28 ޖަނަވަރީ 2023 - 15:46 1
ހުސެއިން އަރުބާން ފައްވާޒް
28 ޖަނަވަރީ 2023 - 15:46 1
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ތެރެއިން ތ. މަޑިފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނުލިބޭ މީހަކު ވޯޓުލީ ކަމަށް ތުހުމަތުކޮށް، އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލައިފި އެވެ.
މަޑިފުށި ވޯޓު ފޮއްޓާއި ހަވާލުވެ ހުރި އަހްމަދު ނަސީމް "އަދަދު" އަށް ކިޔައިދިން ގޮތުގައި އެމްޑީޕީއަށް ތާއީދު ކުރާ އެ ރަށު ބައެއް ފަރާތްތަކުގެ ނަން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓްގައި ހިމަނާފައި ނުވެ އެވެ. އެހެންވެ އެ ފަރާތްތައް ވޯޓުލުމަށް މަރުކަޒަށް އައުމުން ފޮނުވާލަމުން ދާތީ ހިތްހަމަނުޖެހިފައި ތިބި ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ވޯޓު ފޮށި ފަޅާލީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެއްވެސް ވޯޓު ކަރުދާހަކަށް ގެއްލުންވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި ހަމަ ނުޖެހުން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ހޯދި ކަމަށް ވެސް ބުންޏެވެ.
"މިހާރު ހަމަނުޖެހުން ފުލުހުން ހުއްޓުވައިފި. އަަޅުގަނޑުމެން ދެ ފަރާތުގެ ސަޕޯޓަރުންގެ ހާޒިރުގައި ވޯޓުލީ މީހުންގެ ލިސްޓު ބަލާ ފާސްކުރީ، ބެލި އިރު ނެތް ވޯޓް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލާފައެއް، އެ ފަރާތުން (ހަމަނުޖެހުން އުފެއްދި އޮބްސާވަރެއް) ތުހުމަތު ކުރި މީހާ ވެސް އެތަނުގައި ހުރި، އެހެންވެ ދެ ފަރާތުގެ ސަޕޯޓަރުން ވެސް ނިންމީ ވޯޓުލުން ކުރިއަށް ގެންދަން،" އޭނާ ބުންޏެވެ.
ވޯޓު ފޮށި ހަލާކުކޮށްލުމުން މިހާރު އެ ރަށުގައި ވޯޓުލަނީ ކުރީގެ އިންތިހާބެއްގައި ބޭނުންކުރި ދަގަނޑު ފޮއްޓަކަށެވެ. ބައިގަނޑިރެއްހާ އިރު ވަންދެން ވޯޓު ލުން މެދުކެނޑިފައި އޮތުމަށްފަހު، މިހާރު ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އަހްމަދު ނަސީމް ބުންޏެވެ.
ވޯޓުލުން އަލުން ފެށީ ފަޅާލި ވޯޓު ފޮށީގައި ހުރި ހުރިހާ ވޯޓު ކަރުދާހެއް, އޮބްޒާވަރުންގެ ހާޒިރުގައި ދަގަނޑު ފޮއްޓަށް ބަދަލުކުރުމަށްފަހު އެވެ. ވޯޓު ފޮށި ފާޅާލުމުން, ވޯޓު ކަރުދާސްތައް ވަޔާ ވެސް ދިޔަ އެވެ. ނަމަވެސް, ހުރިހާ ވޯޓު ކަރުދާހެއް ހަމަކޮށް, ދަގަނޑު ފޮއްޓަށް އަޅާފައިވާ ކަމަށް ނަސީމް ބުންޏެވެ.
އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 227 މީހުންނަށެވެ. މިހާތަނަށް 89 މީހުން ވޯޓުލާފައިވާ ކަމަށް އެ ފޮއްޓާއި ހަވާލުވެ ހުރި އަހްމަދު ނަސީމު ފާހަގަކުރި އެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ 39.2 އިންސައްތަ މީހުންނެވެ.
Comment