Advertisement

ލަމްޕާޑް ބުނަނީ ވަޒީފާ ގެއްލުމުގެ ބިރެއް ނެތް ކަމަށް

22 ޖަނަވަރީ 2023 - 11:33 0


ލަމްޕާޑް ބުނަނީ ވަޒީފާ ގެއްލުމުގެ ބިރެއް ނެތް ކަމަށް

22 ޖަނަވަރީ 2023 - 11:33 0

ލަންޑަން (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އެވަޓަން އޮތް ނަމަވެސް ކޯޗުގެ މަގާމު ގެއްލިދާނެ ކަމުގެ ބިރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އިނގިރޭސީ ލީގުގައި މިހާތަނަށް ގިނަ ޓީމްތަކުން 20 މެޗު ކުޅެފައިވާއިރު، އެވަޓަން އޮތީ އެންމެ 15 ޕޮއިންޓާ އެކުު ތާވަލްގެ 19 ވަނައިގަ އެވެ. މިހާތަނަށް އެ ޓީމަށް ލީގުގައި މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ. އެންމެ ފަހުން އެ ޓީމު މޮޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކްރިސްޓަލް ޕެލަސް އަތުންނެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ބަލިވި އެވެ. މިވީ ތިން މަސް ދުވަހު އިނގިރޭސި ލީގު ކަޕުންނާއި އެފްއޭ ކަޕުން ވެސް އެވަޓަން ވަނީ ކަޓައިފަ އެވެ.

އެވަޓަން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ރޭ ބަލިވީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިންނެވެ. މި މެޗުން ބަލިވުމާ އެކު ނޫސްވެރިންގެ ފުރަތަމަ ސުވާލަކަށްވީ އެވަޓަންގެ ކޯޗުކަމުގައި ލަމްޕާޑްގެ ކުރިމަގާ މެދުގަ އެވެ.

"ވަޒީފާ ގެއްލިދާނެތީ އެއްވެސް ވަރަކަށް ބިރެއް ނެތް. އަހަރެން އެކަމާ ނުވެސް ވިސްނަން. ހަމައެކަނި އަހަރެންގެ ވިސްނުމަކީ ކޮންމެ ދުވަހަކުވެސް ޓީމު ރަނގަޅުކުރުން" މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވަޓަންގެ ކޯޗު ކަމާ ހަވާލުވި ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނުނެރެވުން ކަމަށެވެ. ކުޅުމަށް ބަލާއިރު އެވަޓަން އިން އޭނާ އުއްމީދުކުރާ ވަރުގެ ކުރިއެރުން މަޑު މަޑުން ފެންނަމުން އަންނަ ކަމަށާއި، މިހާތަނަށް ނަތީޖާ ނެރެވިފައިނުވަނީ ނަސީބުގެ އެހީ ވެސް ނުލިބޭތީ ކަމަށެވެ.

އެވަޓަންގެ ކޯޗުކަމާ ފާއިތުވި ސީޒަނުގައި ލަމްޕާޑް ހަވާލުވީ އެ ޓީމުގެ ކޯޗަކަށް އޭރު ހުރި ސްޕެއިނުގެ ރަފައެލް ބެނިޓޭޒް މަގާމުން ވަކިކުރުމުންނެވެ. އޭރު ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދިޔަ އެވަޓަން ޓީމު ރެލިގޭޓްވިޔަ ނުދޭން ލަމްޕާޑް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.

ލަމްޕާޑް ބުނީ އުނދަގޫ ހާލަތެއްގައި މިދިޔަ އަހަރު އޮތްއިރު ވެސް ގިނަ ބައެއްގެ މަސައްކަތުން ޓީމުން ތަފާތު ދެއްކި ކަމަށާއި، މި ސީޒަންގައި ވެސް އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ.

"މިދިޔަ ސީޒަންގައި ވެސް އަހަރުމެން ރަނގަޅު ހިތްވަރެއް ދެއްކިން. ދެން މި ސީޒަން ފެށިއިރު އަހަރުމެންގެ ސްޓާ ޕްލޭޔަރު ރިޗާލިސަން ނެތް. އޭނާ ނެތީމަ އެކަމަށް ތައްޔާރުވާން ވެސް ވަގުތު ބޭނުންވޭ. ޓީމު އަންނަނީ މިހާރު މަޑުމަޑުން ކުރިއަރަމުން" ކުރިން ޑާބީ އާއި ޗެލްސީ އަށް ކޯޗުކޮށްދިން ލަމްޕާޑް ބުންޏެވެ.

އެވަޓަން އިން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކުލަބުގެ ސަޕޯޓަރުން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ކުލަބުގެ މެނޭޖުމަންޓަށް ފާޑުކިޔާފަ އެވެ. އެވަޓަންގެ ހިންގާ ބޯޑުގެ މެންބަރުންގެ އިސްތިއުފާ އަށް ސަޕޯޓަރުން ގޮވާފައިވާއިރު، ކުލަބުން މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

އެވަޓަންގެ ވެރިޔާ ފަރްހާދު މޮޝީރީ ކުލަބާ މެދު ނުވިސްނާ ކަމަށް ބުނެ ސަޕޯޓަރުން ފާޑުކިޔަމުން އަންނައިރު، އޭނާ މެޗުތަކަށް ހާޒިރުނުވާތީ އެކަން ވެސް ކުލަބުގެ ސަޕޯޓަރުން ފާހަގަކުރި އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ފުރަތަމަ ފަހަރަށް މޮޝީރީ ވަނީ ރޭ އެވަޓަން ކުޅުނު މެޗު ބަލާލަން ދަނޑަށް ހާޒިރުވެފަ އެވެ. މިއީ ކުލަބުގެ ކުރިމަގާ މެދު އޭނާ އަވަސް ފިޔަވަޅެއް އަޅަން ތައްޔާރުވާ ކަމުގެ ހެއްކެއް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.