29 ޖަނަވަރީ 2023 - 11:14 0
ވެލެންސިއާގެ މެޗެއްގެ ތެރެއިން ގަޓޫސޯ.
29 ޖަނަވަރީ 2023 - 11:14 0
ވެލެންސިއާ (ޖެނުއަރީ 29) - ސްޕެއިނުގެ ވެލެންސިއާގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް، އެ މަގާމާ ހަވާލުވެ ހުރި އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.
ގަޓޫސޯ، 45، ވެލެންސިއާގެ ކޯޗުގެ ޒިންމާއާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ހަފްތާގައި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އަތުން 3-1 އިން ބަލިވެ ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ މެޗަށް ފަހު، ގަޓޫސޯ، ވެލެންސިއާގެ ކޯޗުކަމުން އިސްތިއުފާ ދޭން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ގަޓޫސޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"ތި ވާހަކަތައް (އަހަރެން އިސްތިއުފާދޭ ވާހަކަތައް) ވަރަށް ފަސޭހަވާނެ މި ވަގުތު، އެއީ މިއީ އަހަރެމެންނަށް (ވެލެންސިއާ އަށް) ފަސޭހަ ވަގުތެއް ނޫން. އިސްތިއުފާ ދީފައި ދިއުމަކީ އަހަރެންގެ ސްޓައިލެއް ނޫން. އަހަރެން މި ކުޅުންތެރިންނާ ވާހަކަ ދައްކައިގެން މި ހާލަތު ބަދަލުކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން މި ހުރީ،" ގަޓޫސޯ ބުންޏެވެ.
ކުރިން ނަޕޯލީ އާއި އޭސީ މިލާންގެ ކޯޗުކަން ވެސް ކުރި ގަޓޫސޯ ބުނީ ވެލެންސިއާ މެނޭޖްމަންޓުން މި މަހުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން ނޫޅޭ ކަމަށް ބުނެ، އުޒުރެއް ދައްކާފައި އޭނާ އަށް ވެސް ޓީމު ދޫކޮށްފައި ދިއުމަކީ ފަސޭހަ ގޮތެއް ކަމަށް ގިނަ ބަޔަކަށް ހީވެދާނެ ކަމަށެެވެ. އެކަމަކު، އޭނާގެ ހިތުގައި ވެލެންސިއާގައި މިހާރު ތިބި ކުޅުންތެރިންނަށް އިހުތިރާމް ދަށްވާ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.
ދެން އޮތް ޓާގެޓަކީ ސްޕެނިޝް ލީގުގެ ރަނގަޅު ހިސާބެއްގައި ނިންމާލަން ހުރިހާ ފޯކަސް އެއް ބެހެއްޓުން ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.
"ޓާގެޓަކީ 40 ޕޮއިންޓް ހަމަކުރުން. އެއީ ރިއަލިޓީ އަކީ. ޔަގީނުން ވެސް މިއީ އަހަރެމެންގެ ފޯމަށް ބެލިޔަސް ފަސޭހަކޮށް އޮތް ހާލަތެއް ނޫން،" 17 މެޗުން 20 ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ 13 ވަނައިގައި އޮތް ވެލެންސިއާގެ ކޯޗު ގަޓޫސޯ، ސީޒަނުގެ ބާކީ ބަޔަށް އޮތް ޓާގެޓްތަކާ ބެހޭގޮތުން ބުންޏެވެ.
ވެލެންސިއާއާ ހަވާލުވުމަށް ފަހު ގަޓޫސޯ ވަނީ އެ ޓީމާ އެކު މިހާތަނަށް 21 މެޗަށް ނުކުމެފަ އެވެ. ހަތް މެޗުން މޮޅުވިއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. އަދި ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ވެލެންސިއާ އިން މިރޭ ކުޅޭ މެޗުގައި ލީގުގައި ނުކުންނާނީ ރެއާލް ވަލޮޑޮލިޑާ ދެކޮޅަށެވެ.
Comment