Advertisement

އަލްހާންގެ ކިންގްސްގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓު

25 ޖަނަވަރީ 2023 - 11:34 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކިންގްސް ކުންފުނީގެ ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް؛ ކިންގްސްގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި


އަލްހާންގެ ކިންގްސްގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓު

25 ޖަނަވަރީ 2023 - 11:34 1

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ބޭންކް އެކައުންޓްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދަނިކޮށް އޭގައި އޮޅުވާލުމާއި މަކަރާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ. އަދި، ބީއެމްއެލުން ވަނީ އެ ކުންފުނީގެ އެކައުންޓުތައް ޑިއެކްޓިވޭޓްކޮށްފަ އެވެ.

ކިންގްސް ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބީއެމްއެލުން އެ ކުންފުނީގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކިންގްސްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން އަންނަ ސަބަބު ބަޔާން ކޮށްދިނުމަށް އީމެއިލް މެދުވެރިކޮށް އެންގުމަށް ފަހު ދުވަހެއްގެ ތެރޭގައި އެކައުންޓުތައް ޑީއެކްޓިވޭޓް ކުރީ، ކޯޓު އަމުރެއް ނެތި ކަމަށެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ހޯދަން ޖެހެ އެވެ. ކޯޓު އަމުރެއް ނެތި، ބީއެމްއެލް އިން ފައިސާ ހިފަހައްޓާފައި ވަނީ އެ ގާނޫނުގައި އޮތް އިޖުރާއަތާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.

ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި، އެކައުންޓުގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

އޭގެ އިތުރަށް އެއްބަސްވުމަކާ ހިލާފުވެއްޖެނަމަ އޭގެ ސަބަބުުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި އޮންނާތީ، ގާނޫނުގައި އޮންނަ ގޮތުގެ މަތިން 14 ދުވަހުގެ ތެރޭގައި އެ ކަމަށް އެދި ދައުވާ ކުރުމުގެ ހައްގު ކިންގްސްއަށް ލިބޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.