Advertisement

ޔޫރަޕުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކީ އިންގްލެންޑް

15 އޮކްޓޯބަރު 2025 - 07:36 0


ޔޫރަޕުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކީ އިންގްލެންޑް

15 އޮކްޓޯބަރު 2025 - 07:36 0

ރީގާ، ލެޓްވިއާ (އޮކްޓޫބަރު 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުންބޭރުގައި 5-0 އިން ލެޓްވިއާގެ މައްޗަށް ކުރިހޯދައި، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް އިންގްލެންޑް ވެއްޖެ އެވެ.

ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅޭ އިންގްލެންޑުން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރީ، ގްރޫޕް ކޭގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތް އަލްބޭނިއާ އަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ސާބިއާ ތިން ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

ދުނިޔޭގެ ރޭންކިން 137 ވަނައިގައި އޮތް ލެޓްވިއާ ދަނޑުގައި އިންގްލެންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 26 ވަނަ މިިނިޓްގައި އިންގްލެންޑްގެ ފުރަތަމަ ގޯލު ޖެހީ އެންތަނީ ގޯޑަން އެވެ.

މެޗުގެ 44 ވަނަ މިނިޓްގައި އޭރިއާކައިރިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައި ހެރީ ކޭން ވަނީ އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޭން ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 13 މިނިޓް ތެރޭ އިންގްލެންޑުން ހަތަރު ވަނަ ލަނޑު ޖެހިއިިރު، މިއީ، ލެޓްވިއާގެ އަންދްރެޖްސް ސިގަނިކްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އިންގްލެންޑްގެ ޑްޖެޑް ސްޕެންސް ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސިގަނިކްސް އަތުން ބޯޅަ ވަނީ ބައިކޮޅަށެެވެ.

ބަދަލަކަށް ކުޅެން އަރައި، މެޗުގެ 86 ވަނަ މިނިޓްގައި އިންގްލެންޑްގެ ފަސް ވަނަ ލަނޑު ޖެހީ އެބްރެޗީ އެޒޭ އެވެ.