Advertisement

ގައުމީ ވޮލީ މުބާރާތް: ޕޮލިސް ކަޓުވާލުމަށް ފަހު ކްލަބް ވޮލީބޯލް ފައިނަލަށް، ސެމީގައި އީގަލްސް އާއި ވެމްކޯ

24 ޖަނަވަރީ 2023 - 08:47 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ކްލަބް ވޮލީބޯލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ ވޮލީ މުބާރާތް: ޕޮލިސް ކަޓުވާލުމަށް ފަހު ކްލަބް ވޮލީބޯލް ފައިނަލަށް، ސެމީގައި އީގަލްސް އާއި ވެމްކޯ

24 ޖަނަވަރީ 2023 - 08:47 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުތަކަށް ބަލާއިރު، ޕޮލިސް ކްލަބް ކަޓުވާލުމަށް ފަހު ކްލަބް ވޮލީބޯލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، ސެމީ ފައިނަލް މެޗުގައި ކްލަބް ވެމްކޯ އާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެންމެ ފަހުން، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން، 2019 ވަނަ އަހަރު ބޭއްވިއިރު، ޗެމްޕިއަންކަން ހޯދި ޕޮލިސް މި ފަހަރުގެ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. މިއީ ވޮލީބޯޅައިގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބްގެ އެންމެ ދަށް ނަތީޖާ ނުކުތް ފަހަރެވެ. މީގެ އަށް މަސް ކުރިން، ކުޅުނު ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ރަނަރަޕަކީ ވެސް ޕޮލިހެވެ.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޕޮލިސް ކުޅުންތެރިން: ޕޮލިސް ވަނީ މޮޅެއް ނުލިބި މުބާރާތުން ކަޓާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްލަބް ވޮލީބޯލް އިން ފައިނަލުގެ ސީދާ ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުން ފަސް ސެޓު ކުޅެގެން، އީގަލްސް އަތުން ބަލިވި ނަމަވެސް ކްލަބް ވޮލީބޯލް އިން ވަނީ ދެން ކުޅުނު ދެ މެޗުގައި، 3-1 ސެޓުން ވެމްކޯ އަދި ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ.

ދެ ވަނަ އަށް ދިޔައީ ތިން މެޗުން ހަ ޕޮއިންޓް ހޯދި ވެމްކޯ އެވެ. ވެމްކޯ ވަނީ އީގަލްސް އާއި ޕޮލިސް ބަލިކޮށްފަ އެވެ. ތިން ވަނަ އަށް ދިޔަ އީގަލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އީގަލްސް އިން ކްލަބް ވޮލީބޯލް އާއި ޕޮލިސް ބަލިކުރީ ފަސް ސެޓު ކުޅެގެންނެވެ. ލީގު ބުރުގެ ފުލުގައި ނިންމާލި ޕޮލިހަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިހާ ވާދަކޮށް، ކްލަބް ވޮލީބޯލް ސެޓުތައް ގެންދިޔައީ، 25-14، 25-20 އަދި 25-11 އިންނެވެ. ކްލަބް ވޮލީބޯލް މޮޅުކޮށްދޭން އެންމެ މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލްގެ ތައިލެންޑް ކުޅުންތެރިޔާ، ނިލާޕާ ޗަޕްސުދާ އެވެ.

އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކްލަބް ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްލަބް ވެމްކޯ އިން މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ކްލަބް ވޮލީބޯލް އަތުން ބަލިވުމުގެ ހަނދާން ނައްތާލައި އާ ފެށުމަކުން ފަށަން ރޭ ނުކުތީ ވަރުގަދަ ރޫހެއްގަ އެވެ.

ރޭ ކުޅުނު މެޗުގައި އީގަލްސް އަތުން ވެމްކޯ އިން ހޯދީ ފުރިހަމަ މޮޅެކެވެ. މި މެޗުން މޮޅުވެގެން އީގަލްސް އަށް ވެސް ފައިނަލުގެ ސީދާ ޖާގައެއް ހޯދަން ފުރުސަތު އޮތެވެ. އެކަމަކު، އެ ޓީމަށް ރަނގަޅު ފޯމެއްގައި އޮތް ވެމްކޯ ކައިރީގައި އެންމެ ރަނގަޅަށް ނުކުޅެވި ބަލިވީ އެވެ.

އީގަލްސްއާ ވާދަކޮށް، ވެމްކޯ އިން ސެޓުތައް ގެންދިޔައީ، 25-17، 25-20 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯ ޓީމުގެ އައިޝަތު މާޖިދާ އެވެ.

ވެމްކޯ އާއި އީގަލްސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާރޭ އެވެ. އެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލް މެޗުގައި ހުކުރު ދުވަހުގެރޭ ކްލަބް ވޮލީބޯލްއާ ދެކޮޅަށްް ނުކުންނާނެ އެވެ.