ރައީސް ކަނޑިތީމުގައި; މަގުމަތީ އުޅުނު މީހުން ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ މެންބަރުން ހަތް އަހަރު ވަންދެން މަގުމަތީގައި ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކަކީ ހަނދާން ނުނެތޭނެ ކަންކަން ކަމަށާއި މަގުމަތީ ހަރަކާތްތެރިވި ޕާޓީގެ މެމްބަރުންގެ އަގު ވަޒަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް ވަޑައިގެން ރައީސް ވިދާޅުވީ, ޕްރައިމަރީގައި ނިންމާ ގޮތެއްގެ މަތިން ރާއްޖޭގެ ވެރިކަން މުޅިން އެހެން ބައެއްގެ އަތަށް ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ. އަދި އެ އަނިޔާވެރިކަމާ ދިމާލަށް ރައްޔިތުން ގޮވައިގެން ވަޑައިގަންނަވަން ބޭނުންފުޅުވާނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ކުރީ ސަރުކާރުގައި އެމްޑީޕީ މެންބަރުން މަގުމަތީގައި އުޅުނު ގޮތަކީ ހަނދާން ނައްތާލެވޭނެ ގޮތްތަކެއް ނޫން ކަމަށެވެ. އަދި އެއީ ނުވާ ކަމަކަށް ހަދާފައި ތިބެވެން ނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށްޓަކައި މަގުމަތީގައި އުޅެ, އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހުނު ބަޔަކު ދޫކޮށްނުލައްވާނެ ކަމަށެވެ.
ކަނޑިތީމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ރައްޔިތުންނަށް އެހީތެރިވި ގޮތަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި 2008 ވަނަ އަހަރު ދިމާވި ފައިނޭންޝަލް ކްރައިސިސްގައި ސަރުކާރުން ރައްޔިތުންނަށް ޖެއްސި "ތުރާލަކީ" އެފަދަ ދަނޑިވަޅެއްގައި ސަރުކާރަކުން އަމަލުކުރަންޖެހޭ ގޮތް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ކަނޑިތީމުގައި; ނަޝީދު ވެރިކަން ކުރެއްވިގޮތަށް ފާދުވިދާޅުވި -- ފޮޓޯ: އެމްޑީޕީ
"ދުނިޔެއަށް ކުރިމަތިވާ ކަންކަމުގެ އަސަރު ރާއްޖެއަަށް ކުރާނެ. އެކަންކަމުގައި ސަރުކާރުން އަމަލުކުރާގޮތް މުހިންމު،" ރައީސް ވިދާޅުވި އެވެެ.
އޭގެ އިތުރުން އެމަނިކުފަނު ވަނީ, ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ބާކީ ނުކުރުމުގެ ސިޔާސަތާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި, މާލޭގައި ހުންނަ މީހަކު ސާފު ބޯފެން ބޯނަމަ ރަށުގައި ހުންނަ މީހާއަށް ވެސް ސާފު ބޮފެން ބޭނުންވާނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމާއި, އެހެނިހެން އަސާސީ ހިދުމަތްތައް ވެސް ބޭނުންވާނެ ކަމަށެވެ.
އެއީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައްކަން ސިފަކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކުގައި އެންމެ އިސްކަމެއް ދިނީ ވަކި މީހަކު ދިރިއުޅޭ ތަނެއް ބެލުމެއްނެތި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. އެގޮތުން ކުރިން ބާކީކޮށްފައި އޮތް ކަނޑިތީމު ދާއިރާގެ ފަސް ރަށަށް މި ދައުރުގައު 168 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment