Advertisement

ކްލަބް ވޮލީބޯލްގެ މަސައްކަތުގެ ފައިދާ ދިވެހި ވޮލީ އަށް ކުރާނެ: ސޮފްވާން

30 ޖަނަވަރީ 2023 - 11:07 0

ކްލަބް ވޮލީބޯލްގެ ކޯޗު ސޮފްވާން އަހުމަދު: އޭނާ ވަނީ އެ ކްލަބުން ޒުވާން ކުޅުންތެރިން އުފައްދަން އަހައްމިއްޔަތުކަން ދީގެން ކުރާ މަސައްކަތުގެ ފައިދާބޮޑު ކަމަށް ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްލަބް ވޮލީބޯލްގެ މަސައްކަތުގެ ފައިދާ ދިވެހި ވޮލީ އަށް ކުރާނެ: ސޮފްވާން

30 ޖަނަވަރީ 2023 - 11:07 0

ކްލަބް ވޮލީބޯލް އިން ޒުވާން އާ ކުޅުންތެރިންނަށް ވާދަވެރި ރޫހެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދީގެން އެ ކުރާ މަސައްކަތުގެ ސަބަބުން ދިވެހި ވޮލީބޯޅަ އަށް އޭގެ ފައިދާކުރާނެ ކަމަށްް ކްލަބް ވޮލީބޯލްގެ ކޯޗު، ސޮފްވާން އަހުމަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް ވޮލީބޯލް އިން ވަނީ ވާދަކޮށްފަ އެވެ. މުޅިން އަލަށް ގައުމީ ފައިނަލެއްގައި ކުޅުނު ކްލަބް ވޮލީބޯލް ޓީމުގައި ޒުވާން ކުޅުންތެރިން ގިނަ އެވެ. ފައިނަލުގައި ކްލަބް ވޮލީބޯލް ވަނީ 3-1 ސެޓުން ކްލަބް ވެމްކޯ އަތުން ބަލިވެފަ އެވެ. އެކަމަކު، ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯ އަތުން ލީގު ބުރުގައި ކްލަބް ވޮލީބޯލް ވަނީ މޮޅުވެފަ އެވެ. ކްލަބް ވޮލީބޯލް ފައިނަލަށް ދިޔައީ ލީގު ބުރުގެ އެއް ވަނައިގެ ގޮތުގަ އެވެ.

ފައިނަލް މެޗަށް ފަހު ދިން އިންޓަވިއުގައި ކްލަބް ވޮލީބޯލްގެ ކޯޗު، ސޮފްވާން ބުނީ މުބާރާތް ފެށިއިރު، ގިނަ ބަޔަކު، ކްލަބް ވޮލީބޯލް ރޭންކްކުރީ ހަތަރު ވަނައިގައި ކަމަށެވެ. އެކަމަކު، ނިންމާލިއިރު، ދެ ވަނައިގައި އޮތުމަކީ "ކާމިޔާބެއް" ކަމަށާއި އުންމީދަކީ އިތުރަށް މަސައްކަތްކޮށް ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެމެން މަސައްކަތް ކުރީ ޗެމްޕިއަންކަން ހޯދޭތޯ. ދެން ޓީމަކީ ވަރަށް ޔަންގް ޓީމަކަށް ވެފައި. ސަބްސްޓިޓިއުޝަނަކަށް ބަދަލުގައި އަރުވާނެ ރަނގަޅު ކުޅުންތެރިން ނެތިގެން، (އަނިޔާގެ މައްސަލަ ވެސް ހުރީމަ) މި ނަތީޖާ މިއައީ، ކުޅުން ހަމަ ރަނގަޅު،" 2019 ވަނަ އަހަރު ތިން ވަނަ ހޯދި ޓީމުގެ ކޯޗު ސޮފްވާން ބުންޏެވެ.

"އިތުރަށް މި ޓީމު ރަނގަޅު ކުރަން މަސައްކަތް ކުރާނަން. ހުސް ޔަންގް ކުޅުންތެރިންތަކެއް ލައިގެން މި ވަރުވާނެ. އަޅުގަނޑުމެން މަސައްކަތް ކުރާނަން މީގެ ތެރެއަށް ކޮންމެ ވެސް ވަރަކަށް ސީނިއާ ޕްލޭޔަރުން ވެސް ގެނެވޭތޯ،"

ކްލަބް ވޮލީބޯލް އާއި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަކީ، ކޯޗު ސޮފްވާން، ޒުވާން އާ ކުޅުންތެރިން ވޮލީ އަށް ނެރެދީ އެ ކުދިން މަތީ ފަންތީގެ ވޮލީގެ ޕްރެޝަރަށް ހާނުވަން ބޭނުންކުރާ ދެ ކްލަބެވެ. ސޮފްވާން ބުނީ އޭގެ ފައިދާ އޮތީ ޖުމްލަކޮށް މުޅި ވޮލީ އަށް ކަމަށެވެ.

"މި ކުދިންނަށް މި ވަރަށް ފުރުސަތު ލިބުމަކީ މުސްތަގުބަލުގައި މި ކުުޅުންތެރިންގެ ޕާފޯމަންސް ރަނގަޅުވާނެ ކަމެއް. އޭގެ ފައިދާ ރާއްޖޭގެ ވޮލީ އަށް ކުރާނެ ކަމެއް. ދެން މިހާރު އަޅުގަނޑާއި ދެން ޕޮލިސް، މި ދެ ކްލަބެއް މި އުޅެނީ ޒުވާން ކުޅުންތެރިން ނެރޭ، އެހެންވީމަ މި ފަދަ މަސައްކަތުން ވޮލީގެ މުސްތަގުބަލު ރާއްޖޭގައި ކުރިއަރައިގެންދާނެ،" ގައުމީ ޓީމުގައި ވެސް ކޯޗިން މަސައްކަތް ކޮށްފައިވާ ސޮފްވާން ބުންޏެވެ.

ގައުމީ ފައިނަލުގައި ކްލަބް ވޮލީބޯލްއާ ދެކޮޅަށް ނުކުތް ވެމްކޯ ޓީމުގައި ތިބީ ރާއްޖޭގެ ލެވަލުން ބަލާނަމަ އެންމެ ސީނިއާ ލެވަލްގެ ތަޖުރިބާހުރި މޮޅު ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ފައިނަލުގެ ޕްރެޝަރު އާ ނުވާނެ ކަމަށެެވެ. އެކަން ފައިނަލް މެޗު ދިޔަ ގޮތުން ފެނިގެންދިޔަ ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.

ކްލަބް ވޮލީބޯލް ޓީމު މި ފަހަރުގެ މުބާރާތުގެ ރަނަރަޕަށް ދިޔައިރު، މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ކްލަބް ވޮލީބޯލްގެ ހިއްސާ ބޮޑެވެ. ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ކްލަބް ވޮލީބޯލްގެ ޝާނިޔާ އަހުމަދު ނިޒާމް، ނަރީމާ އިދުރީސް (ނަންނި) އަދި ފައިހާ މުހައްމަދު ހިމެނުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހުސެއިން އެވެ.