Advertisement

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެ

22 ޖަނަވަރީ 2023 - 14:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޭގައި ބިންދައިގެންދިޔަ "ފަހިރޯދި". އެ ދޯނި ދާންދޫއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ސޯޝަލް މީޑިއާ


މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެ

22 ޖަނަވަރީ 2023 - 14:52 0

ރޭ ދަންވަރުގެ ވަގުތެއްގައި މަސްވެރިކަމަށް ނުކުމެ އުޅުނު 97 ފޫޓުގެ ދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެ އެވެ.

ބިންދައިގެން ދިޔައީ ގއ. ދާންދޫއަށް ނިސްބަތްވާ ފަހިރޯދި ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ބިންދައިގެންދިޔަ އިރު، ދޯނީގައި ޖުމްލަ 19 މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލުވެ ސް ރަނގަޅު ކަމަށް އެ ދޯނީގެ ވެރިފަރާތް، ޒުހައިރު އަހުމަދު ބުންޏެވެ.

"އެމީހުން ގުޅާފައި ބުނީމަ އެހެން މަސްދޯންޏަކަށް (ސީ ކިންގު) ގުޅީ، އެ ދޯނި އެންމެ ފުރަތަމަ އެތަނަށް ދިޔައީ، ގޮސް ދޯނީގައި ތިބި އެންމެން ސަލާމަތް ކުރީ،" އޭނާ ބުންޏެވެ.

ކަނޑު މަސްވެރިކަމަށް ބޭނުން ކުރަމުން އަންނަ އެ ދޯނި ބިންދައިގެން ގޮސް ލިބުނު ގެއްލުމުގެ އަދަދު ހަތަރު ވަރަކަށް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ދޯނި ބިންދައިގެން ދިޔައީ އެ އަތޮޅު އެކެފަރު ކަނޑާ ދިމާލުން، ފަސް މޭލު ބޭރަށް ކަމަށެވެ. އެކެފަރަކީ ގއ. ވިލިނގިއްޔާ ގުޅިފައިވާ ފަރެކެވެ. އެއީ ރާއްޖޭގެ އެންމެ ދިގު ފަރުތަކުގެ ތެރޭގައި ހިމެނޭ ފަރެކެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އޭގެފަހުން އިތުރު ދެ މަރުހަބާ ނަމަކަށް ކިޔާ ދޯންޏަކާއި ސީ ހޯސް ދޯނި އެ ސަރަހައްދަށް ގޮސް ދެބުރިވެފައިވާ ދޯނި ކަފު ޖަހައިގެން ރަށަށް ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ.

"ގާތްގަނޑަކަށް މިއަދު އިރުއޮއްސެންވާއިރަށް މި ރަށާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވެނީ. ފަހަރެއްގައި އެއަށް ވުރެ ކުރިން ވެސް އަތުވެދާނެ،" ޒުހައިރު ބުންޏެވެ.

ދޯނިފަހަރު ބިންދައިގެން ދިޔުމުގެ ހާދިސާތައް އާންމުކޮށް ހިނގަނީ ކަނޑުގަދަވެ ރާޅު ބޮޑުވާ ދުވަސްވަރެވެ. މީގެ ކުރީގައި ވެސް މިފަދަ ތަފާތު ހާދިސާތައް ހިނގައި މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.