Advertisement

މުޖޭގެ ތަސައްވުރަކީ ޕްލޭންތަކާ އެކު ހަތަރު އަހަރުން ހޭންޑްބޯޅަ އަށް ބޮޑު ބަދަލެއް

19 ޖަނަވަރީ 2023 - 09:37 0

ހޭންޑްބޯލް އެސޯސިއޭޝަންގެ އާ ރައީސް މުޖޭ: ޕްލޭންތަކާ އެކު ހޭންޑްބޯލްގެ އާ ހަރުފަތަކަށް ގެންދިއުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވަނީ ވިދާޅުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުޖޭގެ ތަސައްވުރަކީ ޕްލޭންތަކާ އެކު ހަތަރު އަހަރުން ހޭންޑްބޯޅަ އަށް ބޮޑު ބަދަލެއް

19 ޖަނަވަރީ 2023 - 09:37 0

ހޭންޑްބޯޅަ އާއިލާގެ އެންމެ ބޮޑެތި ހުވަފެންތައް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ހޭންޑްބޯޅައިގެ އާ ކުރިމަގެއް ބިނާކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގަތް، އަހުމަދު މުޖްތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ކަމަށް މުޖޭ ހޮވުނީ އެ މަގާމަށް އޭނާ އެކަނި ކުރިމަތިލުމުން ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. މުޖޭއާ އެކު އެކްސްކޯ އަށް ކުރިމަތިލި އޭނާގެ ޓީމުގެ ހުރިހާ މެންބަރުން ވެސް ވަނީ ކުލަބުތަކުގެ ތާއީދާ އެކު ވަނީ މަގާމަށް ހޮވިފަ އެވެ.

މުޖޭގެ ދެ ނައިބުންގެ ގޮތުގައި ހޮވުނީ އަލީ އިޔާޒު އާއި އަބްދުﷲ ސަލީމް އެވެ. ހަޒާންދާރަކީ މުޙައްމަދު މުހުދިން ހާލިދު އެވެ. އާންމު މެންބަރުންގެ ގޮތުގައި އެކްސްކޯ އަށް ހޮވުނީ ވިސާމް ހަސަން، އަހުމަދު ހައިސަމް، މުހައްމަދު ޒަރީރު، އަހްމަދު އިބްރާހީމްގެ އިތުރުން އައިޝަތު ރީމާ އެވެ.

އާ ދައުރަށް ހޮވުމާ އެކު "އަދަދު" އަށް ދެއްވި އިންޓަވިއުގައި މުޖޭ ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ހޭންޑްބޯޅަ ރާއްޖޭގައި ތައާރަފްކުރީސުރެ މިއަދާ ހަމައަށް އެންމެން ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށްވާ ހޭންޑްބޯޅަ އިންޑޯގެ މަސައްކަތް ކަމަށެވެ.

މުޖޭ ވިދާޅުވީ އޭނާގެ ދައުރުގައި މި ހުވަފެން ހަގީގަތަކަށް ހެދޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.

"އެންމެ ބޮޑު މަސައްކަތަކަށް އޮތީ ހޭންޑްބޯލް އިންޑޯ. މިއީ އެންމެން ވެސް އަބަދު ވެސް ދެކެމުން އަންނަ ހުވަފެން. މި މަގާމަށް އައުމުގެ ކުރިން ވެސް އިންޑޯގެ މަސައްކަތް ކުރެވުނު އެހެން ގޮތްގޮތުން. އިރާދަކުރެއްވިޔާ ހޭންޑްބޯލް ފުރަތަމަ އިންޑޯގެ މަސައްކަތް އަޅުގަނޑުގެ ދައުރުގައި ނިމޭނެ" އެސޯސިއޭޝަންގެ ނައިބް ރައީސް ކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުޖޭ ވިދާޅުވި އެވެ.

މުޖޭ ވިދާޅުވީ މިދިޔަ ދިހަ ވަރަކަށް އަހަރަށް ބަލާއިރު ހޭންޑްބޯޅަ މުޅި ރާއްޖޭގައި ބާރު ސްޕީޑެއްގައި ފުޅާވެއްޖެ ކަމަށެވެ.

ގައުމީ ހައިސިއްޔަތު ލިބުނުތާ ކުުރު މުއްދަތެއްގެ ތެރޭގައި ހޭންޑްބޯޅަ އަށް މި ލިބުނު ކުރިއެރުންތަކުން ފިލާވަޅު ނަގައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ރަނގަޅު ޕްލޭނެއް ބޭނުންވާ ކަމަށް މުޖޭ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކުރިއަށް އޮތް ހަތަރު އަހަރު ރަނގަޅު ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކޮށް އެ އިމްޕްލިމެންޓް ކުރާނެކަމަށް މުޖޭ ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އާ ހިންގާ ބޯޑު: އާ ރައީސް މުޖޭގެ ފުރިހަމަ އިތުބާރު މި ބޯޑާ މެދު އެބައޮތް ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބައިނަލްއަގްވާމީ މުބާރާތްތަކުން ހޭންޑްބޯޅަ އަށް ފުރުސަތު ލިބޭ މިންވަރު މަދުވި ނަމަވެސް އެ މުބާރާތްތަކުން ރަނގަޅު ކާމިޔާބެއް ހޯދުމަކީ މުޖޭގެ ބޮޑު އަމާޒެކެވެ. މުޖޭ ވިދާޅުވީ ރާއްޖޭގެ ހޭންޑްބޯޅަ އޮތީ ސަރަހައްދީ މެޑަލް ހޯދުމާ ވަރަށް ކައިރީގައި ކަމަށާއި އޭނާގެ ދައުރުގައި ސަރަހައްދީ ފުރަތަމަ މެޑަލް ހޯދުން ވެސް އެއީ އެއް އަމާޒު ކަމަށެވެ.

"ސައުތު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އަހަރުމެން މިއޮތީ މެޑަލް ހޯދޭ ހިސާބުގައި. އެ ގޮތުން، 2019ގައި ވެސް ވަރަށް ކައިރިން ދިޔައީ. މިހާރު ރާއްޖޭގެ ހޭންޑްބޯޅަ ކުރިއަރާފައި އޮތް މިންވަރަށް ބަލާއިރު ވަރަށް އަވަހަށް އެ ހިސާބަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް." މުޖޭ ވިދާޅުވި އެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމްވެސް މީގެ ކުރިން ފުރުއްވާފައިވާ މުޖޭ އަކީ ހޭންޑްބޯޅަ މޯލްޑިވްސް އުފެދުނީސުރެ މި ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި އަމަލީގޮތުން އެސޯސިއޭޝަންގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ.

އާ ދައުރުގެ ޕްލޭންތަކުގެ ތެރޭގައި ހޭންޑްބޯޅައިގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކްސްކޯ އަށް ލަފާދޭނެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ކުޅިވަރުގެ ޓެކްނިކަލް ކަންކަން ކުރިއެރުވުމަށް ޓެކްނިކަލް ކޮމިޓީ އެއް އެކުލަވާލުމާއި، މި ކުޅިވަރާ ގުޅުންހުރި އެކި ދާއިރާތަކުގެ ކޮމިޓީތައް އެކުލަވާލައި އެކަންކަން ހަރުދަނާ ކުރުން ހިމެނެ އެވެ. އެ ގޮތުން ކޯޗުންނާއި ރެފްރީންނާއި، އެހެނިހެން ގޮތް ގޮތުން މި ކުޅިވަރާ ގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުމާ އެކު މި ކުޅިވަރު އާ އުސްމިނަކަށް ގެންދިޔުމަކީ އަމާޒުކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.