13 ޖަނަވަރީ 2023 - 20:43 0
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޓީއެމްއޭގެ ޗެކްއިން ގޭޓު --
13 ޖަނަވަރީ 2023 - 20:43 0
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސާވާ ހެކްކޮށް ގިނަ އަދަދެއްގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް މަޝްހޫރު ހެކަރުންގެ ގްރޫޕް ރެންސަމް ހައުސްއިން ބުނެފި އެވެ.
ރެންސަމް ހައުސްއިން މިއަދު އާންމުކުރި ނޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ގުރޫޕުން ވަނީ ޓީއެމްއޭ ހެކްކޮށް ޖުމްލަ 350 އަށްވުރެ ގިނަ ޖީބީގެ ޑޭޓާ ވަގަށް ނަގައިފަ އެވެ. އަދި ޑޭޓާގެ ސައްހަކަން ދެއްކުމަށް ސާމްޕަލް ޑޭޓާތަކެއް އެ ގުރޫޕުން ވަނީ އާންމުކޮށްފަ އެވެ.
ރެންސަމް ހައުސްއަކީ އާންމުކޮށް މިފަދަ ޑޭޓާގެ ބަދަލުގައި ބޮޑެތި އަދަދުތަކުން ފައިސާއަށް ޑިމާންޑު ކުރާ ގުރޫޕެކެވެ.
މިކަމާ ގުޅިގެން ޓީއެމްއޭއިން މިހާތަނަށް ބަހެއް ނުބުނެ އެވެ.
ރެންސަމް ހައުސް އިން އާންމުކުރި ނޯޓު
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ގޮތުގައި އޮތް ޓީއެމްއޭ މެދުވެރިކޮށް އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުން ދަތުރުކުރެ އެވެ. މި ހުރިހާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ވެސް ހިމެނޭ ޓީއެމްއޭގެ ސާވާ ހެކްކޮށްފައި ވާއިރު، ވަގަށް ނެގި ޑޭޓާގެ ތެރޭގައި އެ މައުލޫމާތު ހިމެނޭ ކަމެއް އަދި ނޭނގެ އެވެ.
ރެންސަމް ގުރޫޕުން ޓީއެމްއޭގެ ސާވާ މިދިޔަ މަހުގެ 31 ގައި ހެކްކުރި އިރު މިދިޔަ މަހާއި މި މަހުގެ ތެރޭގައި ވެސް ޓީއެމްއޭގެ އެކި ސިސްޓަމްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. އެގޮތުން ޗެކްއިން އަދި މުވައްޒަފުންގެ ޑިއުޓީ ރޯސްޓާތަކަށް ބުރޫއެރި ކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
Comment