Advertisement

ވެރިންތަކެއް މަގުމަތި ވެދާނެތީ، އެމްޑީޕީގެ އެއް ލައްކަ މީހުން މާޔޫސްކޮށް ނުލެވޭނެ: ނަޝީދު

20 ޖަނަވަރީ 2023 - 11:03 0

ގއ. ގެމަނަފުށި

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވިއްސާރާގައި ރައީސް މުހައްމަދު ގެމަނަފުއްޓަށް ވަޑައިގަތް އިރު ހޫނު މަރުހަބާއެއް - ފޮޓޯ: ސިމްވާ


ވެރިންތަކެއް މަގުމަތި ވެދާނެތީ، އެމްޑީޕީގެ އެއް ލައްކަ މީހުން މާޔޫސްކޮށް ނުލެވޭނެ: ނަޝީދު

20 ޖަނަވަރީ 2023 - 11:03 0

ގއ. ގެމަނަފުށި

އެމްޑީޕީއަކީ އިންތިހާބުތަކުގައި އެއް ލައްކައެއްހާ ވޯޓު ހޯދަމުން އައި ޕާޓީއެއް ކަމަށާއި، ސަރުކާރުގައި ތިބި މަދު ބަޔަކަށް ޓަކައި އެއް ލައްކަ މީހުންގެ އުންމީދުތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރަށްރަށަށް ކެމްޕޭނަށް ވަޑައިގެން ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ބަދަލުގައި ރައީސް ސޯލިހު ތަންފީޒު ކުރައްވަމުން ގެންދަވަނީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސިޔާސަތުތައް ކަމަށެވެ.

މިއަދު ހެނދުނު ގއ. ގެމަނަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ތާއީދު ބޮޑުކޮށް އޮތީ އެމްޑީޕީ އާއި އެ ޕާޓީއާ އެންމެ ވާދަވެރި ޕީޕީއެމް ކަމަށެވެ. އެ ދެ ޕާޓީން، އިންތިހާބުތަކުގައި ގާތްގަނޑަކަށް 90 އިންސައްތަ މީހުންގެ ވޯޓު ހޯދާކަން ނަޝީދު ފާހަގަކުރެއްވި އެވެ. ދެން ހުރި ޕާޓީތައް އެއްވެގެން ހިއްސާވަނީ ބާކީ 10 އިންސައްތަ މީހުން ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން އައީ އިއްތިހާދުގެ ވެރީން ރުއްސުމަށް ޓަކައި، އެކަމަކު އެއީ ރައްޔިތުންގެ އިއްތިހާދެއް ނޫން، އެ އިއްތިހާދުގެ ބައިވެރިން އެއީ މި ރާއްޖޭގެ ގާތްގަނޑަކަށް ފަހަކާއި ދިހައަކާ ދެމެދުގެ އިންސައްތައެއް އޮތް ބަޔެއް،" ވިއްސާރާގައި ވެސް، ގެމަނަފުށީގައި ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އެއްވެ ނަޝީދުގެ ވާހަކައަށް ފޯރިދެމުން ދަނިކޮށް ވިދާޅުވި އެވެ.

އެމްޑީޕީ އަނެއްކާ ވެސް މަގުމަތި ވެދާނެ ކަމަށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެ މީހުންގެ ކަންބޮޑުވުމަކީ މި ވަގުތު އޮތް މަގާމާއި ބާރު ގެއްލުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގައި ތިބި ހާހެއްހާ މީހުނަށް ޓަކައި، އެމްޑީޕީގެ އެއް ލައްކަ މީހުން މާޔޫސްކުރަން ބަލަހައްޓައިގެން ނުހުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސަކަށް ވެސް ހުންނެވި ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރު ވަޒީރުން، ޑެޕިއުޓީ މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ކުންފުނިތަކުގެ އެމްޑީން، ޑީއެމްޑީން، މިހެން ގޮސް އަލްފަބެޓްގެ ހުރިހާ އަކުރެއް ހަމަވާން ދެކަށް ދީފައި އޮތް ބަޔަކަށް ޓަކައެއް ނޫން އަޅުގަނޑުމެން ނުކުމެ މި ތިބީއެއް، އަޅުގަނޑުމެންގެ އެއް ލައްކަ މީހުންގެ އުންމީދުތައް ހޯދަން ވެގެން ނުކުމެ މި ތިބީ،" ސަޕޯޓަރުންގެ ފޯރިއާއެކު، ސަމާސާ ގޮތަކަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި އަދި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ރަނގަޅު ސިޔާސަތުތައް ދައްކާނެ ޕާޓީއަކަށް ވޯޓު ދޭން ކަމަށެވެ. ނަޝީދާ އެކު، އެމްޑީޕީން ރަނގަޅު ސިޔާސަތުތަކެއް ހިފައިގެން ނުކުތުމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.