Advertisement

ޕްރައިމަރީއަށް "ކަޑަޖެހިޔަސް" އެމްޑީޕީ މީހުން އެ ކަމެއް ބަލައިނުގަންނާނެ: ނަޝީދު

17 ޖަނަވަރީ 2023 - 16:05 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުތައް ނުފައްދަވާ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕްރައިމަރީއަށް "ކަޑަޖެހިޔަސް" އެމްޑީޕީ މީހުން އެ ކަމެއް ބަލައިނުގަންނާނެ: ނަޝީދު

17 ޖަނަވަރީ 2023 - 16:05 1

އެމްޑީޕީގެ ޕްރައިމަރީގެ އިތުރަށް ރިޔާސީ އިންތިހާބުގެ އަހަރަށް ވެފައި، ރަށްރަށުގައި މަޝްރޫއުތައް އިއުލާންކޮށް "ކަޑަޖެހުން" ކުރިއަށް ހިނގާނެ ކަމަށާއި ނަމަވެސް ދިވެހިން އެ ކަން ބަލައިނުގަންނާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް މިއަދު ރަށްރަށަށް ވަޑައިގެން ނަޝީދުު މައިގަނޑު ގޮތެއްގައި ދައްކަވާ ވާހަކައަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ހިންގަން ފެށި މަޝްރޫއުތައް ފަހުން މަޑުޖެހުނު ކަމެވެ. އަދި, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ވެސް އެފަދަ ކަންކަން ތަކުރާރުވާނެ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އާދެ، މިއީ އިންތިހާބުގެ އަހަރު، ރައީސް މައުމޫންގެ ވެރިކަމެކޭ އެއް ގޮތަށް ކަނޑަ ޖަހާނެ ވަރަށް ގިނައިން، ފުޓުސަލް ދަނޑާއި، ފެނާއި ނަރުދަމާއާއި، ބަނދަރާއި، މިހެން ގޮސް ވަރަށް ގިނަ ސޮއިކުރާނެ،" ކ. ކާށިދުއަށް ވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނަޝީދު ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ އެމްޑީޕީން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ރަނގަޅު ސިޔާސަތުތަކެއް ހިމެނޭ ވައުދުނާމާއެއް ރައްޔިތުންނަށް ހުށަހަޅާ ކަމަށެވެ. އެކަމަކު، އެންމެ ފަހުން ވެފައިވާ ވައުދުތައް ނުފުއްދާތީ، އެމްޑީޕީގެ މެންބަރުން ހިތްހަމަނުޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީއެއް ނޫން ރައްޔިތުން ބޭނުންވާ ގޮތަކީ، [އެމްޑީޕީގެ މެނިފެސްޓޯގައިވާ] ވައުދުތައް ނުފައްދައި، އަނެއްކާ ވެސް އިންތިހާބު އަހަރު ރައްޔިތުން ކައިރިއަށް އައިސް ހަމަ އެއް ވާހަކަތަކެއް ތަކުރާރު ކުރީމައި، ރައްޔިތުން އެ ވާހަތަކެއް ގަބޫލެއް ނުކުރާނެ، އަމުދުން އެމްޑީޕީ މެންބަރުން ގަބޫލު ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ޖެނުއަރީ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،000 މީހުނަށް ވޯޓު ދެވެ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދަކީ 2008 އަދި 2013 ގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ.

2018 ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕްރައިމަރީން ނިންމީ ނަޝީދެވެ. ނަމަވެސް އޭރު އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭތީ، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާއިރު، ޕާޓީ ވަނީ އެ ދެ ފެކްޝަނަށް ބެހިފަ އެވެ. އަދި, ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންނާއި ސަޕޯޓަރުން ވެސް ގެންދަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.