Advertisement

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

28 ޖަނަވަރީ 2023 - 09:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

28 ޖަނަވަރީ 2023 - 09:23 0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.

ޕުރައިމަރީގެ ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގެ ފަހުންނެވެ.

މިއަދުގެ އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ރާއްޖޭގައި ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓައިފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް ވާދަކުރައްވަނީ އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއީ، ޒަމާންވީ ދެ ރަހުމަތްތެރިންގެ ގޮތުގައި ސިޔާސީ މަސައްކަތުގައި ނަޝީދާއި ސޯލިހު އުޅުއްވުމަށްފަހު، އިންތިހާބެއްގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

މާލޭގައި ވޯޓުލުން ކުރިއަށް ދަނީ

  • ސީއެޗްއެސްސީ
  • އަމީނިއްޔާ ސްކޫލް
  • މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ
  • އިސްކަންދަރު ސްކޫލް
  • ހިރިޔާ ސްކޫލް
  • އިމާދުއްދީން ސްކޫލް
  • މާފަންނު މަދަރުސާ
  • ތާޖުއްދީން ސްކޫލް
  • އިއްޒުއްދީން ސްކޫލް
  • ރެހެންދި ސްކޫލް
  • ކަލާފާނު ސްކޫލް
  • މުހިއްދީން ސްކޫލް

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާފައި ހުރީ އެރަށެއްގެ ސްކޫލްތަކުގަ އެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕުރައިމަރީގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ނަޝީދު މީގެ ކުރިން ދެ ފަހަރެއްގައި ޕްރައިމަރީގައި ވާދަ ކުރެއްވި އެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އާއި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އެވެ.

މިއަހަރުގެ އެމްޑީޕީ ރިޔާސީ ޕުރައިމަރީ އަކީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕުރައިމަރީގައި ވާދަކުރައްވާ ފުރަތަމަ ފަަހަރެވެ. މި އިންތިހާބުގެ ކެމްޕޭން ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރި, އަދި ހޫނުކޮށެވެ.

ދެ ކެންޑިޑޭޓުން ވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ރައްދުތައް ދެއްވާފަ އެވެ. ދެ ޓީމުގެ ކެމްޕެއިނު ވެސް އިއްޔެ ނިންމާލާފައިވަނީ ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން މާލޭގެ މަގުތަކުގައި ނަޝީދު ހިނގާލުމެއް ބޭއްވިއިރު, ރައީސް ސޯލިހު ވަނީ ހުޅުމާލޭގައި އެއްވުމެއް ބާއްވާފަ އެވެ.

ނަޝީދާއި ސޯލިހަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. ނަޝީދުގެ ބޮޑުދައިތަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ، ރައީސް ސޯލިގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅާ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީ ކުރިން އެ ޕާޓީގެ އެތެރޭގެ ވާދަވެރި ޕްރައިމަރީއެއް ބޭއްވީ އޭޕްރީލް 23، 2008 ގަ އެވެ.