން ފިކުރެއް ދިރުވައި އެމްޑީޕީގެ ކޮންޓްރޯލް ނަޝީދަށް ނެގިދާނެ؟

31 ޖަނަވަރީ 2023 - 08:41 13

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނަޝީދު: އެމްޑީޕީގެ ގޮފިތަކުން ޕާޓީގެ ކޮންޓްރޯލް ނެންގެވުމަށް މަސައްކަތް ކުރައްވާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގޮފިތަކުން ފިކުރެއް ދިރުވައި އެމްޑީޕީގެ ކޮންޓްރޯލް ނަޝީދަށް ނެގިދާނެ؟

31 ޖަނަވަރީ 2023 - 08:41 13

ދެހާސް އަށާރަވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. ސިޔާސީ ހުކުމެއް ކުރެއްވުމާ ގުޅިގެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންނެވިއިރު, އަރިހުގައި ހުންނެވީ އޭރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެ ބޭފުޅުންނަކީ ޒަމާންވީ ދެ އެކުވެރިންނެވެ. ޒުވާން ދުވަސްވަރު އެކުގައި ހޭދަކުރެއްވުމަށްފަހު މިހާރު އެތިއްބެވީ ސިޔާސީ މައިދާނުގެ ވެސް އެކުގައި އެންމެ އުހުގަ އެވެ.

އެހެންނަމަވެސް, ދެ ބޭފުޅުންނަށް ވެސް އޭރާއި މިހާރު ވެސް ފަހުމްވާ ސިޔާސީ ހަގީގަތެއް އޮތެވެ. ސިޔާސީ މައިދާނުގައި އެކުގައި ގިނަ ދުވަހު މަސައްކަތް ކުރެވުނީމާ އޮޅިގެން ނުދާނޭ އަސާސްތަކެއް ހުންނާނެ އެވެ. ދެ ކަނޑިއަކަށް އެއް އުރައެއްގައި ނޯވޭވެނޭކަން ދެ ބޭފުޅުންވެސް ދަނެ އެވެ. ދެން ޖެހޭނީ ކުޅިބައި އަތުރާލާއި ކުޅެން ފަށާށެވެ. ނިމޭނޭ ހަމައެކަނި ގޮތަކީ ބޮނދު ބުޑަށް ސައިކިޔައިގެންނެވެ.

ދެ ބޭފުޅުންވެސް ކުޅެމުންދިޔައީ ވަރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކު އެެވެ. ފަހަރުގައިވެސް, އިދިކޮޅުން ސައި ކިޔައިފިނަމަ ދެން ވާނޭގޮތް އެނގޭތީ އެވެ. ބަލިވީމާ ގެއްލެނީ ކިހާ އަގުހުރި އެއްޗެއްކަން ވެސް ވިސްނެ އެވެ.

ކުޅުން ކުރިއަށްދިޔަ ވަރަކަށް ފެނުނީ ރައީސް ނަޝީދުގެ ކުޅިތައް ގޮނޑިމަތިން މަދުވަމުން ދިޔަ މަންޒަރެވެ. މަނާފުކަކަށްފަހު މަނާފުކެއް ގޮނޑިން ގެއްލެމުން ގޮސް ބޮނދުގެ މަގާމުގައި ހަމަޖެހިލައިގެން އިންނަން ވެސް އުނދަގޫވި އެވެ. ވާދަވެރިން ކިޔަމުން ދިޔަ ސަޔަށް އޮބި ނޯވެގެން ގޮޅިއަކަށް ފަހު ގޮޅިއަކަށް ވަޑައިގެން ސަޔަށް ފިއްލަވަން މަޖުބޫރު ކުރުވަމުން ދިޔަ އެވެ.

ރައީސް ސޯލިހުގެ ބޮނދަށް ދޭތެރެއަކުން އަންނަ ހަމަލާތަކުން ރެކި ވަޑައިގަންނަވަން ޖެހުނަސް, އެންމެ ފަހުން ނަޝީދުގެ ބޮނދަށް ސައި ކިޔައިފި އެވެ. ކުޅިބައި އެތުރިފައިވާ ގޮތުން އެކަމުން ރެކިވަޑައިގަންނަން ނަޝީދަށް އުނދަގުލީވެސްމެ އެވެ. ކުޅިތައް މަދުވުމާއި, ރައީސްގެ އަތުގައި މަނާފުއްތަކުން ފެށިގެންގޮސް ފުރަތަމަ ސަފުގައި ހުރި ގިނަ ކުޅިތައް ވެސް ހުރީމަ އެވެ.

ގަވާއިދާއި އެއްގޮތަށް ބޮނދަށް ރެކެވޭނޭ ގޮތެއް ނެތި ސައިކިޔައިފިނަމަ ދެން ޖެހޭނީ ބަލި ގަބޫލުކުރާށެވެ. އެއީ ކުޅިވަރު ކުޅޭ ހަމަ އެވެ. ކުޅެން ދެ ފަރާތުންވެސް އިށީންނަނީ އެ ހަމަތައް ގަބޫލުކޮށްގެންނެވެ. ދެން ޖެހޭނީ ކުޅިބައި އަލުން އަތުރާލައި އަނެއްކާވެސް ކުޅެން ފަށާށެވެ.

ނަޝީދުގެ ވިސްނުން - ކުޅިބައި އަލުން އަތުރާލައި ރުކުރުވާލުން

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމު ވެގެން،"

މިއީ ޕްރައިމަރީ އިން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގެ މައިގަނޑު އަސާސެވެ. ކުޅިބައި އެމަނިކުފާނު އަތުރާލަން ބޭނުންވަނީ ބޮނދު ހިމާޔަތުގައި ހުންނާނޭ މަންތިރި ނުގެއްލޭނޭ ފަދަ ގޮތަކަށެވެ. އެކަން ކުރައްވަން ހުށަހެޅުއްވީ މަގުޗާޓެކެވެ.

ވިދާޅުވީ, ވޯޓުލީ ލިސްޓުގެ ކުޑަ ތަންކޮޅެއް ގިނަ މީހުންގެ ވޯޓު ނުލިބުނު ނަމަވެސް, މުޅި ޕާޓީ އަސްލު ލިސްޓުގެ ތާއީދު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެމަނިކުފާނު އެ ވިދާޅުވާ ކުޑަ މިންވަރަކީ 8,970 ވޯޓެވެ. އެކަމުގެ ބަދަލުގައި އެމަނިކުފާނުގެ ހިޔާލަކީ "ފިކުރެއްގެ ދިރުން" ވިސްނުމުގެ 50,000 މީހުން އެ ޕާޓީއަށް ވެއްދުމެވެ. އެކި ރަށްރަށުން ފިކުރެއްގެ ދިރުމުގެ ގޮފިތައް ހަދައި އެ ގޮފިތަކަށް މީހުން ވަނުމަށެވެ. އެ ގޮފިތަކަށް ވަންނަ މީހުންނަކީ ވަކި ޝަރުތުތަކެއް ހަމަވާންޖެހޭ ބައެކެވެ.

"އަމިއްލަ ފައި މައްޗަށް ތެދުވެވޭ، ސަރުކާރަށް ބަރޯސާނުވާ މީހުން ގޮފިތަކަށް ވަނުން" އެއީ އެންމެ ފުރަތަމަ ޝަރުތެވެ. ދެން ވިދާޅުވީ ފިކުރު ގަބޫލުކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި ނުވިކޭނޭ ބަޔަކަށް ވާންޖެހޭނޭ ކަމަށެވެ. އެކަން ކުރުމަށް ވަކި ސެކްރެޓޭރިއެޓެއް އެކުލަވާލެވި އޭގެ ދަށުން ގޮފިތައް ބެލެހެއްޓޭނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 56 ވަނަ މާއްދާގައި ވާގޮތުން, ގޮއްޕެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 50 މެންބަރުން ހިމެނޭނަމަ އެވެ. އެމަނިކުފާނު އެ ޖައްސަވާ ހިސާބުންނަމަ, 1,000 ގޮފި ރަޖިސްޓްރީ ކުރެވޭނެ އެވެ. އެ މަސައްކަތް މާޗު ނުވަތަ ޖުލައި މަސް ނިމެންދެން ކުރިއަށް ގެންދާނެ އެވެ. އެ ހިސާބުން ދެން އޮތީ ރައީސް ސޯލިހުގެ ބޮނދަށް ސައިކިޔުމެވެ.

ކޮންގްރެސްގެ ދައުރު

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގައި ވާގޮތުން އެ ޕާޓީގެ އެންމެ އިސް ގުނަނަކީ ކޮންގްރެސް އެވެ. އެއީ މަންތިރި އެވެ. ރައީސް ސޯލިހުގެ ބޮނދަށް ސައިކިޔުމަށް ބޭނުންވާނޭ އެންމެ މުހިންމު ކުޅި އެވެ. ކޮންގްރެސް އެކުލެވިގެންވަނީ, ގައުމީ މަޖިލީހުގެ މެންބަރުންއިން ފެށިގެންގޮސް ޕްރޮވިންސްތަކުގެ ރައީސުންނާއި, ގޮފިތަކުގެ ރައީސުންވެސް ހިމެނޭ ގޮތަށެވެ. އެނޫނަސް އެތައްބައެއް ވެސް ހިމެނޭ ގޮތަށް ކޮންގްރެސް އެކުލަވާލެވިފައިވާއިރު, މިވަގުތުވެސް 1,200 މެންބަރުން ކޮންގްރެސްގައި ތިއްބަވަ އެވެ.

ކޮންގްރެސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ނަމަވެސް, އަސާސީ ގަވާއިދުގެ 26 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އިރަކުވެސް އާދަޔާ ހިލާފް ކޮންގްރެސްއެއް ބޭއްވިދާނެ އެވެ. އެ މާއްދާގައި ވާގޮތުން, ކޮންގްރެސްއެއްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތެރެއިން އެންމެ މަދުވެގެން ތިން ބައިކުޅަ އެއްބައި މެންބަރުން މިފަދަ އެއްވުމަކަށް އެދި ޗެއާޕާސަނަށް ލިޔުމުން ހުށަހެޅުމުން ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ.

މިވަގުތު ކޮންގްރެސް އެކުލަވާލެވިފައިވާ ގޮތުން އެއީ 400 މެންބަރުންނެވެ. އެންމެ ފަހުން ބޭއްވުނު އެމްޑީޕީ ކޮންގްރެސްގެ މަންޒަރުތަކަށް ބަލާލުމުން ރައީސް ނަޝީދުގެ އަރިހުގައި އެ އަދަދާއި ގާތްކުރާވަަރަކަށް ވެސް މެންބަރުންނެއް ނެތެވެ. އެހެންނަމަވެސް, 1,000 ގޮފި އިތުރު ކުރެވިއްޖެނަމަ, އެފަދަ ކޮންގްރެސްއަކަށް އެދުމަށް ބޭނުންވާ 700 އެއްހާ މެންބަރުން ހަމަކުރަން ފަސޭހަވާނެ އެވެ. އެ ހިސާބުން ދެން އޮތީ ކޮންގްރެސްގައި ނިންމާނޭ ނިންމުންތަކެވެ. ސައިކިޔާނީ ކިހިނަކުންތޯ އެވެ.

"އެމްޑީޕީގެ ޕްރައިމަރީއިން ހޮވުނު ކެނޑިޑޭޓާއެކު ކުރިއަށް ގޮސްގެން ކާމިޔާބެއް ނުކުރެވޭނެ" ސަރީހަ އިބާރާތުން އެމަނިކުފާނުގެ ހިޔާލު ރައީސް ނަޝީދު ފާޅުކުރެއްވި އެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ފަދައެވެ.

ވިދާޅުވީ, "ގޮފިން ދެން ފަހުގެ ތާރީހެއްގައި އަޅުގަނޑުމެން ވިސްނަން ކޮބާތޯ ޕާޓީއަށް އެންމެ ރަނގަޅަށް އިންތިހާބު ކާމިޔާބު ކުރެވެން އޮތް ގޮތަކީ. އެގޮތެއް އަޅުގަނޑުމެން އެއިރު ނިންމާނީ" ކަމަށެވެ. އެ ވިދާޅުވާ ގޮފިތަކަކީ އޭގެ ޒާތުގައި އެއްވެސް ބާރެއް އޮތް ގޮފިތަކެއް ނޫނެވެ. ގޮފިތައް މުހިންމުވަނީ ކޮންގްރެސްގެ ނިންމުންތައް ނިންމުމަށެވެ.

ކޮންގްރެސްއަށް ހުށަހަޅާފާނޭ ބައެއް ކަންކަން

ކޮންގްރެސްގެ އެއްވެސް ކަމެއް ފާސްކުރުމަށް މެޖޯރިޓީ ބޭނުންވާނެ އެވެ. 1,000 ގޮފި އިތުރު ކުރެވިއްޖެނަމަ މެޖޯރިޓީ ލިބޭނީ މަދުވެގެން 1,101 މެންބަރުންގެ ވޯޓެ ލިބިގެންނެވެ. އެ އަދަދު ނުލިބުނު ނަމަވެސް, އާދަޔާ ހިލާފް ކޮންގްރެސްއެއް ބާއްވަވާނަމަ ވަރަށް ގިނަ ކަންކަން ހުށަހަޅުއްވާނެ ކަން ޔަގީނެވެ.

އިއްޔެ ދޮން މަނިކު ސްކައިވިއުގައި ސަޕޯޓަރުން އަދި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި, ރައީސް ސޯލިހަށް ތާއީދު ކުރައްވާނަންތޯ ތަކުރާރުކޮށް ނޫސްވެރިން އެހުމުން ވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެހެންކަމުން, އިންތިހާބު އޮޅުވާލާފައިވާ ކަމަށް ދައްކަވާ ވާހަކަ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އިންތިހާބާ ގުޅޭ 53 މައްސަލައެއް އެމަނިކުފާނުގެ ފަރާތުން މިހާރު ވެސް ވަނީ ސެކްރެޓޭރިއަޓަށް ހުށަހަޅާފަ އެވެ. ކޮންގްރެސްއެއް ބާއްވައިފިނަމަ އެ މައްސަލަ ޔަގީނުން ވެސް އަލުން ފެންމަތިވާނެ އެވެ.

އެހެންނަމަވެސް, 2018 ވަނަ އަހަރު ކޮންގްރެސް އިން ރިޔާސީ ޓިކެޓް ދިން އިރު ސިޔާސީ މަސްރަހު އޮތްގޮތާއި, މިހާރާއި ވަރަށް ތަފާތެވެ. އޭރު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ފުރަތަމަ ހަވާލުކުރެވުނު ރައީސް ނަޝީދު ހުންނެވީ ކުރިމަތިލެވޭ ހާލަތެއްގައެއް ނޫނެވެ. ރައީސް ސޯލިހަށް އެފަދަ ހާލަތެއް ނެތެވެ. އެހެންކަމުން ޕާޓީގެ އާންމު މެންބަރުންގެ ނިންމުން ކޮންގްރެސް އިން ބަދަލު ކުރަން އުނދަގޫވާނެ އެވެ. އަސާސީ ގަވާއިދުވެސް އެމަގުން ތަންދޭ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންގްރެސްގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި، އަސާސީ ޤަވާއިދު އިސްލާހު ކުރުމާއި, އަސާސީ ގަވާއިދުގައި ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން ޕާޓީ އުވާލުމެވެ.

އެހެންނަމަވެސް, ރައީސް ސޯލިހުގެ މަންތިރި ހިމެނޭހެން ބައެއް ކުޅިތައް ވައްޓާލެވިއްޖެނަމަ ސައި ކިޔާނޭ ބައިވަރު ގޮތްގޮތް ހުންނާނެ އެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކައަކީ އެއް ގޮތެވެ. ބަރުލަމާނީ ނިޒާމަކަށް ދިއުމަށް އެމްޑީޕީ ކޮންގްރެސް އިން ފާސްވެއްޖެ ނަމަ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ވެސް ރުހުމާއެކު ދެން ޖެހޭނީ އާންމު ރައްޔިތުންގެ ވޯޓަކަށް ދާށެވެ. ނިޒާމު ބަދަލުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިވެ, ބޮޑުވަޒީރެއްގެ މަގާމް އުފެދި ބާރުތައް ފުރޮޅިގެން ދާނެ އެވެ. އެހެނަސް, ރައްޔިތުންގެ ވޯޓަކަށް ނުގޮސް ނިޒާމު ބަދަލުކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ދެން އޮތީ ކޯލިޝަންގެ ވާހަކައެކެވެ. ސަރުކާރު ފޮތިކޮށް އެމްޑީޕީއަށް ލިބޭ ހިއްސާ ކުޑަކަމަށް އަބަދުވެސް ރައީސް ނަޝީދު ގަބޫލުކުރައްވަ އެވެ. މި ކެމްޕޭން ތެރޭގައިވެސް އެވާހަކަތައް ތަކުރާރުކުރެއްވިއެވެ. އެހެންކަމުން, މިއީވެސް ކޮންގްރެސް އެއް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ދައްކަވާނޭ ވާހަކައެކެވެ.

ނަޝީދަށް ޕާޓީއިން ފިޔަވަޅު އެޅުން؟

ކުޅިބައި އަތުރާލައި އަލުން ކުޅެން ތައްޔާރުވި ނަމަވެސް, ރިޔާސީ އިންތިހާބުގެ ކުރިން އެކަން އެގޮތަށް ކުރުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ވޯޓުލީ މީހުންގެ 61 އިންސައްތަ ތާއީދާ އެކު ރިޔާސީ ޓިކެޓް ރައީސަށް ލިބިފައިވާއިރު, އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ރައީސް ނަޝީދުގެ އަމަލުތައް ސިފަ ކުރައްވަނީ ބަޣާވާތެއްގެ ގޮތުގައެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާނެކަން އަދިވެސް އިއުލާން ކުރައްވާފައިނުވާއިރު, އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރުން އެއީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފްވުން ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރެ އެވެ. އަދި ކިއެއްތަ, އެބޭފުޅުންގެ ވިސްނުމުގައި ނަޝީދުގެ އަމަލުތައް އަސާސީ ގަވާއިދާ ވެސް ހިލާފެވެ.

އަސާސީ ގަވާއިދުގެ 56 ވަނަ މާއްދާގައި, ޕާޓީގެ ގޮފިތަކަކީ ސިޔާސީ ގޮތުން އެއްފިކުރެއްގެ މަސައްކަތް ކުރުމުގެ ބޭނުމުގައި އުފައްދާ ގުނަންތަކެއް ކަމަށް ބަޔާންކޮށްފައިވާއިރު, "ފިކުރެއްގެ ދިރުން" ނަމުގައި އެހެން ފިކުރެއްގެ ގޮފިތަކެއް ނުހެދޭނެ ކަމަށްވެސް ގަބޫލުކުރާ މެންބަރުން ގިނަ އެވެ.

ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ވިސްނުންވެސް ހުރީ އެ މޭރުމުންނެވެ. ވިދާޅުވަނީ އަލުން އެކަމާ މެދު ވިސްނާލެއްވުމަށާއި ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުކޮށް އެގޮތަށް އަމަލު ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ, "ފިކުރެއްގެ ދިރުމުގެ ގޮފި އެމްޑީޕީ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނޯންނާނެ" ކަމަށެވެ. އެ އިޝާރާތް ކުރައްވަނީ "ގޮފި ގަވާއިދ" ދަށުން "ފިކުރުު ގޮފި" އުފެއްދުމަށެވެ. އެ ގަވާއިދުގައި ވާ ގޮތުން ޕާޓީ މެނިފެސްޓޯގައި ހިމެނޭ ވަކި ފިކުރެއްގެ މައްޗަށް ބަރޯސާކޮށް "ފިކުރު ގޮފި" ނަމުގައި ގޮފި އުފެއްދޭނެ އެވެ. ނަޝީދު ތަކުރާރުކުރަނީ އެމްޑީޕީގެ އަސާސްތަކާއި ހިލާފު ނުވާނެ ކަމަށެވެ.

އެހެންނަމަވެސް, އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ވަނީ, "ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތްކުރުމާއި ވޯޓު ދިނުން" އެއީ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ތާއީދު ހޯދައިދިނުމަކީ އާންމު މެންބަރުންގެ މަސްއޫލިއްޔަތަކަށްވާއިރު, އެކަމުގެ ޒިންމާ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަ މީހެއްގެ އަދި މާ ބޮޑަށްވެސް އޮންނާނެ އެވެ. ތާއީދު ހޯދައިދިނުމަށް ކެމްޕޭން ކޮށްދިނުމަކީ ޔަގީނުންވެސް ޕާޓީގެ ރައީސް ކުރައްވަން ޖެހޭނެ ކަމެކެވެ.

ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ ފިޔަވަޅު އެޅުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ ޕާޓީގެ ގައުމީ މަޖިލީހާ އެވެ. ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވަނީ ރައީސް ސޯލިހެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ރައީސް ނަޝީދު އިންނެވި ނަމަވެސް, މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތުގައި ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ރައީސްގެ މަގާމުން ވަކި ކުރާނަމަ, ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވެސް ވަކި ކުރުން ގާތެވެ.

ދެން އޮތީ ރައީސް ނަޝީދު ދޫ ނުދެއްވުމުގެ ސަބަބުން, ޕާޓީގެ މަސްލަހަތުތަކަށް ގެއްލުން ލިބޭ ކަމަށް ފެނި ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު ޕާޓީއިން ވަކިކުރަން ނިންމުމެވެ. އެހެންނަމަވެސް, އެއިރުން ނަޝީދުގެ ބޮނދަށް ސައިކިޔުނަސް ރައީސް ސޯލިހު މޮޅުވީ ކަމަށް ބުނަން ދައްޗެވެ. ރައީސް ނަޝީދަކީ ސިޔާސީ ގޮތުން އަދިވެސް ވަރުގަދަ ބޭފުޅެކެވެ. އެމަނިކުފާނަށް ތާއީދު ކުރާމީހުން ގިނަ އެވެ. ހަމަ ޔަގީނުންވެސް އެމްޑީޕީގެ 39 އިންސައްތަ މީހުން އެމަނިކުފާނަށް ތާއީދު ކުރެ އެވެ.

ގޮފިތައް ހެދުމުގެ މައްސަލައިގައި ޕާޓީ އިން ވަކި ކޮށްފިނަމަ, އާ ސިޔާސީ ޕާޓީއެއް ހަދަން ނަޝީދަށް ފަސޭހަވެސް ވާނެ އެވެ. ގޮފިތައް އެހެން ސެކްރެޓޭރިއެޓެއްގެ ދަށުން ވެސް ބަލަހައްޓަވަމުން ގެންދަވަނީ އެހެންވެ އެވެ. އެހެންނަމަވެސް, މިވަގުތަށް އާ ސިޔާސީ ޕާޓީއެއް ހެދުމަށް ނަޝީދުގެ ވެސް ވިސްނުމެއް ނެތެވެ. ވިދާޅުވަނީ, އެމަނިކުފާނު ދަންނަ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،"

ހަމަ ޔަގީނުންވެސް ސެޕްޓެމްބަރުގެ ކުރިން ކުޅިބައި އެތުރޭނޭ ގޮތެއް އެންމެންވެސް މިތިބީ ގާތުން ބަލާށެވެ. އިހު ދެ މިތުރުން ހައްދަވާނޭ ގޮތެއްގެ އިންތިޒާރުގަ އެވެ.