Advertisement

ސުޕަ ކަޕްގެ ކާމިޔާބާއެކު ބާސެލޯނާގެ ރައީސްގެ އިތުބާރު ޒަވީ އަށް

16 ޖަނަވަރީ 2023 - 11:49 0


ސުޕަ ކަޕްގެ ކާމިޔާބާއެކު ބާސެލޯނާގެ ރައީސްގެ އިތުބާރު ޒަވީ އަށް

16 ޖަނަވަރީ 2023 - 11:49 0

ރިޔާދު (ޖެނުއަރީ 16) - ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރޭ ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިިއިރު، މި ކާމިޔާބާ އެކު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް އޮތް އިތުބާރު އެ ކްލަބުގެ ރައީސް ހުއާން ލަޕޯޓާ ވަނީ ހިއްސާކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ރޭ ކުޅުނު ފައިނަލްގައި ރެއާލް އަތުން ބާސާ މޮޅުވީ 3-1 އިންނެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޒަވީ ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ތަށްޓެވެ.

މާލީ މައްސަލަތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް، އެކި ގޮތްގޮތުން ބަޖެޓް ހޯދައިގެން ބާސެލޯނާ އިން ވަނީ މި އަހަރު ގިނަ ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. އެ ގޮތުން ރޮބަޓް ލެވަންޑޯސްކީ އާއި ރަފީނިއާ އަދި ޖޫލްސް ކޫންޑޭ ހިމެނެ އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ބާސެލޯނާ ކެޓުމާ އެކު، ޒަވީ އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ބާސެލޯނާގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނީ ކާމިޔާބީތައް ހޯދައިގެން ކަމަށް ޒަވީ ވަނީ ކުރިން ބުނެފަ އެވެ.

ބާސެލޯނާ އަށް ރޭ ލިބުނު ކާމިޔާބަށް ފަހު، ޒަވީއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ވަނީ ހާމަކުރައްވައިފަ އެވެ.

"ވަރަށް މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމެއް މިއީ. މި ޓީމު ލީޑު ކުރަނީ ވަރަށް މޮޅު ކޯޗެއް. އަހަންނަށް ޒަވީއާމެދު އިތުބާރު އެބައޮތް،" ލަޕޯޓާ ބުންޏެވެ.

ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޒަވީ ވަނީ ބާސާއާ އެކު އަށް ފަހަރު ސްޕެނިޝް ލީގު އަދި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މެޗަށް ފަހު ޒަވީ ބުނީ ބާސެލޯނާ އިން ހޯދި ކާމިޔާބަކީ މުޅި ޓީމަށް ވެސް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"އަހަރަމެން ތިބީ މެޑްރިޑަށްވުރެ ބޮޑަށް މި ތަށި ބޭނުންވެފައި. މެޑްރިޑުން ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފިި (ފަހުގެ ތާރީހުގައި)." ޒަވީ ބުންޏެވެ.

ސްޕެނިޝް ސުޕަ ކާމިޔާބާ އެކު ބާސެލޯނާ އަށް ފޯމުގައި ކުރިއަށްދާން ފަސޭހަވާނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.