Advertisement

ރަށު ނޯޓު: ށ. ގޮއިދޫ، ދަނޑުވެރިކަމުގައި ވަރުގަދަ ރަށެއް

21 ޖަނަވަރީ 2023 - 11:52 4

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ށ. ގޮއިދޫ: މިއީ ޒަމާނުއްސުރެ ދަނޑުވެރިކަމުގެ ރަށެއް. -- ފޮޓޯ: އަބްދުﷲ ރަމީޒު


ރަށު ނޯޓު: ށ. ގޮއިދޫ، ދަނޑުވެރިކަމުގައި ވަރުގަދަ ރަށެއް

21 ޖަނަވަރީ 2023 - 11:52 4

ކަރާ ހެއްދުމުގައި ޒަމާނުއްސުރެ އެންމެ ނަން މަޝްހޫރު ރަށަކީ އއ. ތޮއްޑޫ އެވެ. ނަމަވެސް ށ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު ދެއްވާ ޔަގީން ކަމަކީ، ކަރާ ހައްދާ ރަށެއްގެ ގޮތުގައި އެ ރަށް މާ މަޝްހޫރު ނުވިޔަސް، ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ ރަހައަށް ވުރެ ގޮއިދޫ ކަރާ، ފެންވަރު ރަނގަޅުވެ ރަހަ މީރުވާނެ ކަމެކެވެ. އަދި ރާއްޖޭގެ ގިނަ ބަޔަކަށް ބޭނުންވާ މިންވަރަށް ކަރާ ހެއްދޭނެ ކަމުގެ ޔަގީން ކަމެވެ.

"އަޅުގަނޑުމެން ދަނޑުވެރިކަން ކޮށް ތަޖުރިބާ ލިބިގެން، ރާއްޖޭގެ ބިމުގައި ހައްދަން ފަސޭހަ އަދި ކާލަން ފޮނި މީރު މުޑުވައް ތަޖުރިބާކޮށް، އެ ބާވަތުގެ މުޑުވައް މި ބޭނުންކުރަނީ،" ގޮއިދޫ ދަނޑުވެރިކަމުގެ މޮޅުކަން، ހާއްސަކޮށް ފެންވަރު ރަނގަޅު ކަރާ ހައްދާ ގޮތް ޝާހިދު ވިދާޅުވި އެވެ.

ށ. ގޮއިދޫ: ރަށުގެ ގިނަ މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ދަނޑުވެރިކަން. -- ފޮޓޯ: އަބްދުﷲ ރަމީޒު


ބިިމުގެ ގޮތުން ބޮޑު، 106 ހެކްޓަރުގެ ގޮއިދޫ މަޝްހޫރު ވެފައި ވަނީ ދަނޑުވެރި ރަށެއްގެ ގޮތުގަ އެވެ. ރަށުގެ އާބާދީ 700 އަށް ވުރެ ގިނައިރު، ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 500 އެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ މީހުން ދަނޑުވެރިކަން ކުރާއިރު، ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ.

އެ ރަށުގައި ބައެއް ފަރާތްތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެ އެވެ. ހާއްސަކޮށް ރޯދަ މަހަށް ބޭނުންވާ ބައެއް ތަކެތި އެ ރަށުގެ އެންމެން ވެސް ހައްދަ އެވެ.

ގޮއިދޫގެ މައިގަނޑު މާކެޓަކީ ހދ. ކުޅުދުއްފުއްޓެވެ. ނަމަވެސް އާރުޓީއެލްގެ ފެރީ ނިޒާމާއެކު އަތޮޅުގެ އެހެން ރަށްރަށަށް ވެސް މޭވާއާ ތަރުކާރީ ވިއްކަން ވަނީ ފަށައިފަ އެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން މާލެއަށް ސަޕްލައިކުރެ އެވެ. މިހާ ފުޅާ ގޮތެއްގައި ދަނޑުވެރިކަން ކުރާއިރު އެ ރަށުގެ ހާއްސަ ސިފައަކީ ބިދޭސީން މަދުވުމެވެ.

ކައުންސިލްގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތަކުން ގެންގުޅޭ ދެތިން ބިދޭސީން ފިޔަވައި، ދަނޑުވެރިކަމުގައި ހަރަކާތްތަރިވާ އެންމެންނަކީ ވެސް އެ ރަށުގެ ރަށްވެހިންނެވެ. ރަށުގައި މިހާރު ހިންގާ ސަރުކާރުގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ބިދޭސީން ފިޔަވައި، ރަށުގައި ވަޒީފާ އަދާކުރުމުގެ ގޮތުން އުޅެމުން ދަނީ ފަނަރަ ވަރަކަށް ބިދޭސީންނެވެ.

ށ. ގޮއިދޫގައި ރީތި ދޮންވެލި ގޮނޑުޑޮށެއް އޮންނައިރު، ރަށުގައި ކަނޑޫފަލެއް ވެސް އޮވޭ. -- ފޮޓޯ: އަބްދުﷲ ރަމީޒު


ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ގޮއިދޫގައި ނެތަސް، އެއީ އިޖުތިމާއީ ގުޅުން ވަރަށް ވަރުގަދަ ރަށެކެވެ. ކައުންސިލާއި ރަށުގެ ރައްޔިތުންގެ ގުޅުން ބަދައްސެވެ. މި ރޯދަ މަހަށް ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ކައުންސިލުން ހަމަޖެއްސިއިރު، އެންމެ ފަހުގެ ބޯހިމެނުމަށްޓަކައި ރަށުގެ ކައުންސިލުން ވަނީ ނަން ބޯޑު ނެތް ގޭގޭ ނަން ބޯޑު ހިލޭ ހަދައިދީފަ އެވެ.

މި ރަށުގައި ކަނޑުމަހުގެ މަސްވެރިކަމެއް ނުކުރެ އެވެ. ނަމަވެސް ވަދު މަހަށާއި ފަރުމަސްވެރިކަން ބައެއް ފަރާތްތަކުން ކޮށް އުޅެ އެވެ.

މާސިންގާ މި ރަށުގެ މަލަމައްޗާއި ރަށުގެ ގުދުރަތީ ވެށީގެ މުއްސަނދި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވަނީ ކަނޑޫފަލާއި، ރަށުގެ ދޮންވެލި ގޮނޑުދޮށެވެ. ފަޅުވެސް، ފަރުވެސް އެހާމެ ހިތްގައިމެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ގޮއިދޫ އަތޮޅު: މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ރަށުގެ ކޯޑު: ސީ 3 އާބާދީ: ގާތްގަނޑަކަށް 700 ރަށުގައި ދިރިއުޅޭ އާބާދީ: 500 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ފިހާރަ: 5 ކެފޭ: 1 ތެލާއި ގޭސް ވިއްކާ ތަންތަން: 2 ކަރަންޓް ހިދުމަތް: 24 ގަޑިއިރު ބަނދަރު: ހަދާފައި ފެނާއި ނަރުދަމާ: ގާއިމުކުރުން ކުރިއަށް