Advertisement

އާއިލާ އިން ވެސް އެދޭތީ ސައުތުގޭޓް ނިންމީ އިންގްލެންޑް ކޯޗަކަށް ދެމިހުންނަން

27 ޖަނަވަރީ 2023 - 10:01 0

އިންގްލެންޑްގެ މެޗަކަށް ފަހު ސައުތުގޭޓް އުފާފާޅުކުރަނީ.


އާއިލާ އިން ވެސް އެދޭތީ ސައުތުގޭޓް ނިންމީ އިންގްލެންޑް ކޯޗަކަށް ދެމިހުންނަން

27 ޖަނަވަރީ 2023 - 10:01 0

ލަންޑަން (ޖެނުއަރީ 27) - އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ދެމިހުންނަން ނިންމި އެއް ސަބަބަކީ އާއިލާ އިން ވެސް އެ ގޮތް ބޭނުންވާތީ ކަމަށް އިނގިރޭސި ފުޓްބޯޅަ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރުގައި ގަަތަރުގައި ބޭއްވި ވޯލްްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުގައި މުބާރާތުގެ ރަަނަރަޕަށް ދިޔަ ފްރާންސް އަތުންނެވެ. އިންގްލެންޑް ކެޓުމުން، ސައުތުގޭޓަށް ގިނަ ފާޑިކިޔުންތަކެއް އަމާޒުވިއިރު، އޭނާ، އޭރު ވަނީ މަގާމުގައި ދެމިހުރުމާ ގުޅޭގޮތުން ނިންމުމެއް ނިންމާނެ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން، އިންގްލެންޑުން ވަނީ ސައުތުގޭޓް މަގާމުގައި ބަހައްޓާނެ ކަމަށް ބުނެފަ އެވެ. އިނގިރޭސި އެފްއޭ އިން، ޑިސެމްބަރު މަހު ބުނީ، ސައުތުގޭޓާއި އެސިސްޓަންޓް ކޯޗު ސްޓީވް ހޮލަންޑްގެ މަސައްކަތަށް ފުރިހަމަ އަށް އިތުބާރުކުރާ ކަމަށާއި ޖަރުމަނުގައި 2024 ވަނަ އަހަރުގައި ބާއްވާ ޔޫރޯގައި އިންގްލެންޑް ލީޑުކުރާނީ ސައުތުގޭޓް ކަމަށެވެ. ސައުތުގޭޓްގެ ކޮންޓްރެކްޓް އޮތީ ވެސް އެހާތަނަށެވެ.

އައިޓިވީ ނިއުސް އަށް، ސައުތުގޭޓް، 52، ދިން އިންޓަވިއުއެއްގައި ބުނީ އިންގްލެންޑްގެ ކޯޗަކަށް ދެމިހުރުމާ މެދު އެ ދުވަސްވަރު، ހަފްތާއެއްހާ ދުވަސް ވަންދެން ވަރަށް ފުންކޮށް ވިސްނި ކަމަށެވެ. އެ ވަގުތުތަކުގައި އިހުސާސްވި އެއް ކަމަކީ، އިންގްލެންޑްގެ ކޯޗަކަށް އޭނާ ހުރުމަކީ ސަޕޯޓަރުން ވެސް އަދި ޓީމާ ގުޅުންހުރި ގިނަ ބަޔަކު ބޭނުންނުވާ ކަމެއްގެ ގޮތުގައި ބެލެވޭ "ނެގެޓިވް ހިޔާލުތައް" ކަމަށް ސައުތުގޭޓް ބުންޏެވެ.

"މި އުނދަގޫ ވަގުތުތަކުގައި އަހަންނަށް ޕޮޒިޓިވް އެނާޖީ، އެ ހެޔޮ ވިސްނުންތައް އައީ އާއިލާއާ އެކު ވެސް މީގެ މަޝްވަރާތަކެއް ކުރެވިގެން. އަހަންނަށް އެނގުނު އެންމެ ރަނގަޅު އެއްޗަކީ، އެންމެން ހިތްހަަމަޖެހޭ މީހަކަށް ނުވެވޭނެކަން، ފާޑުކިޔުމާ ކުރިމަތިލައިގެންކަން ކުރިއަށްދެވޭނީ،" 2016 ވަނަ އަހަރު އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވި ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް، އެންމެ ފުރަތަަމަ އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު، ދާއިމީ ކޮންޓްރެކްޓެއްގައި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައުތުގޭޓް ވަނީ އިންގްލެންޑާ އެކު އެއްބަސްވުން ހަދައިފަ އެވެ. އިންގްލެންޑުން ސައުތުގޭޓްގެ ކޯޗުކަމުގައި ކުޅުނު 81 މެޗުގެ ތެރެއިން 49 މެޗުން މޮޅުވިއިރު، ބަލިވީ 14 މެޗުންނެވެ.

ކުރިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ސައުތުގޭޓްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމާއި އެންމެ ފަހުން ބޭއްވި ޔޫރޯގެ ރަނަރަޕަށް ގޮސްފަ އެވެ.

ސައުތުގޭޓް ބުނީ އޭނާ ހުރެެގެން އިންގްލެންޑަށް ތަށްޓަކާ ހަމައަށް ވެސް ދެވިދާނެ ކަމަށާއި ބޭނުންވަނީ އެކުގައި މަސައްކަތް ކޮށް، އިތުބާރާ އެކު ކުރިއަށް ދިއުމަށް ކަމަށެެވެ.

އިންގްލެންޑް ގޮވައިގެން ސައުތުގޭޓް ދެން ކުރިމަތިލާނީ ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވާން ކުޅޭ ކޮލިފައިން މެޗުތަކަށެވެ. ޔޫރޯ ކޮލިފައިންގައި އިންގްލެންޑް ހިމެނެނީ އިޓަލީ، ޔޫކްރެއިން، ނޯތު މެސެޑޯނިއާ އަދި މަލްޓާއާ އެއް ގްރޫޕެއްގަ އެވެ.