Advertisement

ހަވާޓްޒް، ޗެލްސީގެ މޮޅު ހާއްސަކުރީ މަރުވި ލެޖެންޑް ވިއާލީ އަށް

16 ޖަނަވަރީ 2023 - 12:25 0

ޕެލަސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޗެލްސީގެ ޖަރުމަނު ފޯވާޑް ހަވާޓްޒް އުފާފާޅުކުރަނީ: ހަވާޓްޒް ވަނީ މި މޮޅު ޗެލްސީގެ ލެޖެންޑް ވިއާލީ އަށް ހާއްސަކުރާ ކަމަށް ބުނެފައި.


ހަވާޓްޒް، ޗެލްސީގެ މޮޅު ހާއްސަކުރީ މަރުވި ލެޖެންޑް ވިއާލީ އަށް

16 ޖަނަވަރީ 2023 - 12:25 0

ލަންޑަން (ޖެނުއަރީ 16) - ޕްރެޝަރު ވަގުތެއްގައި ޗެލްސީން ރޭ، އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރި ކައި ހަވާޓްޒް، އެ މޮޅު ހާއްސަކޮށްފައިވަނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން މަރުވި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް، ޖިއާންލޫކާ ވިއާލީ އަށެވެ.

ޖެނުއަރީ ހަ ވަނަ ދުވަހު، އުމުރުން 58 އަހަރުގައި ވިއާލީ، މަރުވިއިރު، އޭނާ އައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. ވިއާލީ އަކީ ޗެލްސީ އަށް ކުޅުމުގެ އިތުރުން ޓީމުގެ މެނޭޖްމަންޓްގައި ވެސް މަސައްކަތްކުރި ފަރާތެކެވެ.

ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވިއާލީ ޗެލްސީ އަށް ބަދަލުވީ 1996 ވަނަ އަހަރެވެ. ޗެލްސީ އަށް ކުޅެމުން، 1998 ވަނަ އަހަރު ސީޒަންގެ ފަހުކޮޅު ރޫޑް ގުލިޓް އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމުން، ވިއާލީ ވަނީ އެ ޓީމުގެ ކޯޗުގެ ޒިންމާތަކާ ވެސް ހަވާލުވެފަ އެވެ.

ވިއާލީގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ލީގު ކަޕާއި ޔުއެފާ ކަޕް ވިނާސް ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ވިއާލީ އަކީ ޕްރިމިއާ ލީގު ކްލަބެއްގެ ކޯޗުކަން ކުރި އިޓާލީގެ ފުރަތަމަ ކޯޗެވެ. ޗެލްސީއާ އެކު 2000 ވަނަ އަހަރު އެފްއޭ ކަޕް ވެސް ވިއާލީ ކާމިޔާބުކުރި އެވެ. އެކަމަކު، ޖެހިގެން އައި ސީޒަންގައި ޗެލްސީން ވަނީ އޭނާ ވަކިކޮށްފަ އެވެ.

ޕެލަސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޗެލްސީގެ ހަވާޓްޒްް އުފާފާޅުކުރަނީ.


ޕެލަސް މެޗަށް ފަހު ހަވާޓްޒް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ރޭ ބުނީ މި މޮޅު ހާއްސަކުރާނީ ވިއާލީ އަށް ކަމަށެވެ. ވިއާލީ އަކީ ޗެލްސީ އަށް ހުރިހާ ގޮތަކުން ވެސް ހިދުމަތްކުރި ހާއްސަ ލެޖެންޑެއް ކަމަށާއި އެކަން އަބަދުވެސް ހަނދާން ކުރުން މުހިންމު ކަމަށް ހަވާޓްޒް ވަނީ ބުނެފަ އެވެ.

"މި މެޗު ފެށުމުގެ ކުރިން ވެސް އަހަރެމެންނަށް ފެނުނު ސަޕޯޓަރުންގެ ހިތުގައި އޭނާ (ވިއާލީ) އަށް ޓަކައި އޮތް ލޯބި. އެ ފަދަ ލެޖެންޑަކަށް އިހުތިރާމް އަދާކުރަން ޖެހޭނީ އެންމެ ފުރިހަމަ ކޮށް ކަމަށް ދެކެނީ. ޕެލަސް އަތުން މި ލިބުނީ އަހަރެމެންނަށް މުހިންމު މޮޅެއް، އުނދަގޫ ވަގުތެއްގައި ހޯދުނު މި މޮޅު ހާއްސަކުރަނީ ވިއާލީ އަށް،" ހަވާޓްޒް ބުންޏެވެ.

ރޭގެ މެޗަކީ އެންމެ ފަހުން ޗެލްސީން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ މެޗެވެ.

ހަވާޓްޒް ބުނީ ޕެލަސް އަތުން ލިބުނު ތިން ޕޮއިންޓާ އެކު ކުރިއަށްދާން ޓީމުގެ ރޫހު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ޗެލްސީގައި މި ވަގުުތު އަނިޔާގައި ތިބި ކުޅުންތެރިން ޓީމަށް އެނބުރި އަންނަން ފެށުމާ އެކު ސީޒަނުގެ ބާކީ ބައިގައި ޗެލްސީ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހަވާޓްޒް ގަބޫލުކުރެ އެވެ.