Advertisement

އިތުރު ހިދުމަތްތަކާއެކު މީރާގެ އާ ވެބްސައިޓު އަދި މޮބައިލް އެޕު ތައާރަފުކޮށްފި

18 ޖަނަވަރީ 2023 - 23:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިތުރު ހިދުމަތްތަކާއެކު މީރާގެ އާ ވެބްސައިޓު އަދި މޮބައިލް އެޕު ތައާރަފުކޮށްފި

18 ޖަނަވަރީ 2023 - 23:35 0

އިތުރު ހިދުމަތްތަކާ އެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އާ ވެބްސައިޓާއި އާ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި އެވެ.

މީރާގެ އާ ވެބްސައިޓާއި މޮބައިލް އެޕު ތައާރަފުކޮށްދެއްވާފައި ވަނީ، މިއަދު މެންދުރުފަހު އެކަމަށް ހާއްސަކޮށް މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް އާއި މީރާ ބޯޑުގެ ޗެއާޕާސަން، އަހުމަދު ސަރުވަޝް އާދަމް އެވެ.

މީރާއިން ބުނީ އެ އޮތޯރިޓީގެ އާ ވެބްސައިޓުން މީރާއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓު މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށަހެޅޭނެ ކަމަށެވެ. އަދި އެ ވެބްސައިޓުގައި 'ލައިވް ޗެޓް' ފަންކްޝަނާއި ޓެކުހާ ގުޅޭ މުހިންމު މައުލޫމާތު ފަސޭހައިން ލިބޭނެ އިންޓަރެކްޓިވް ގައިޑްތައް ވެސް ހިމަނާފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އޭގެ އިތުރުން، އެ ވެބްސައިޓު ފަރުމާކޮށްފައި ވާނީ ޓެކުސްގެ ގާނޫނުތަކާއި ގަވާއިދުތަކާއި މީރާއިން ޝާއިރުކުރާ ތަފާސް ހިސާބުތަކާއި އަދި އެހެނިހެން މުހިންމު ހަބަރުތައް ވެސް ފަސޭހައިން ހޯދޭނެ ގޮތަށް ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މީރާއިން އަލަށް ތައާރަފު ކުރި މޮބައިލް އެޕްލިކޭޝަނަށް ބަލައިލާއިރު، ޓެކުސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް، "މީރާކަނެކްޓު" އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް "ވާރުޕޭ" ގެ ގިނަ ހިދުމަތްތައް ވެސް އެ އެޕު މެދުވެރިކޮށް ލިބޭނެކަމަށް މީރާއިން ބުނެ އެވެ.

އެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމުގެ ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑާ ވެސް ލެވޭނެ ކަމަށް ވެސް އޮތޯރިޓީން މައުލޫމާތު ދެއެވެ.

ހަމައެއާއެކު މީރާގެ ކައުންޓަރުތަކުން ހިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނެގުމާއި ކިއު ތަރުތީބު ވެސް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށް މީރާއިން ބުނެ އެވެ. އޭގެ އިތުރުން ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓުމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މީރާގެ އެޕު މެދުވެރިކޮށް ހުށަހެޅޭނެކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.

މީރާގެ މޮބައިލް އެޕްލިކޭޝަން، ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.