30 ޖަނަވަރީ 2023 - 12:40 1
މުހައްމަދު ޝަހްޒާން
30 ޖަނަވަރީ 2023 - 12:40 1
"ކުޑަފަރީ ވޯޓުފޮށިން [ރައީސް ސޯލިހު] ބަލިވުމަކީ ކައުންސިލްގެ ރައީސް ހައްޔަރުކުރަންޖެހޭ ސަބަބެެއް ނޫން. ރާއްޖޭގެ ކައުންސިލަރުން ކުރެ އެންމެ ހިންގުންތެރި އެންމެ މަސައްކަތްތެރި އެއް ކައުންސިލް ރައީސް [ޝަހީމް މުހައްމަދު] ހައްޔަރުކުރަން ފުލުހުން އަރުވައިގެން ތިޔަ ކުޅުއްވާ ހުތުރު ކުޅިވަރު ހުއްޓާލާ،"
ފާއިތުވި ދެދުވަހު ރާއްޖޭހެ ސިޔާސީ މަޝްރަހުގެ އޮއިވަރު ހުރިގޮތުން ނ. އަތޮޅު ކުޑަފަރީއަށް ފުލުހުންގެ ގޮސް އެ ރަށުގައި އިއްޔެ ހަރަކާތްތެރިވާން ފެށުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އޭނާގެ ޓްވިޓާ އެކައުންޓުން ދޫކޮށްލި މި ވާހަކައާ އެކު ކުޑަފަރީގައި ހިންގަމުންދަނީ ވޯޓާ ގުޅޭ މައްސަލައެއް ކަމަށް މީހުންނަށް ގަބޫލުކުރެވުނެވެ.
އެހެންނަމަވެސް، މިވަގުތާ ހަމައަށް ވެސް އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައެއް ނުވެ އެވެ. ކުޑަފަރީއަށް ފުލުހުން ގޮސް އެރުމާ އެކު އެރަށުގެ ބަޔަކު މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފެށުމުން ރޭ ފަހުގެ ވަގުތެއްގައި އެ ރަށަށް ދިޔަ ފުލުހުންގެ ޓީމު ވަނީ ކުޑަފަރީން ފައިބައިގެން ގޮސްފަ އެވެ.
ކުޑަފަރީގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަހުމަދު އީސާ އާއި އެމްޓީސީސީގެ ޗެއާމަން، މުހައްމަދު ފަހީމް އަކީ ވެސް އެމްޑީޕީގެ ދެ މެންބަރުން ކަމަށް ވުމުން މި މައްސަލައިގައި ސިޔާސީ ޓެގެއް އަޅުވަން ފަސޭހަވީ އެވެ.
ކުޑަފަރީގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް "އަދަދު" ނޫހުން ފީނައި ބެލިބެލުމުން ކުޑަފަރީގައި ޖެހިގެން އުޅެނީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ މައްސަލައެއް ނޫންކަން ވަނީ ކަށަވަރުވެފަ އެވެ.
ކުޑަފަރީގައި ހިނގަމުންދާ މައްސަލައަކީ ކުރީގެ ވިޔަފާރި ދެ ޕާޓްނަރުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މުހައްމަދު ފަހީމްއާ ދެމެދު އުފެދިފައިވާ މައްސަލައެކެވެ.
ކުޑަފަރީގައި އިގުތިސޯދީ މަސައްކަތްތައް ކުރިއެރުވުމަށް އެރަށުގެ ކައުންސިލުން މީހަކަށް ކުއްޔަށް ދޫކޮށްފައި އޮތް 20،000 އަކަފޫޓުގެ ބިމެއް ސިލިކާ ކުންފުނިން 27 އަހަރަށް ކުއްޔަށް ނެގި އެވެ.
އޭގެފަހުން އެތަނުގައި އިތުރު މަސައްކަތެއް ނުކޮށް އޮތުމަށް ފަހު މީގެ ދެ އަހަރު ދުވަސް ކުރިން އެ ބިން ސިލިކާ ކުންފުނިން، އަބޭޒް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނެވެ. ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ ސިލިކާ ކުންފުންޏަކީ އަހުމަދު އީސާ އާއި މުހައްމަދު ފަހީމްގެ ވިޔަފާރި އެކެވެ.
އަބޭޒްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު އީސާ އެވެ. އެ ކުންފުނީގައި ފަހީމްގެ ހިއްސާއެއް ނޯވެ އެވެ. ސިލިކާ ކުންފުންނިން އެ ބިން ކުއްޔަށް ނަގާފައިވާ މުއްދަތުގެ ބާކީ އޮތް ބައިގައި އެތަނުގައި ގެސްޓް ހައުސްއެއް ހަދަން އަބޭސްއަށް ދޫކުރީ އެގްރީމެންޓެއްގެ ދަށުންނެވެ.
ނަމަވެސް، އޭގެފަހުން ސިލިކާ ކުންފުނީގެ ދެ ޕާޓްނަރުންގެ މެދުގައި މައްސަލަ ޖެހި ފަހީމް އެ ވިޔަފާރިއާ ދުރުވި އެވެ. އަބޭޒް ކުންފުންޏަށް ދީފައި އޮތް ބިން އަނބުރާ އަތުލުމަށް ފަހީމް ބޭނުންވީ އެހިސާބުންނެވެ.
ނ. ކުޑަފަރީގައި ދަނީ ބިމެއްގެ މިލްކުވެރިކަމާ ގުޅިގެން ނުތަނަވަސްކަން އުފެދިފައި -- ފޮޓޯ: އައިލްސް
"އަޅުގަނޑުމެން އެ ތަނުގައި 22 ކޮޓަރީގެ ގެސްޓްހައުސްއެއް ހެދުމަށް ލޯނު ވެސް ހަމަޖެހިފައި އޮތީ. ކައުންސިލްގެ ފަރާތުން ދޫކުރަންޖެހޭ ނޯ އޮބްޖެކްޝަން ލެޓާ ނުލިބިގެން ލޯނު އަތަށް ނުލިބި އޮތީ. ކައުންސިލްގައި ތިބީ ފަހީމްބެގެ އާއިލާ ބޭފުޅުން. އެހެންވެ ދޫނުކޮށް އޮތީ ވެސް، އެއަށް ފަހު އަބޭޒްގެ މުދަލަށް އަރައިގަތީ،" އަހުމަދު އީސާ "އަދަދު" ނޫހަށް ވިދާޅުވި އެވެ.
އަބޭޒް ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވާގޮތުން އެ ކުންފުނިން ކުއްޔަށް ހިފާފައި ހުރި ސުވާސްތި ގޯތީގައި ހަދާފައިވާ ދެ ކޮޓަރީގެ ބީޗްހައުސްއަށް މިމަހުގެ ހަތަރު ވަނަ ދުވަހު ހުއްދަ ހޯދުމަކާ ނުލައި 30 އަކަށް މީހުން ވަދެ ވަނީ ގެއްލުންދީފަ އެވެ.
އަދި އެތަން ބެލެހެއްޓުމާ ހަވާލުވެ ތިބި އަބޭޒް ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކައި އެމީހުން އެތަނުން ނެރެ އެތަނަށް ވަދެގަތް މީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަހުމަދު އީސާ ވިދާޅުވީ މުދަލަށް ގެއްލުން ދިން މައްސަލަ އާއި ގޯތި ބަލަހައްޓަން ތިބި މީހުންނަށް ބިރު ދެއްކި މައްސަލަ ވެސް ފުލުހުންނަސް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެއީ މަދަނީ މައްސަލައެއް ކަމުން މައްސަލަ ކުރިއަށް ނުގޮސް އޮތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފުލުހުން ބަލަމުން އެދަނީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ. މީހުންނަށް ބިރެއް ނުދެއްކޭނެ، މުދަލަށް ގެއްލުމެއް ނުދެވޭނެ. އެ ގޯއްޗަކީ މިހާރު ސިލިކާގެ ތަނެއް ވެސް ނޫން. އަބޭޒްއަށް އެއްބަސްވުން ހަދާފައި ދީފައިވާ ތަނެއް،" އަހުމަދު އީސާ ވިދާޅުވި އެވެ.
ނަމަވެސް، ފަހީމްގެ ބަސް މުޅިން ތަފާތެވެ. އޭނާ ވިދާޅުވަނީ ސުވާސްތީ ބިމުގައި ހަދާފައިވާ އިމާރާތަކީ އޭނާގެ އަމިއްލަ ހަރަދުގައި ހަދާފައިވާ އިމާރާތެއް ކަމަށާއި އެތަން އަބޭޒް ކުންފުންޏަށް ކުއްޔަށް ދީފައި ވަނީ އޭނާއަށް އެންގުމަކާ ނުލައި ކަމަށެވެ.
"މި ބިމުގައިވާ އެންމެހައި އިމާރާތްތަކާއި ތަންތަނަކީ އަޅުގަނޑުގެ އަމިއްލަ ފައިސާއިން ހަރަދުކޮށްގެން ހަދާފައިވާ ތަންތަނެވެ. މި ބިން ކުއްޔަށް ނެގުމަށް ހަދާފައިވާ އެގްރިމަންޓަކީ އުފެދުމުގައި ވެސް ބާތިލް އެގްރިމަންޓެއް ކަމުގައި ދަންނަވަމެވެ،" ފަހީމްގެ އަމިއްލަ ނަމުގައި އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކުޑަފަރީ ސުވާސްތީ ގޯއްޗަށް ހުއްދަ ހޯދުމަކާ ނުލައި ވަދެ އެތަން ހިސޯރު ކުރިކަމަށް އަބޭޒް ކުންފުނިން ބުނާ ބުނުމާ ގުޅިގެން މި ނޫހުން ފަހީމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެތަނަށް ވަނުމަކީ އެއީ މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ބިމެއް، މުދަލެއް ކުޑަފަރީގައި ހުރީ. އެހެން ބައެއްގެ ތަނަކަށް ނޫން އަޅުގަނޑުމެން ވަނީކީ. އެއީ ކުށެއް ނޫން،" ފަހީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ފުލުހުން އެ ރަށަށް މިދިޔަ ހަފުތާގައި ވެސް ދިޔަ އެވެ. މައްސަލަ ހައްލުކުރަން މަސައްކަތް ކުރެވުނު ނަމަވެސް އަދިވެސް މައްސަލަ ހައްލެއް ނުވެ އެވެ.
އަހުމަދު އީސާ އާއި މުހައްމަދު ފަހީމް ސުވާސްތީ ގޯތީގެ މިލްކުވެރިކަމާ މެދު ކުރައްވާ ދައުވާއަށް ކުޑަފަރީ ކައުންސިލުން ދެއްވަނީ ވަރަށް ވަރުގަދަ ރައްދެކެވެ.
ކައުންސިލުގެ ރައީސް، އަލީ ޝަމީމް މި ނޫހަށް ވިދާޅުވީ އެ ދެބޭފުޅުން ވެސް މިލްކުވެރިކަމަށް އެ ދައުވާ ކުރައްވާ، ސުވާސްތީ ގޯއްޗަކީ 2013 ވަނަ އަހަރުގެ ޖޫން، އެއްވަނަ ދުވަހު ހަމަ އެ ރަށު ލަންދޫގެ އަބްދުލް މަޖީދު އިބްރާހިމް އަށް ކުއްޔަށް ދީފައި އޮތް ބިމެއް ކަމަށެވެ.
އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮތް ހަމައަށް ބަލާއިރު ތިންވަނަ ފަރާތަކަށް އެ ބިން ކުއްޔަށް ދެވޭނީ ކައުންސިލުގެ ހުއްދަ، ލިޔުމުން ލިބިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.
'ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ޙަވާލުކުރެވޭ ބިން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، އެތަނަކުން ދޫކުރަންވާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، އެ މިނިސްޓްރީއާއި ނުވަތަ އިދާރާއާއި ނުވަތަ ކައުންސިލާއި، ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ.' ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)
ޝަމީމް ވިދާޅުވީ އެ ބިން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ރުހުންދީ ކައުންސިލުގެ ފަރާތުން އެއްވެސް އިރެއްގައި އަބްދުލް މަޖީދަށް ލިޔުމެއް ދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެ ބިމުގެ މިލްކުވެރިކަމާ މެދު ދައުވާ ކުރުމަކީ ދައުލަތުގެ ބިމެއް ގާނޫނާ ގަވާއިދުތަކުގެ ބޭރުން ފޭރުނު ކަމަށް އެމީހުން އަމިއްލައަށް ވާ އިއުތިރާފެއް ކަމަށް އޭނާ ދެކެ އެވެ.
"ސިލިކާ ކުންފުނިން ވިޔަސް އަބޭޒް ކުންފުނިން ވިޔަސް އެ ތަނުގެ މިލްކުވެރިކަމަށް ދައުވާ ކުރާ ކަމަށްވަންޏާ އަޅުގަނޑު ގަބޫލު ކުރަނީ އެއީ ދިވެހިރާއްޖޭގެ ގާނޫނުގެ ބޭރުން ކުންފުނިތަކުން ދައުލަތުގެ ބިމެއް ފޭރިގެން ތިބި ކަމަށް އެފަރާތުން ދެއްވާ އިއުތިރާފީ ބަޔާނެއް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގެ މިލްކުވެރި ފަރާތަކީ ކައުންސިލް ކަމާއި އެތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތަކީ ކޮން ފަރާތެއްކަން ކަނޑައެޅިގެން އެނގެން އޮވެމެ، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށް ދޫކުރެވޭނެ ގޮތް ގާނޫނުން މާސާފުކޮށް ފެންނަން އޮތްއިރު ވެސް ފުލުހުން އެ މައްސަލައިގައި އަމަލު ކުރަމުންދާ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
"ދިވެހި ދައުލަތުގެ ބިން ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް، އެހެންވީމާ ދިވެހި ދައުލަތުގެ ބިން ގާނޫނާ ހިލާފަށް ފޭރުމުގެ އަމަލަކަށް ފުލުހުން އެއްބާރުލުން ދޭކަން އެއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،"
އޭނާ ވިދާޅުވީ އެ މައްސަލައިގައި ކައުންސިލު އަމަލު ކުރަންވީ ގޮތެއް ބެލުމަށް މިހާރު ގާނޫނީ ލަފާ ވެސް ހޯދައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ ބިމުގެ މިލްކުވެރިކަމާ ބެހޭގޮތުން ކައުންސިލުން ރަސްމީކޮށް ބަޔާނެއް ނެރުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.
"މިއަދު 12:30 ގައި އޮންނާނެ ކައުންސިލް ބައްދަލުވުމެއް، އެ ބައްދަލުވުމަށް ފަހު އެ ބިމުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަޅުގަނޑުމެން ބަޔާނެއް ނެރޭނަން" ޝަމީމް ވިދާޅުވި އެވެ.
ސިޔާސީ ޓެގެއް އަޅުވައި މަޝްހޫރު ކުރި ނަމަވެސް ހަގީގަތުގައި ކުޑަފަރީގައި ހިނގަމުންދަނީ ދެ ވިޔަފާރި ޕާޓުނަރުންގެ ދެމެދުގައި ހިނގަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި ހައްލެއް ލިބެން އޮތީ ކޮންމެވެސް އެއް ފަރާތަކުން ގޮތް ދޫކުށްގެންނެވެ. ނުވަތަ އެ މައްސަލަ ތަހުގީގުކޮށް މިލްކުވެރި ފަރާތަކީ ކޮބައިކަން ޝަރުއީ ކޯޓަކުން ކަނޑައެޅައިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment