Advertisement

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލްތައް ބާކީވަނީ ކޯލިޝަންގެ ސަބަބުން

19 ޖަނަވަރީ 2023 - 15:35 0

ގއ. ކޮލަމާފުށިން

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު ގދ. ދެއްވަދޫގައި ވާހަކަ ދައްކަވަނީ؛ ކޯލިޝަން ލީޑަރުންގެ ހައްގުގައި ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވި - ފޮޓޯ: ސިމްވާ ޓްވިޓާ


ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލްތައް ބާކީވަނީ ކޯލިޝަންގެ ސަބަބުން

19 ޖަނަވަރީ 2023 - 15:35 0

ގއ. ކޮލަމާފުށިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ދަތުރު ކުރައްވަމުންގެންދަވާ، ކޮންމެ ރަށަކަށް ވަޑައިގެން ވެސް އެންމެ ބޮޑަށް ދެއްކެވީ މަސްވެރިކަމުގެ ވާހަކަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެވެ.

ހުވަދޫ އަތޮޅަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. މަސްވެރިންނަށް އެމްޑީޕީން ހުށަހެޅި ގިނަ ސިޔާސަތުތަކެއް ތަންފީޒު ނުވެ އޮތް ކަން ފާހަގަ ކުރައްވައި ނަޝީދު މި އަތޮޅުގައި ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމަނިކުފާނު ދެއްކެވީ ގޭދޮށު މަސް ޕްލާންޓުގެ ވާހަކަ އާއި އޮފްޝޯ ޕްލެޓްފޯމްތަކުގެ ވާހަކަ އެވެ. އޭގެ ބޭނުމަކީ ރަށުގައި ތިބެގެން މަސް ބަންދުކޮށް މަހުގެ އުފެއްދުންތައް އުފައްދައިގެން އަމިއްލަ ވިޔަފާރިތަކެއް ވުޖޫދު ކުރުމެވެ. ރަށުގައި ތިބެގެން އާމްދަނީއެއް ހޯދުމެވެ. އެއީ އެމްޑީޕީގެ ސިޔާސަތެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުންނަށް ހުށަހެޅި އެ ސިޔާސަތުތައް ރައީސް ސޯލިހުގެ ސަރުކާރުން "ތަންފީޒުނުކޮށް އޮތް އޮތުން" ނަޝީދު ގުޅުވަމުން ގެންދެވީ ކޯލިޝަންގެ ލީޑަރުންނާ އެވެ. ބެލެވޭ ގޮތުގައި، އެމަނިކުފާނު އިޝާރާތް ކުރައްވާ އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާވެރިޔާ ގާސިމް އިބްރާހީމެވެ.

"މަހުގެ އަގު އުފުލިފައި ނެތުމާ މި އިއްތިހާދާ ގުޅުމެއް އެބަ އޮތް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިއްތިހާދުގެ ލީޑަރުންނަކީ ރޯ މަސް އެކްސްޕޯޓް ކުރާ ބަޔެއް ކަން. އެހެންވެ ރައީސް ސޯލިހުގެ ސަރުކާރުން އިއްތިހާދު ދެމެހެއްޓުމަށް ޓަކައި ރޯ މަސް އެކްސްޕޯޓް ކުރުން ސިޔާސަތަކަށް ހަދައިގެން ކުރިއަށް ދިޔައީ،" ގއ. ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރި ނަމަވެސް، ގާނޫނާ އެއް ގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ނަޝީދު ވިދާޅުވާ ގޮތުން ކޯލިޝަންގެ ލީޑަރުންނަށް އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބަހަން ޖެހިފައި އޮތުމުން، އަތޮޅު ކައުންސިލްތަކަށް އެ ވަސީލަތްތައް ނުލިބުމެވެ.

"ރަށްތަކުގެ އިހުތިސޯސް ކަނޑައަޅާފައި އޮތަސް އެ ކަން ނުހިނގާ. ކޮންޓްރެކްޓްތައް ހަ މަސް ދުވަހު ތެރޭ ރަށު ކައުންސިލާ ހަވާލުކުރަން ޖެހޭނެ ކަމަށް. ހިތާމައަކީ އެކަމަކު އެހެން ނުހިނގާ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު، މިއަދު ގއ. ދެއްވަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ކުރިއަށް ނުގެންދިއުމުގެ ސަބަބުން ރަށްރަށް ވަރަށް ބޮޑަށް ފަޅުވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކޮލަމާފުށީގައި އަޅުގަނޑު ދަރިވަރުންގެ އަދަދު އަތުން ގުނައިގެން ގްރޭޑް 11،12 އުފެއްދީ، މިހާރު ނެތް، މީގެ ކުރިން އަޅުގަނޑު މި ރަށަށް އައި އިރު ވިއްސަކަށް މަސް ދޯނި އޮތަސް، ދެން އައިރު 11 ދޯނި، މިއަދު އައިސް އަހާލީމަ ބުނެފި، މިހާރު މަހަށް ފުރަނީ އެންމެ ހަތަރު ދޯންޏޭ،" އެމްޑީޕީން ތަސައްވުރުކުރި ޖަޒީރާ ރާއްޖޭގެ ދިރިއުޅުން ނުލިބޭ ކަމަށް ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.


"އަޅުގަނޑު އިއްތިހާދުވާން ބޭނުމީ ރައްޔިތުންނާ"

އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށް، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅުމުގެ ސަބަބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު ވަރަށް ބޮޑަށް ގެއްލެމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބުގައި ނުކުމެ ކާމިޔާބު ނުހޯދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވާތީ ނަޝީދު އެ ވާހަކައަށް ވެސް ރައްދު ދެއްވި އެވެ. ވިދާޅުވީ މިހާ "ދެރަވަރު" ޕާޓީއެއް ކަމަށް ދެކޭ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ސަބަބެއް ސާފުނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި އިއްތިހާދުގެ ދެ ޕާޓީއަކަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭ، ކައުންސިލް އިންތިހާބުގައި ވެސް ގޮނޑިތަކެއް މާ ބައިވަރު ލިބުނީއެއް ނޫން، އަޅުގަނޑު އިއްތިހާދު ވާން ބޭނުންވަނީ ތިޔަ ބޭފުޅުންނާ، ދިވެހި ރައްޔިތުންނާ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ނަޝީދު ވިދާޅުވީ އަނެއްކާ ވެސް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ނުކުމެ ހުންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހާއެކު ކާމިޔާބު ނުވާނެ ކަން ސާފުވާތީ ކަމަށެވެ.

"އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެބަ ފެނޭ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހާއެކު އެމްޑީޕީއަށް ކާމިޔާބުނުވާނެ ކަން، މިއީ އަންނިގެ [ނަޝީދުގެ] ޕާޓީއެއް ވެސް ނޫން، މިއީ ވަކި އިބޫގެ [ރައީސް ސޯލިހުގެ] ޕާޓީއެއް ވެސް ނޫން، މިއީ ދިވެހި ރައްޔިތުންގެ ޕާޓީއެއް،" ކޮލަމާފުށީގައި އެއްވެ ތިބި އެމްޑީޕީ ސަޕޯޓަރުން ފޯރިދެމުން ދިޔަ ވަރަކަށް ނަޝީދު ވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ޕްރައިމަރީން ނިންމީ ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ވެސް ނަޝީދު އެކަންޏެވެ. ނަމަވެސް އޭރު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނެވެ. ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެހެންވެގެނެވެ.