16 ޖަނަވަރީ 2023 - 13:21 0
އަހުމަދު ސައީދު
މީރާ ހިންގާ އިމާރާތް: މިދިޔަ އަހަރު 22 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވޭ-- އަދަދު ފައިލް ފޮޓޯ
16 ޖަނަވަރީ 2023 - 13:21 0
މިދިޔަ އަހަރަށް ދައުލަތުން އަންދާޒާ ކުރި އަދަދަށް، 22 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ސަރުކާރުން 2022 ވަނަ އަހަރަށް ހުށަހެޅި ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 24.28 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 21.37 ބިލިއަން ރުފިޔާ އަކީ ހިލޭ އެހީ ނުލައި، ޓެކްސް އާއި ބިމު ކުއްޔާއި އެނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 2.91 ބިލިއަން ރުފިޔާ އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ، 2021 ގައި ލިބުނު 15.7 ބިލިއަން ރުފިޔާގެ އާމްދަނީ އަށްވުރެ 28.6 ޕަސެންޓް އިތުރުވެފައިވެ އެވެ.
މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 16 ބިލިއަން ރުފިޔާ އަކީ އެކިއެކި ޓެކްސްގެ ގޮތުގައި ލިބިފައިވާ ވަރެވެ. އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ، އާންމު ހިދުމަތާއި މުދަލުގެ އަގުން ނަގާ ހަ ޕަސެންޓް ޖީއެސްޓީ އިންނެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އާ ނުގުޅޭ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރު ކޮށްދީގެންނާއި ރިސޯޓް ތަކުގެ ކުލީގެ ގޮތުގަ އެވެ. ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދީގެން 1.96 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކުލީގެ ގޮތުގައި ވެސް 1.92 ރުފިޔާ ލިބިފައިވެ އެވެ. ރިސޯޓް ތަކުގެ ކުލީގެ ގޮތުގައި 2021 ވަނަ އަހަރު ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހިލޭ އެހީ ހިމެނޭހެން، މި އަހަރު ދައުލަތަށް 32 ބިލިއަން ރުފިޔާ ލިބެނޭ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެ އެވެ.
އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބަލާފައިވެ އެވެ.
Comment