Advertisement

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދެއް ނެރެފި

21 ޖަނަވަރީ 2023 - 11:05 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މާލެ ކައިރިން ފެރީ ދޯންޏެއް ދުއްވާފައި ދަނީ: ގަވާއިދުގެ ދަށުން ހުރިހާ ލޯކަލް އުޅަނދެއް ރަޖިސްޓްރީ ކުރަންޖެހޭ -- ފޮޓޯ: އަދަދު ފައިލް


ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދެއް ނެރެފި

21 ޖަނަވަރީ 2023 - 11:05 0

ރާއްޖޭގެ އެތެރޭގައި ލޯކަލް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އާ ބެހޭ އާ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޝާއިރު ކުރި މި ގަވާއިދަށް ކިޔަނީ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު" އެވެ. ޖުމްލަ 32 ސަފްހާގެ މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ދުއްވުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާ ވާނެ އެވެ.

ގާވާއިދުގައި ފާހަގަ ކޮށްފައިވާ ބައެއް މުހިންމު ކަންތައްތައް

  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން.
  • މިނިސްޓްރީން ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ ފަރާތަކުން ދޫކޮށްފައިވާ ލައިސަންސެއްގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމުގެ ވަގުތީ ލައިސަންސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ދޫކުރެވިދާނެ.
  • މުއްދަތު ހަމަނުވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭނީ، މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ މީހުންނަށް.
  • ބިދޭސީ ލައިސަންސަށް ބިނާކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭ.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު، ނިޔަމިކަމުގެ ސަނަދު ނެތި ދުއްވުން މަނާ ކުރޭ.
  • ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖު އެންޑޯޒް ކުރަންޖެހޭ.
  • ދިވެހި ރައްޔިތުންނަށް ދޫކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދިނުމުގެ ފީއަކީ 250ރ.
  • ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް
  • ހިފެހެއްޓުމުގެ ބާރު، ކަމާ ބެހޭ ފަރާތްތަކަށް ދީފައިވޭ.
  • ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް 1،500ރ. އިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުން.
  • ލައިސަންސް ބާޠިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭ.

އެ ގަވާއިދުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވާއިރު، އެކި ބޭނުން ތަކުގައި ކޮންމެ ރަށެއްގައި ވެސް ގިނަ އަދަދެއްގެ ކަނޑު އުޅަނދު ފަހަރު ގެންގުޅެ އެވެ.