16 ޖަނަވަރީ 2023 - 08:27 0
ސްޕެނިޝް ސުޕަ ކަޕްގެ ތަށްޓާ އެކު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.
16 ޖަނަވަރީ 2023 - 08:27 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 16) - ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރޭ ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ބާސެލޯނާ އިން ފުރަތަމަ ތަށި ހޯދައިފި އެވެ.
ކުރިން ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާސެލޯނާއާ ހަވާލުވެ، އެ ޓީމު ގޮވައިގެން މިހާތަނަށް ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކުރިއިރު، މިއީ ތަށްޓެއްގައި އަތްލެވުނު ފުރަތަމަ ފަހަރެވެ.
ރެއާލާ ދެކޮޅަށް ސުޕަ ކަޕް ފައިނަލުގައި ރޭ ބާސެލޯނާ އިން މޮޅު ކުޅުމެއް ދެއްކި އެވެ. މިއީ ފަސް އަހަރު ތެރޭ ބާސެލޯނާ އަށް ސްޕެއިނުގެ ސުޕަ ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅެމުންދިޔައިރު، މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގަވީ އެވެ. އެ ގޮތުން، ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކަށް އޭރިއާތެރެއަށް އަަރައި، ގަވީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ގަވީ (ވ) އާއި ޕެޑްރީ އުފާފާޅުކުރަނީ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކުރި އެވެ. މި ފަހަރު ގަވީ ދިން ބޯޅަ އަކަށް ހުސްކޮށް އަރައި މި ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ބާސެލޯނާގެ ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެެރެއިން އޮސްމާން ޑެމްބެލޭ ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 69 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޕެޑްރީ އެވެ. މިއީ އޭރިއާތެރެއިން ގަވީ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، ޕެޑްރީ ޖެހި ގޯލެކެވެ.
ރެއާލުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ ފުރަތަމަ ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން އަތުގައި ޖެހިފައި ނުކުތްއިރު، ރީބައުންސް ބޯޅަ ވަނީ ހަމަޖެހިލައިފައި ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ މިއީ ވަރަށް މޮޅަށް ކުޅެގެން ބާސެލޯނާ އިން ހޯދި މޮޅެއް ކަމަށާއި މެޗުގައި ވިދާލި ގަވީގެ ފަރާތުން ފެނުނީ އާދަޔާހިލާފު ކުޅުމެއް ކަމަށެވެ. ރެެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނީ ރަނގަޅަށް ކުޅުނީ ބާސެލޯނާ ކަމަށާއި ރެއާލަށް މި މެޗުން އެއްޗެއް ހާސިލްކުރެވޭ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށެެވެ.
Comment