Advertisement

އަހަރެއް ނުވަނިސް އެވަޓަންގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފި

23 ޖަނަވަރީ 2023 - 22:39 0


އަހަރެއް ނުވަނިސް އެވަޓަންގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފި

23 ޖަނަވަރީ 2023 - 22:39 0

ލިވަޕޫލް (ޖެނުއަރީ 23) - މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވަޓަންގެ ކޯޗުކަމަށް ގެނައި، ފްރޭންކް ލަމްޕާޑް މަގާމުގައި އަހަރެއް ވެސް ނުވަނީސް ވަކިކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު، ލަމްޕާޑް، 44، އެވަޓަންގެ ކޯޗަކަށް ގެނައީ އެ މަގާމުގައި އޭރު ހުރި، ސްޕެއިންގެ ކޯޗު ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު އެވެ. އެވަޓަންގެ ކޯޗުގެ މަގާމުގައި ލަމްޕާޑް ހުންނަތާ އަހަރެއް ހަމަވާން ހަފްތާ އަކަށް ވެފައި ވަނިކޮށް މަގާމުން ވަކިކުރީ، އެ ޓީމާ އެކު ނަތީޖާއެއް ނުނެރެވި، ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

އެންމެ ފަހުން، ވެސްޓް ހޭމް ޔުނައިޓެޑް އަތުން އެވަޓަން ބަލިވި މެޗަށް ފަހު، އެ ޓީމު އޮތީ 20 މެޗުން 15 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ. އެވަޓަން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފަ އެވެ. އެންމެ ފަހުން ލީގުގެ މެޗަކުން އެވަޓަން މޮޅުވީ އޮކްޓޫބަރު މަހު އެވެ. މި ފަހަރުގެ ލީގުގައި މިހާތަނަށް އެވަޓަން މޮޅުވީ ތިން މެޗުންނެވެ.

މިދިޔަ އަހަރު، ލަމްޕާޑް، އެވަޓަންގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު ލީގުގެ 16 ވަނައިގައި އޮތްއިރު، މަސައްކަތް ކުރަމުން ދިޔައީ ރެލިގޭޝަނުން ސަލާމަތް ވުމަށެވެ. ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އެވަޓަންގެ ނަތީޖާތަށް ރަނގަޅުކޮށްފަ އެވެ.

އެކަމަކު، މި ފަހަރުގެ ސީޒަނުގައި އެވަޓަންގެ ނަތީޖާތަށް ގޯހުން ގޯހަށް ގޮސް، މައްސަލަތަކުން އަރައިނުގަނެވި، ރެލިގޭޝަނުގައި ޓީމު އޮއްވައި، ލަމްޕާޑް މި ވަނީ ވަކިކޮށްފަ އެވެ.

އެވަޓަން އިން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ ފަސް އަހަރު ތެރޭ ހަ ވަނަ ކޯޗެއް ހޯދުމަށެވެ.

ޗެލްސީގެ ކުރީގެ މިޑްފީލްޑަރު، ލަމްޕާޑް، ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ޑާބީ ކައުންޓީންނެވެ. އެ ފަހަރު، ޕްލޭއޮފް ފައިނަލުގައި ޑާބީ ވަނީ އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ.

އޭގެ ފަހުން، ލަމްޕާޑް ވަނީ 2019 ވަނަ އަހަރުގެ ޖުލައި، މަހު މައުރީޒިއޯ ސާރީ ވަކިކުރުމުން ޗެލްސީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޗެލްސީގެ ކޯޗުކަމުން، 18 މަސް ތެރޭ ލަމްޕާޑް ވަކިކުރީ އެވެ. އޭގެ ފަހުން، ޓީމަކާ ހަވާލުނުވެ ހުރުމަށް ފަހު، ލަމްޕާޑް އެނބުރި އައީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވަޓަންގެ އޮފާ ގަބޫލުކުރުމަށް ފަހު އެވެ. އެކަމަކު، މިހާރު އެވަޓަން އިން ވެސް މި ވަނީ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފަ އެވެ.