Advertisement

ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު މީހުން ސަލާމަތްވެއްޖެ

25 ޖަނަވަރީ 2023 - 10:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު؛ ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު މީހުން ދޫވެއްޖެ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު މީހުން ސަލާމަތްވެއްޖެ

25 ޖަނަވަރީ 2023 - 10:50 0

ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާޗު މަހު ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ބަންގްލަދޭޝްގެ ހަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ ކަރަށް ވަޅިން ހަމަލާދީ، ކަރު ބުރިކޮށް، އެ މީހާ މަރާލި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އަށް މީހެއްގެ މައްޗަށެވެ. އެއިން އެކަކުގެ މައްޗަށް މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އަނެއް ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލާގައި ދައުވާކޮށްފައިވާ އަށް މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތުމުންނާއި ތަހުގީގުގައި އުނި އެތައް ކަމެއް ފާހަގަވާން އޮތުމުން ދައުވާ ލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން، ތަހުގީގަށް ދިން ބަޔާނުގައި ދައުވާ ލިބޭ ދެ މީހަކު ކުށަށް އެއްބަސްވިޔަސް ޝަރީއަތުގައި ކުށަށް އިންކާރު ކޮށްފައިވެ އެވެ. ކުރިން ކުށަށް އެއްބަސްވީ ފުލުހުން އަނިޔާކޮށްގެން ކަމަށް ބުނެފައިވެ އެވެ. ޝަރީއަތުގެ އެކި މަރުހަލާގައި، ފުލުހުން އަނިޔާކުރާ ކަމަށް ތުހުމަތުކޮށް ކޯޓަށް ޝަކުވާކޮށްފައިވާ ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ ހާދިސާ ހިނގި މަންޒަރު ފެނުނު ކަމަށް ހެކިބަސް ދިނީ އެންމެ މީހަކު ކަމަށެވެ. އެ މީހަކީ ވެސް ސިކުނޑީގައި އުނިކަމެއް ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާ ބައެއް ފަހަރު ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ކަމަށް ޝަރީއަތަށް ހެކިބަސް ދިން އެހެން މީހުން ބުނެފައިވެ އެވެ.

ތަހުގީގުން ވެސް ބައެއް ކަންކަން ސާފުނުވާ ކަމަށް ހުކުމުގައިވެ އެވެ. އެ ގޮތުން ތުހުމަތުކުރެވޭ އަށް މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފޯނު އެނަލިސިސް ހަދާފައި ނެތްކަން ފާހަގަ ކޮށްފައިވެ އެވެ. މައްސަލައިގައި ހިމެނޭ މީހެއްގެ އަންނައުނުންނާއި ހާދިސާ ހިނގި ތަނުން ވެސް ލޭ ފެންނަން ހުރިކަން ތުހުމަތުކުރާއިރު، އެކަމާ ގުޅޭ ފޮރެންސިކް ތަހުލީލެއް ކޮށްފައެއް ނެތެވެ.