Advertisement

ބްރައިޓަންއާ މައްސަލަ ޖެހުނު ޓްރޮސާޑް އާސެނަަލަށް

20 ޖަނަވަރީ 2023 - 10:41 0

ސިޓީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ ޓްރޮސާޑް އުފާފާޅުކުރަނީ.


ބްރައިޓަންއާ މައްސަލަ ޖެހުނު ޓްރޮސާޑް އާސެނަަލަށް

20 ޖަނަވަރީ 2023 - 10:41 0

ލަންޑަން (ޖެނުއަރީ 20) - ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ މެނޭޖްމަންޓާ މައްސަލަ ޖެހުނު ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްރައިޓަންގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީ، މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ޓްރޮސާޑް، އެންގުމެއް ނެތި ކްލަބްގެ ޕްރެކްޓިސް ދޫކޮށް ދިއުމުން އޭނާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން، ޓްރޮސާޑްގެ އޭޖެންޓް، ޖޯސީ ކޮމްހެއާ ވަނީ ސޯޝަލް މީޑިއާގައި ޑި ޒާބީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ސޯޝަލް މީޑިއާ އަށް ދޫކޮށްލި ބަޔާނެއްގައި ކޮމްހެއާ ބުނީ ފީފާ ވޯލްޑް ކަޕަށް ފަހު ބްރައިޓަންގެ ފަރިތަކުރުމެއްގެ ތެރެއިން ޓްރޮސާޑާ އެހެން ކުޅުންތެރިއަކާ ދެމެދު ހިނގި ކަންތައްތަކަކަށް ފަހު، ޑި ޒާބީ، ޓްރޮސާޑާ ވާހަކަ ނުދައްކާ ކަމަށެެވެ. އޭގެ ފަހުން، ޓްރޮސާޑްގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ޕްރެކްޓިސް ކުރުން ހުއްޓާލި ކަމަށާއި އެކަން ކުރީ ބްރައިޓަންގެ މެޑިކަލް ސްޓާފުންގެ ލަފާގެ މަތިން ކަމަށް ކޮމްހެއާ ވަނީ ބުނެފަ އެވެ.

އެކަމަކު، ޑި ޒާބީ، ބްރައިޓަންގެ ކުޅުންތެރިން ކުރިމަތީގައި ޓްރޮސާޑްގެ އަގުވެއްޓޭގޮތަށް ވާހަކަ ދައްކާތީ އެކަމާ މާޔޫސްވާ ކަމަށާާއި އެންމެ ރަނގަޅު ހައްލަކީ މި މަހުގެ ޓްރާންސްފާ މާކެޓްގައި ޓްރޮސާޑް ކްލަބް ބަދަލުކުރުން ކަމަށް ޑި ޒާބީ ވެސް ބުނި ކަމަށް ކޮމްހެއާ ވަނީ ބުނެފަ އެވެ.

ކުރިން، ބެލްޖިއަމްގެ ގެންކަށް ކުޅުނު ޓްރޮސާޑް، 28، އާސެނަލަށް ބަދަލުވާނީ 27 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޓްރޮސާޑް ސޮއިކުރާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މި ސީޒަނުގައި މިހާތަނަށް ޓްރޮސާޑް ވަނީ 17 މެޗުން ހަތް ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ ތިން އަހަރު ކުރިން، ބްރައިޓަން އަށް ބަދަލުވި، ޓްރޮސާޑް، މި ސީޒަނުގައި ވަނީ ލިވަޕޫލް ދަނޑުގައި ހެޓްރިކެއް ހެދުމުގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ކޮޅަށް ގޯލު ޖަހައިފަ އެވެ.

ގަތަރު ވޯލްޑް ކަޕްގައި ކުޅުނު ބެލްޖިއަމް ޓީމުގައި ވެސް ޓްރޮސާޑް ހިމެނެ އެވެ. މެޗުތަކުގައި ކުޅެފައިވެސް ވެ އެވެ.

އާސެނަލުން ޓްރޮސާޑްގެ ސޮއި މި ހޯދީ އެ ކްލަބުން މި ފަހަރުގެ ޖެނުއަރީގައި އެންމެ ބޮޑަށް ގެންނަން މަސައްކަތްކުރި ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް، ޗެލްސީ އަށް ބަދަލުވުމުންނެވެ. އާސެނަލުން ފޯވާޑެއް ގެންނަން ކޮންމެ ހެނެއް ވެސް ބޭނުންވެ އެވެ. އެއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް ހުރީ އަނިޔާގައި ކަމަށްވާތީ އެވެ.