Advertisement

ސަބަލެންކާ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި އުފުލާލައިފި

29 ޖަނަވަރީ 2023 - 02:13 0

ސަބަލެންކާ، އޮސްޓްރޭލިއަން އޯޕަންގެ ތަށި ހިފައިގެން އުފާފާޅުކުރަނީ.


ސަބަލެންކާ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި އުފުލާލައިފި

29 ޖަނަވަރީ 2023 - 02:13 0

މެލްބަން (ޖެނުއަރީ 29) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އަތުން މޮޅުވެ، ބެލަރޫސްގެ އަރީނާ ސަބަލެންކާ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިއީ ސަބަލެންކާ، 24، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ރަޝިއާ އިން ޔޫކްރެއިން އަށް އަރައި ކުރާ ހަނގުރާމައިގެ މައްސަލައިގައި ރަޝިއާ އަށް ތާއީދުކުރާތީ ބެލަރޫސަށް ވެސް އެކި ކުޅިވަރުތަކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖެހުނީ ނިއުޓްރަލް ފްލެގެއްގެ ދަށުންނެވެ.

މިދިޔަ އަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި ހޯދި ރިބަކީނާ އަތުން، އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ސަބަލެންކާ މޮޅުވީ ފުރަތަމަ ސެޓު ގެއްލިފައި އޮއްވައި، ފަހަތުން އަރަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 4-6، 6-3، 6-4 އިންނެވެ.

ޗެމްޕިއަންކަން ލިބުމުން އުފާފާޅުކުރުމުގެ ތެރެއިން ސަބަލެންކާ އަށް ރޮވުނެވެ. އިންޓަވިއުގައި ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ މިދިޔަ އަހަރަކީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ޗެލެންޖިން ފަހަރެއް ކަމަށެވެ. ކެރިއަރުގައި އެންމެ ބޭނުންވީ ގްރޭންޑް ސްލޭމް ތަށްޓެއް ހޯދުމަށް ކަމަށާއި އޮސްޓްރޭލިއަން އޯޕަންގެ ކާމިޔާބީއާ އެކު އެ އުންމީދު ހާސިލްވުމުން ކުރިއަށްދާން ހިތްވަރު ލިބިފައިވާ ކަމަށް ސަބަލެންކާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކާމިޔާބީއާ އެކު ސަބަލެންކާ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ޖެހިލާނެ އެވެ. ރޭންކިން އެއް ވަނައިގައި އޮތް ޕޮލެންޑްގެ އީގާ ސްވިއަޓެކް ވަނީ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ގަދަ 16 ބުރުން ކަޓައިފަ އެވެ. ސްވިއަޓެކް ކަޓުވާލީ ފައިނަލުގައި ނާކާމިޔާބުވި ރިބަކީނާ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި މުބާރާތުގެ ތަށި، ނުވަ ފަހަރަށް ހޯދާފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅޭނީ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އެވެ.