Advertisement

ޕެނަލްޓީން މޮޅުވެ ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރެއާލާ ދެކޮޅަށް

13 ޖަނަވަރީ 2023 - 09:59 0

ބާސެލޯނާގެ ކީޕަރު ސްޓެގެން ޕެނަލްޓީއެއް މަތަކުރަނީ.


ޕެނަލްޓީން މޮޅުވެ ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރެއާލާ ދެކޮޅަށް

13 ޖަނަވަރީ 2023 - 09:59 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 13) - ސްޕެނިޝް ސުޕަ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭގެ ސެމީ ފައިނަލްގެ 90 މިނިޓް ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ދެ ޕެނަލްޓީ މަތަކޮށް އެ ޓީމު މޮޅުކޮށްދިނީ އެވެ.

އާދިއްތަ ދުވަހުގެ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ވާދަވެރި ރެއާލާ ދެކޮޅަށެވެ. ރެއާލް ފައިނަލުން ފުރުސަތު ހޯދީ ޕެނަލްޓީގައި ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، 2020 ވަނަ އަހަރު، ހަތަރު ޓީމުގެ ފޯމެޓަށް ސްޕެއިނުގެ ސުޕަ ކަޕް ބާއްވަން ފެށި ފަހުން، ބާސެލޯނާ އަށް މި މުބާރާތް ކާމިޔާބު ނުކުރެވެ އެވެ. ހަތަރު ޓީމުގެ ފޯމެޓަށް ބޭއްވި، ތިން މުބާރާތުގެ ތެރެއިން ދެ ފަހަރު ޗެމްޕިއަންކަން ހޯދީ އެންމެ ފަހުން ފަހަރު ވެސް މި މުބާރާތުގެ ތަށި އުފުލާލި ރެއާލުންނެވެ.

ސަސްޕެންޝަނަކުން ސަލާމަތްވެ، އެނބުރި އައިސް ރޭގެ މެޗުގައި ކުޅުނު ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް މުހިންމު ގޯލެއް ޖަހައިދީފައި.


ރޭގެ މެޗުގައި ބާސެލޯނާ އިން ވަނީ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި ރެއާލް ބެޓިސްގެ ފްރާންސް މިޑްފީލްޑަރު، ނަބީލް ފެކީރް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އޭރިއާތެރެއިން އަންސޫ ފާޓީ ވޮލީ އަކުން ޖެހި މޮޅު ގޯލަކުންނެވެ. މެޗު ޕެނަލްޓީއާ ހަމައަށް ދާން ޖެހުނީ ބެޓިސް އިން ލޮރެން މޮރޯން ބެކްހީލް ފްލިކަކުން ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމި ޕެނަލްޓީ ޖަހަން ޖެހުނުއިރު، ބާސެލޯނާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. ބާސެލޯނާގެ ޕެނަލްޓީތައް ޖެހީ ލެވަންޑޯސްކީ، ފްރޭންކް ކެސިއޭ، ފާޓީ އަދި ޕެޑްރީ އެވެ.

ބެޓިސް އިން ފުރަތަމަ ދެ ޕެނަލްޓީ ފޮނުވާލި ވިލިއަން ހޯސޭ އާއި މޮރޯން ކާމިޔާބުކުރި އެވެ. އެކަމަކު، ދެން ބެޓިސް އިން ފޮނުވާލި ދެ ޕެނަލްޓީ ޖަހަން ދިޔަ، ހުއާންމީ އާއި ވިލިއަމް ކަވާލިއޯ ޖެހި ބޯޅަތައް ކީޕަރު ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާސެލޯނާގެ ކޯޗަކަށް ގެނައި، ކުރީގެ ކެޕްޓަން، ޒަވީ ހެނާންޑޭޒް އެ ޓީމާ ހަވާލުވި ފަހުން ތަށްޓެއް ހޯދަން ލިބޭ ރަނގަޅުު ފުރުސަތެކެވެ.