Advertisement

ޓީއެމްއޭ ހެކު ކުރި ކަމަށް ބުނާ މައްސަލައިގައި ބަހެއް ނުބުނި، ފުލުހުންނަށް ވެސް ހުށަހަޅާފައެއް ނެތް

14 ޖަނަވަރީ 2023 - 12:55 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޓީއެމްއޭ މަތިންދާބޯޓެއް އުދުހެނީ: އެ ކުންފުނީގެ ސާވާތަކެއް ހެކުކޮށް ގިނަ ޑޭޓާތަކެއް ވަގަށް ނަގާފައި ކަމަށް ބެލެވޭއިރު މިހާތަނަށް އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައެއް ވެސް ނުވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޓީއެމްއޭ ހެކު ކުރި ކަމަށް ބުނާ މައްސަލައިގައި ބަހެއް ނުބުނި، ފުލުހުންނަށް ވެސް ހުށަހަޅާފައެއް ނެތް

14 ޖަނަވަރީ 2023 - 12:55 0

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސާވާތަކެއް ހެކުކޮށް، އޭގައި ހުރި ވަރަށް ގިނަ މައުލޫމާތުތައް ވަގަށް ނަގާފައިވާ ކަމަށް އެފަދަ ވައްކަން ކުރާ ގްރޫޕަކުން ބުނެފައިވާއިރު، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. މިހާތަނަށް އެ މައްސަލައިގައި ޓީއެމްއޭއިން އެއްޗެއް ބުނެފައެއް ވެސް ނުވެ އެވެ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ ސާވާތަކެއް ހެކުކޮށް އެކުންފުނީގެ މައުލޫމާތުތަކެއް ނަގާފައިވާ ކަމަށް ބުނެފައި ވަނީ "ރެންސަމްހައުސް" އިންނެވެ. ޓީއެމްއޭގެ ސާވާތަކުން 350 ޖީބީގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ.

ނަމަވެސް އެ މައްސަލައިގައި މިއަދު މި ނޫހުން ގުޅުމުން އެފަދަ ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަން ވެސް ޓީއެމްއޭއަކުން ނުބުންޏެވެ. އަދި އެ މައްސަލައިގައި ފުލުހުންނަށް ގުޅުމުން ބުނީ ޓީއެމްއޭގެ ސާވާތަކެއް ހެކު ކުރި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ސާވާ ހެކުކޮށްފައިވާ ކަމަށް ބުނާ ރެންސަމް ހައުސްއިން އިއްޔެ އާންމުކުރި ނޯޓެއްގައި ބުނެފައިވާ ގޮތުން ޑިސެމްބަރު 31، ވަނަ ދުވަހު އެ ގުރޫޕުން ވަނީ ޓީއެމްއޭ ހެކްކޮށް ޖުމްލަ 350 އަށްވުރެ ގިނަ ޖީބީގެ ޑޭޓާ ވަގަށް ނަގައިފަ އެވެ. އަދި ޑޭޓާގެ ސައްހަކަން ދެއްކުމަށް ސާމްޕަލް ޑޭޓާތަކެއް އެ ގުރޫޕުން ވަނީ އާންމުކޮށްފަ އެވެ. ރެންސަމްހައުސްގެ ޑިމާންޑަކީ ޑޭޓާ ލީކުނުކުރާ މަތިން ފައިސާ ދިނުމެވެ.

ޓީއެމްއޭއަކީ އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ކުންފުނީގެ ސީޕްލޭންތަކުގައި ދަތުރުކުރާ ކުންފުންޏެކެވެ. އެހެންކަމުން ޓީއެމްއޭގެ ސާވާތަކުގައި ކުންފުނީގެ މައުލޫމާތުގެ އިތުރުން ކަސްޓަމަރުންގެ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ޓީއެމްއޭގެ ސާވާތަކެއް ހެކުކޮށް ގިނަ އަދަދެއްގެ ޑޭޓާތަކެއް ފޭރިގެންފައިވާ ކަމަށް ބެލެވޭއިރު، މިދިޔަ ޑިސެމްބަރު މަހާއި މި މަހު ވެސް ޓީއެމްއޭގެ ސިސްޓަމްތަކަށް މައްސަލަތަކެއްޖެހިގެން އުޅުނެވެ. ނަމަވެސް އެއީ ކީއްވެ ދިމާވި މައްސަލަތަކެއްކަން އެ ކުންފުނިން ހާމައެއްނުކުރެ އެވެ. އެކަމަކު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަސްޓަމަރުން ޗެކްއިން ކުރުމަށާއި މުވައްޒަފުންގެ ޑިއުޓީ ރޯސްޓާއަށް "ބުރޫއެރި" ކަމަށް ޓީއެމްއޭއިން ބުނެފައިވެ އެވެ.

ޓީއެމްއޭ އުފައްދާފައި ވަނީ 1993 ވަނަ އަހަރު ދެ ބޯޓާއެކު އެވެ. އޭގެ ފަހުން މޯލްޑިވިއަން އެއާ ޓެކްސީ އާއި ޓީއެމްއޭ އާއި ބައިނަލްއަގްވާމީ އިންވެސްޓްމެންޓް ކުންފުނި ބްލެކްސްޓޯންސާއެކު ޕާޓްނާޝިޕަކަށްދިޔަ އެވެ. ނަމަވެސް އޭގެ ފަހުން 2017 ވަނަ އަހަރު ބެއިން ކެޕިޓަލް ޕްރައިވެޓް އިކުއިޓީން ވަނީ އެ ކުންފުނި ގަނެފަ އެވެ. ބެއިންއަކީ އެމެރިކާގައި މައި އޮފީސް ހުންނަ މުޅި ދުނިޔޭގައި ވެސް އިންވެސްޓު ކުރާ ކުންފުންޏެކެވެ.