Advertisement

ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި

18 އޭޕްރީލް 2024 - 15:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި

18 އޭޕްރީލް 2024 - 15:56 0

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ދެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް ހުކުމް ކުރުން މިއަދު ކުރިއަށްދާ އިރު ޔޫސުފް ނައީމްގެ އިސްތިއުނާފަށް މިހާރު ވަނީ ނިންމައިފަ އެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދައުލަތުން ހުށަހެޅި ސަޕްރައިޒް ނުވަތަ ކުއްލި ހެކިތައް ފުރުސަތު ދިނުމަށް ފަހު އެ ހެކިތައް ތައުނު ކުރުމަށް ދިފާއުއަށް ފުރުސަތު ނުދިނުމަކީ ދިފާއުގެ ހައްގުތައް ފޯރުކޮށްނުދެވުން ކަމަށެވެ.

ޔާމީނަށް ފައިސާ ދިނީ، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިބިމެޓަށް އާރަށް ދިނުމުގެ މުގާބިލުގައި ކަމަށް ބުނެ އުފުލި ދައުވާގައި ހިމެނޭ ކުށުގެ އުންސުރުތަކާ ގުޅޭ ގޮތުން ދިފާއުގެ ފަރާތުން ފާހަގަ ކުރި އެއްވެސް ނުކުތާއަކާ މެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ގޮތެއް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ނެތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ދިފާއުން ކުރި ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުލިބުމަކީ ދިފާއަށް ލިބެން ޖެހޭ ދުސްތޫރީ ހައްގުތައް ނުލިބުން ކަމަށް އަހުރެން ދެކެން،" ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އެ ގޯސްތަކުގެ ސަބަބުން ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތު ކޮށްފައިވާ ގޮތަކީ ބޭއިންސާފެއް ކަމަށް ވެސް ސިފަކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވުމުން، ބެންޗުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ދަށު ކޯޓުން އަލުން ދިފާއަށް ދުސްތޫރީ ހައްގުތައް ލިބިދޭ ގޮތަށް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިނާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.