Advertisement

ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއާގެ ކުންފުންޏަކަށް

19 ޖަނަވަރީ 2023 - 10:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފެލިވަރުގައި އަޅާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: ރައީސް އޮފީސް


ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއާގެ ކުންފުންޏަކަށް

19 ޖަނަވަރީ 2023 - 10:27 0

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޅ. ފެލިވަރުގައި 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖެއް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރޭ ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. މި މަޝްރޫއު ހަވާލުކުރި އިންޑިއާގެ ކުންފުނި ރައިނެކް އިންޑިއާ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕ. ސުމްވަރަން އެވެ.

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖުގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒަރެއްގެ އިތުރުން 80 ޓަނުގެ ރެފްރިޖެރޭޓިން ސީ ވޯޓާ ފެސިލިޓީއެއް ފެލިވަރުގައި ގާއިމުކުރާނެ އެވެ.

އަދި، މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެ އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ކުރިއަރައިގެން ގޮސްފައިވާ މިންވަރަށް އިންޑަސްޓްރީ ކުރިއަރާފައި ނެތުން ކަމަށް މި މަޝްރޫއުއާ ބެހޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓާއެކު މިފްކޯގެ މިއަދުގެ ސްޓޯރޭޖު ކެޕޭސިޓީ ދެގުނަ ވެގެންދާނެ، މިއާއެކު މިހާރު މަސްވެރިން ބާނާ މަސް ނުކިރިގެން އުޅޭ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ" ފައްޔާޒު

ސަރުކާރުން ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ހުރި މަސް ފިނިކޮށް ބެހެއްޓުމުގެ ކެޕޭސިޓީއަކީ 5،630 ޓަނެވެ. އަދި އޭރު ދުވާލެއްގެ މައްޗަށް ކިރޭ މަހުގެ އަދަދު ހުރީ 1،180 ޓަނުގަ އެވެ.

ނަމަވެސް، މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫއުތަކުގެ ދަށުން މަސް ފިނިކޮށް ރައްކާކުރެވޭނެ ކެޕޭސިޓީ އަށް 13،830 މެޓްރިކް ޓަނު ވަނީ އިތުރުކުރެވިފަ އެވެ. މިއާއެކު ދުވާލެއްގެ މައްޗަށް ކިރޭ މަހުގެ އަދަދަށް ވަނީ 660 ޓަނަށް އިތުރުކުރެވިފަ އެވެ.