26 ޖަނަވަރީ 2023 - 18:46 0
މުހައްމަދު ޝަހްޒާން
26 ޖަނަވަރީ 2023 - 18:46 0
ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އީފާސް ވެރިފައި ކުރެވޭ ގޮތް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން މިއަދު ހަދައިފި އެވެ.
އެންސީއައިޓީން ބުނީ އެ ސެންޓަރުން ޑިވެލޮޕުކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމުގެ އާ ވެބު ވާޝަނެއް މިއަދު ތައާރަފުކޮށްފައިވާ ކަމަށާއި ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައިވިޔަސް މިހާރު އޮންލައިންކޮށް އަމިއްލައަށް އީފާސް ވެރިފައި ކޮށްލެވޭނެ ކަމަށެވެ.
އީފާހަކީ ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދާފަރާތަކީ ކާކުކަން ޑިޖިޓަލްކޮށް ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެކެވެ.
އީފާސް ވެރިފައި ކުރުމުގެ މައިގަނޑު ބޭނުމަކީ އީފާސް ބޭނުންކުރަނީ އެ އީފާސް ނިސްބަތްވާ މީހާކަން ކަށަވަރު ކުރުމެވެ. އީފާސް ވެރިފައި ކުރުމުން ހިދުމަތްދޭ ފަރާތްތަކަށް، ހިދުމަތް ދެވެނީ ސައްހަ ފަރާތަށްކަން ކަށަވަރު ކުރެވެ އެވެ.
މީގެ ކުރިން އީފާސް ވެރިފައި ކުރެވެނީ އީފާސް ރެޖިސްޓާ ކޮށްދިނުމުގެ ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކަށް ގޮސްގެންނެވެ.
މިއަދު ގެނެވުނު ބަދަލާ އެކު އީފާހުގެ ވެބު އެޕަށް ވަނީ ބޮޑެތި ބަދުލުތަކެއް ވެސް ގެނެސްފަ އެވެ. އެގޮތުން އީފާސް ބޭނުން ކޮށްގެން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި އެ ޕޯޓަލްތަކާ ހިއްސާ ކޮށްފައިވާ ޒާތީ މައުލޫމާތު ވެސް އެ އެޕު މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
އީފާހަކީ 2012 އަހަރުން ފެށިގެން އެންސީއައިޓީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.
މިދިޔަ އަހަރު އެކަނިވެސް އެކި ފަރާތްތަކުން އެ ނިޒާމު މެދުވެރިކޮށް 5.1 މިލިއަން ފަހަރު އެކި ހިދުމަތްތައް ހޯދާފައިވެ އެވެ.
ދައުލަތުގެ 61 ޕޯޓަލެއް މެދުވެރިކޮށް 460 އަށްވުރެ ގިނަ ހިދުމަތް އީފާހުގެ ނިޒާމު ބޭނުންކޮށްގެން ހޯދެ އެވެ. މިއަދާ ހަމައަށް އެ އެއްލައްކަ ތިރީސް ހަތްހާހަށްވުރެ ގިނަ މީހުން އެ ނިޒާމު ބޭނުން ކުރަމުންދެ އެވެ.
Comment