Advertisement

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެކުގައި މަސައްކަތް ކުރައްވަން ނަޝީދަށް ރައީސް ދައުވަތު ދެއްވައިފި

28 ޖަނަވަރީ 2023 - 21:42 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސް ސޯލިހު ދަނޑިކޮށި ޖަގަހަގައި-- ފޮޓޯ: މުހައްމަދު ޝާބިން


އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެކުގައި މަސައްކަތް ކުރައްވަން ނަޝީދަށް ރައީސް ދައުވަތު ދެއްވައިފި

28 ޖަނަވަރީ 2023 - 21:42 2

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމަށްފަހު، އެކުގައި މަސައްކަތް ކުރެއްވުމުގެ ދައުވަތު އެމަނިކުފާނައެކު ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ އަރުވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މިއަދު 40،000 އަށް ވުރެ ގިނަ މީހުން ވޯޓުލިއިރު އޭގެ ތެރެއިން 61 ޕަސެންޓު މީހުންގެ ވޯޓު ރައީސް ސޯލިހު ހޯއްދެވި އެވެ. އެއީ 24،000 އަށް ވުރެ ގިނަ ވޯޓެވެ.

އިންތިހާބުގެ ނަތީޖާ ސާފުވުމުން، ކާމިޔާބީ ފާހަގަ ކުރެއްވުމަށް ދަނޑިކޮށި ޖަގަހައިގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ހުރިހާ ބޭފުޅުންނާ ގުޅިގެން ކަމަށެވެ.

"ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިންވައިޓް ކުރާނަން [އެކުގައި މަސައްކަތް ކުރަން]،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕްރައިމަރީއަށް ވުރެ "މާ ފަސޭހަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން" އޮތް ކަމަށެވެ.

ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު، ނަޝީދު ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި ވިދާޅުވީ ވޯޓުގެ ނަތީޖާ ޝީޓުތައް ދިރާސާ ކުރެއްވުމަށްފަހު ދެން އަމަލު ކުރައްވާނެ ގޮތެއް ހާމަ ކުރައްވާނެ ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ވޯޓު އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ބައެއް މަންދޫބުން އަދި ސަޕޯޓަރުން ނުހައްގުން ހައްޔަރު ކުރި ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"ބައެއް ވޯޓު ފޮށިތައް ކައިރީގައި އަޅުގަނޑުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ. އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.