Advertisement

ފެބްރުއަރީ 15 އިން ފެށިގެން އާޓް ގެލެރީ ދޫކުރަން ފަށަނީ

16 ޖަނަވަރީ 2023 - 17:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަނެއް؛ އަންނަ ފެބްރުއަރީ 15 އިން ފެށިގެން ގެލެރީ ދޫކުރަން ފަށާނެކަން އިއުލާންކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފެބްރުއަރީ 15 އިން ފެށިގެން އާޓް ގެލެރީ ދޫކުރަން ފަށަނީ

16 ޖަނަވަރީ 2023 - 17:15 0

މާރާމާތަށް މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އާޓް ގެލެރީ ބަންދުކޮށްފައި އޮވެ، އާޓިސްޓުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް އަންނަ ފެބްރުއަރީ މަހުގެ 15 ވަަނަ ދުވަހުން ފެށިގެން އާޓް ގެލެރީ ދޫކުރަން ފަށާނެ ކަމަށް އިއުލާންކޮށްފި އެވެ.

ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ ފެބްރުއަރީ 15 އިން ފެށިގެން، މީގެ ކުރިން ވެސް އަމަލުކުރަމުުން އައި އުސޫލުން ގެލެރީ ބުކްކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަން އޮންނަ ފޯމު މެދުވެރިކޮށް ކުއްޔަށް ހިފޭނެ ކަމަށެވެ.

އާޓިސްޓުންގެ ޖަމިއްޔާ، މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ގިނަ ދުވަސްތަކެއް ވަން ދެން ގެލެރީ ބަންދުކޮށްފައި ހުންނާތީ ގިނަ އާޓިސްޓުންނަށް އޭގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެ ޖަމިއްޔާއިން ބާއްވަން ރާވާފައިވާ ގިނަ އިވެންޓުތައް ވެސް އޭގެ ސަބަބުން ބޭއްވިފައިނުވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން، ކޮންމެ އަހަރަކު އާޓިސްޓުންގެ އުފެއްދުންތައް ދައްކަން ބާއްވާ "އަންވޭލިން އެގްޒިބިޝަން" މިދިޔަ އަހަރު ބޭއްވޭ ގޮތެއް ނުވި އެވެ.

"ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވާ ކަމީ ރާއްޖޭގެ އާޓު ދާއިރާއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ،" އާޓިސްޓުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާޓްސް އެންޑް ކަލްޗަރު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއީލް ނާއިލް ނާޝިދު "އަދަދު" ނޫހަށް ވިދާޅުވީ މިހާރު ނުކުރެވި އޮތީ ގެލެރީގެ ފިނިޝަން ބައެއް މަސައްކަތްތައް ކަމަށެވެ. އަންނަ މަހު ތެރޭގައި ނިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއިން ބައެއް މަސައްކަތް ކުރާނެ ބަޔަކު ހޯދަން ގެޒެޓްގަ އިއުލާންކޮށްފަ ވެސް ވާނެ، އެ މަސައްކަތްތައް ނިންމާފަ މި ބަލަނީ އަންނަ މަހުގެ ތެރޭގައި އެގްޒިބިޝަންތައް ބާއްވަން އާޓިސްޓުންނަށް ދޫކުރަން ފަށާނެ،" ނާއިލް ވިދާޅުވި އެވެ.

އާޓިސްޓުންގެ އަމިއްލަ އެގްޒިބިޝަންތަކާއި، އާޓު ޖަމިއްޔާގެ އެފަދަ އިވެންޓުތަކާއި، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އިވެންޓުތައް އަބަދުވެސް ބާއްވަނީ އެ ގެލެރީގަ އެވެ. އެކަމަކު އެހެން ވިޔަފާރި އިވެންޓުތަކަށް ދޫކުރާތީ، އާޓިސްޓުން ބޭނުންވާ ވަރަށް ހަރަކާތްތައް ނުބޭއްވޭ ކަމުގެ ޝަކުވާ އޮވެ އެވެ.