Advertisement

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސަކަށް މުޖުތަބާ، އަހުމަދު ނިންމެވީ ކުރިމަތިނުލަން

15 ޖަނަވަރީ 2023 - 10:14 0

ހޭންޑްބޯލް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން މުޖުތަބާ ވާހަކަ ދައްކަވަނީ.


ހޭންޑްބޯލް މޯލްޑިވްސްގެ ރައީސަކަށް މުޖުތަބާ، އަހުމަދު ނިންމެވީ ކުރިމަތިނުލަން

15 ޖަނަވަރީ 2023 - 10:14 0

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ދައުރަށް ކުރިމަތިނުލާން މިހާރުގެ ރައީސް އަހުމަދު އިސްމާއިލް ނިންމަވައިފި އެވެ.

މިފަހަރު އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އެސޯސިއޭޝަންގެ ނައިބް ރައީސްގެ ގޮތުގައި ހުރި އަހުމަދު މުޖްތަބާ (މުޖޭ) އެވެ. މުޖްތަބާ ވަނީ އެސޯސިއޭޝަންގެ ނައިބް ރައީސްގެ އިތުރުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރުއްވައިފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ޖަލްސާ ބާއްވަން ނިންމާފައިވާއިރު، މި ފަހަރު ހުރިހާ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ. އެހެންކަމުން ހުރިހާ މަގާމަކަށްވެސް ބޭފުޅުން ކަނޑައެޅުމުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން 2015 ގައި ނިންމިއިރު ވެސް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ އަކަށް ހުރީ މުޖުތަބާ އެވެ.

މިހާރު އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި އަހުމަދު އިސްމާއިލް އެ އެސޯސިއޭޝަންގެ ރައީސް ކަމާ ހަވާލުވީ 2016 ގަ އެވެ. އެ ގޮތުން، 2016 ގެ ޖުލައި މަހު އޮތް ބައި އިލެކްޝަންގައި ރައީސް ކަމަށް އަހުމަދު އިސްމާއިލް ހަވާލުވެވަޑައިގަތީ އޭރު ރައީސަކަށް ހުންނެވި އިބްރާހިމް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2018 ގެ އިންތިހާބުގައިވެސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަނެއްކާ އަހުމަދު އިސްމާއިލް ކުރިމަތިލެއްވި އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އަހުމަދު އިސްމާއިލް: އަހުމަދު އަންނަނީ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހޭންޑްބޯޅަ ކުރިއެރުވުމަށް އަހުމަދުގެ ދައުރުގައި އޭނާ ގިނަ މަސައްކަތްތަކެއް އޭނާގެ ދައުރުގައި ކުރެއްވި އެވެ. މިވަގުތު މުޅި ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އަދި އެންމެ ގިނަ މުބާރާތްތައް ބާއްވަމުން އަންނަ ކުޅިވަރުގެ ގޮތުގައި ފާހަގަކުރަން ޖެހެނީ ހޭންޑްބޯޅަ އެވެ.

"އެހެން ފަރާތްތަކަށް ފުރުސަތުދޭން މިފަހަރު ކުރިމަތިނުލާން ނިންމީ. ހޭންޑްބޯޅަ ކުރިއެރުވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް އުއްމީދުކުރަނީ. ކުރިއަށް އޮތް ތާނގައިވެސް ހޭންޑްބޯޅަ އަށް އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ. އެއީ ކޮންމެ ބަޔަކު ހިންގަން ތިބިކަމުގައި ވިޔަސް." ހޭންޑްބޯޅަ ހިންގުމުގެ ތެރެއަށް އައުމުގެ ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަން ހިންގުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އަހުމަދު ވިދާޅުވި އެވެ.

މި ފަހަރު ހޭންޑްބޯޅަ އެސޯސިއޭޝަންގެ ދެ ނައިބުންގެ ގޮތުގައި ކުރިމަތިލާފައިވަނީ އަލީ އިޔާޒު އާއި އަބްދުﷲ ސަލީމް އެވެ. މިއީ މިދިޔަ ދައުރުގައި ވެސް އެސޯސިއޭޝަންގެ އެކްސްކޯގައި ހަރަކާތްތެރިވި މެންބަރުންނެވެ. ހަޒާންދާރަކަށް ކުރިމަތިލާފައިވަނީ މުޙައްމަދު މުހުދިން ހާލިދު އެވެ.

އާންމު މެންބަރުންގެ މަގާމަށް ކުރިމަތިލީ ވިސާމް ހަސަން، އަހުމަދު ހައިސަމް، މުހައްމަދު ޒަރީރު އަދި އަހްމަދު އިބްރާހީމް އެވެ. މީގެ އިތުރުން އަންހެން މެންބަރު ކަމަށް އައިޝަތު ރީމާ ވެސް ވަނީ ކުރިމަތިލާފަ އެވެ.